13 Jan 2013, 15:19
މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ހޯމް ޖާޒީގައި ބޭނުން ކުރާނީ "ސްކައި ބްލޫ" (މަޑު ނޫކުލަ) ކަމަށް ޓީމުގެ މެނޭޖްމަންޓުން އިއުލާނުކުރިތާ ތިން ދުވަސް ފަހުން އަނެއްކާވެސް ޓީމުގެ ހޯމް ޖާޒީގެ ކުލައަކީ "ނޭވީ ބްލޫ" (ގަދަ ނޫކުލަ) ކަމަށް އެ ޓީމުގެ މެނެޖްމަންޓުން ބުނެފި އެވެ.
މީގެ ކުރިން އެ ޓީމުން ބޭއްވި ޕްރެސް މީޓިންއެއްގައި ނިއުގެ ޖާޒީގެ ކުލަ މަޑުނޫކުލައަށް ބަދަލު ކުރުމާއި ބެހޭގޮތުން އެ ޓީމުގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު (ބަލަކް) ވިދާޅުވީ މިފަހަރު ޓީމުގެ ކުލަ ބަދަލުކޮށްލީ ހުސްވި އަހަރު ސަޕޯޓަރުންގެ މެދުގައި މަޑު ނޫކުލައަށް ބޮޑު ތަރުހީބެއް ލިބިފައި ވުމާއި އަދި ރަހަ ތަފާތު ކޮށްލުމުގެ ގޮތުން ކަމަށެވެ.
"އަޅުގަނޑުމެންގެ ހޯމް ޖާޒީއެއްގެ ގޮތުގައި މިފަހަރު މިދަނީ ސްކައި ބްލޫއަށް. އެއީ މީގެ ކުރިންވެސް އަޅުގަނޑުމެން ހުންނާނެ ސްކައި ބްލޫގައި ކުޅެފައި. އެހެން ކަމުން އަޅުގަނޑުމެން މިފަހަރު މިބަލަނީ ތަފާތެއް ގެންނަން. ބޭރު ގައުމުތަކުގައިވެސް އެކި ފަހަރު މިގޮތަށް 'ފްލަޔާ' ތަފާތު ކޮށްލާ. އަދި އަޅުގަނޑުމެންގެ ސަޕޯޓަރުންގެ މެދުގައިވެސް ސްކައި ބްލޫވަނީ މިދިޔަފަހަރު ވަރަށް ބޮޑަށް ހިނގާފައި،" ބަލަކް ކުރިން ވިދާޅުވި އެވެ.
ނިއުގެ ހޯމް ޖާޒީގެ ކުލަ އަލުން ގަދަ ނޫކުލައަށް ބަދަލުކޮށްފައި މި ވަނީ ޓީމުގެ ސަޕޯޓަރުން މަޑު ނޫކުލައަށް ނޫނެކޭބުނެ އަދިވެސް ސަޕޯޓަރުން ބޭނުން ވަނީ ގަދަނޫކުލަ، ކަމަށް ޓީމުގެ މެނޭޖްމަންޓުގައި އެދުމުން ނެވެ.
ހޯމް ޖާޒީގެ ކުލަ މަޑު ނޫކުލައިން ގަދަ ނޫކުލައަށް އަނެއްކާ ވެސް ބަދުލުކުރިކަން ނިއުއިން ހާމަކޮށްފައިވަނީ މިއަދު އެފްއޭއެމް ހައުސްގައި އެޓީމުގެ މިސީޒަންގެ ކެޕްޓަންއާއި ވައިސް ކެޕްޓަން އިއުލާނުކުރުމަށް ބޭއްވި ޕްރެސް މީޓިން އެއްގައި އެޓީމުގެ ޒުވާން ޗެއާމަން ބަލަކު އެވެ.
ބަލަކު ވިދާޅުވީ ނިއުރޭޑިއެންޓުގެ ގިނަ އަދަދެއްގެ ވަފާތެރި ސަޕޯޓަރުން ބޭނުން ވަނީ މިއަހަރު ވެސް އެޓީމުގެ ހޯމްޖާޒީގައި ގަދަ ނޫކުލަ ބޭނުން ކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ވަރަށްގިނަ އަދަދެއްގެ ގޯލްޑް ކާޑު ސަޕޯޓަރުންނާއި އަދި ކުލަބުގެ ދުވަސްވީ ސަޕޯޓަރުންގެ ހާއްސަ އެދިލެއްވުމެއްގެ މަތިން މެނޭޖުމަންޓުން މިވަނީ ރީކޮންސިޑާކޮށް އަޝްފާގު ލައިގެން މިއިން ގަދަ ނޫކުލަ ނުވަތަ 'ނޭވީ ބްލޫ' އެއީ އަޅުގަނޑުމެންގެ ހޯމް މެޗު ކުލައަށް ބަދަލު ކޮށްފައި" ބަލަކު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ބަދަލަކީ ސަޕޯޓަރުން ބޭނުންވެގެން ގެނައި ބަދަލެއް ކަމަށެވެ. އަދި މިދިޔަ އަހަރާ ހިލާފަށް މިއަހަރު އެޓީމުގެ ޕްރެކްޓިސް ފެށި ދުވަހު ޕްރެކްޓިސް ބަލާލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެ ސަރަހައްދަށް އައިކަމީ އުފަލާއެކު ފާހަގަ ކުރަށްވާ ކަމެއް ކަމަށެވެ. އެހެންކަމުން ސަޕޯޓަރުން ބޭނުންވާ އެފަދަ ބަދަލުތައް ގެނައުމަކީ މައްސަލައެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް އުފާވި މިއަހަރު ޕްރެކްޓިސް ފެށި ދުވަހު، ކުރީގައި ނިއުގެ ސަޕޯޓަރުން ޕްރެކްޓިސްތައް ބަލާލަން އަންނަ ބީދައިން ގިނަ އަދަދެއްގެ ސަޕޯޓަރުން ޕްރެކްޓިސް ބަލާލަން އައި. ގާތްގަނޑަކަށް ސަތޭކަ ނުވަތަ އެއަށްވުރެ ގިނަ އަދަދެއްގެ ސަޕޯޓަރުން ޕްރެކްޓިސް ބަލާލަން އައި. އެއީ މިދިޔަ އަހަރު އަޅުގަނޑުމެންނަށް ނުފެންނަ ތަނެއް،" ނިއުގެ ޗެއާމަން ވިދާޅުވި އެވެ.
ބްރޭންޑް ނަމެއްގެ ގޮތުގައި މީޑިޔާނެޓް ބޭނުންކޮށްފައިވާ ނިއުރޭޑިއެންޓުން މިއަދު އަލަށް ދައްކާލި އެޓީމުގެ ގަދަ ނޫކުލައިގެ ޖާޒީގެ ކަރުވަޅުގައި ހުދުފަށެއް އަޅާފައި ކޮނޑުމަތިން ހުދުކުލައިގެ ތިންފަށް އަތުކުރިއަށް ވާގޮތަށެވެ.
އަލީވަހީދު އިތުރަށް ވިދާޅުވީ މަޑު ނޫކުލައަކީ ކުރިން ވެސް ނިއުއިން ބޭނުން ކޮށްފައިވާ ކުލައެއް ކަމަށާއި އަދި ޓީމުން މަޑު ނޫކުލައިގެ ޖާޒީގައި ގިނަ ކާމިޔާބުތަކެއް ވެސް ހޯދާފައި ވާކަމަށެވެ. އެހެން ނަމަވެސް އޭރު ޓީމުގެ ސަޕޯޓަރުންނަށް ކަންތައްތަކުގައި ހިޔާލު ހުށަހަޅާނޭ ވަސީލަތްތައް މަދުކަމުން ފާޑުކިޔުންތައް ކުރިމަތި ނުވަނީ ކަމަށެވެ.
"ކުރިން ނުހުރޭ ފެސްބުކާ އަދި ފޭސްބުކްޕޭޖާއި ގުރޫޕާއި ވެބްސައިޓާއި މިހުރިހާ އިންޓަރެކްޝަން މެތަޑްސްއެއް. އެހެން ކަމުން އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ ކުރިން ސްކައިބްލޫ ބޭނުންކުރެވިފައި އޮތަސް ހަމަ ގަދަ ނޫކުލައިގައި ދިއުން ކަމަށް ގިނަމީހުންނަށް ރަނގަޅީ،" ބަލަކް ވިދާޅުވި އެވެ.
ނިއުރޭޑިއެންޓުން މީގެ ތިން ދުވަސް ކުރިން ދައްކާލި މަޑު ނޫކުލައިގެ ޖާޒީ ދެން ބޭނުން ކުރާނީ ކުލަބުގެ ޔޫތު ޓީމުން ނެވެ. އަދި ވެޓަރަންސް ކަޕުގައިވެސް އެކުލަބުން ބޭނުންކުރާނީ ސްކައިބްލޫ ޖާޒީ އެވެ.
"ޔޫތު މުބާރާތަށް އަޅުގަނޑުމެން ރަޖިސްޓްރީ ކޮށްފައި އޮންނާނީ ސްކައިބްލޫ. އެހެންކަމުން ޔޫތާއި ވެޓަރަންސްގަ އަޅުގަނޑުމެންނަށް ސްކައިބްލޫ ފެންނާނެ. އެހެންނަމަވެސް ސީނިއާ ޓީމުގެ ހުރިހާ ހޯމް މެޗެއްގައި އަޅުގަނޑުމެން ބޭނުން ކުރާނީ ހަމަ އަޅުގަނޑުމެންގެ ގަދަ ނޫކުލަ އަދި ހުދުކުލަ،" ބަލަކު ވިދާޅުވި އެވެ.
ކުރިން ވެސް ނިއުއިން ހާމަކޮށްފައި ވާފަދައިން އެ ޓީމުގެ ސަޕޯޓަރުންނަށް މެޗުތައް ފެށެންވާއިރަށް ޓީމުގެ ޖާޒީ ގަންނަން ލިބޭނޭ ފުރުސަތު ތަނަވަސް ކޮށްދޭނެ އެވެ. އެކަމަކު ދެން ސަޕޯޓަރުންނަށް ގަންނަން ލިބޭނީ ޓީމުގެ ގަދަ ނޫކުލައިގެ ޖާޒީ ކަމަށް ބަލަކް ވިދާޅުވިއެވެ.
ޔޫތު ޗެމްޕިއަންޝިޕުގައި ނިއު ރޭޑިއެންޓް ކުޅޭ ފުރަތަމަ މެޗު މިއަދު ބީޖީ ސްޕޯޓްސް އާ ދެކޮޅަށް ނުކުންނާނެ އެވެ. މިއަދުގެ ޕްރެސް މީޓީންގައި ބަލަކުވަނީ ޓީމަށް ސަޕޯޓު ކުރުމަށް ވީހާ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވުމަށް އެދިވަޑައިގެންފަ އެވެ.