30 Sep 2010, 19:15
ޑީއާރްޕީގެ ޒައީމު އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަށް ބިރު ދައްކައި، ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ މީޑިއާ އަށް ދެއްވައިފައިވާ އިންޓަވިއުއާ ގުޅިގެން، އެކަން ކުށްވެރިކޮށް، މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ޑީއާރްޕީން ބުނެފި އެވެ.
ސަން އެފްއެމް ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޑީއާރްޕީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ މުސްތޮފާގެ އިންޓަވިއުގައި ރައީސް މައުމޫނަށް ބިރުދައްކަވައިފައިވާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.
މީޑިއާއަށާއި އެކިއެކި ފަރާތްތަކަށް މުސްތަފާ އެސްއެމްއެސް ފޮނުއްވައި، ފަހުން ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވަނީ "މައުމޫން ސިޔާސީ ކަންކަމުން އަލްވަދާއު ކިއުމަށްފަހު ކުރީގެ ހެދުން އަޅައި، އެނބުރި ރުޖޫއަވެ، މުޒާހަރާތަކުގައި ބައިވެރިވެ، ސިޔާސީ ސްޓޭޖްތަކަށް އަރަން ފަށައިފި ނަމަ، އިންސާނިއްޔަތާ ހިލާފަށް މައުމޫން މި ގައުމުގައި ހިންގައިފައި ހުރި ހުރިހާ ޖަރީމާތަކެއް ބެލުމަށް ޝަރީއަތަށް ހުށަހެޅޭނެކަން މައުމޫން ރަނގަޅަށް ހަނދާންކުރަންޖެހޭނެ" ކަމަށެވެ. އަދި "މައުމޫން އަށް ރެކިނުގަނެވޭނެ އިންސާނިއްޔަތާ ހިލާފަށް ހިންގާފައި ހުރި އެތަކެއް މައްސަލައެއް ސްޓޮކްގައި އެބަހުރި" ކަމަށާއި "އަދި ކްރައިމް އެގެއިންސްޓް ހިއުމޭނިޓީ މީގެ ދަށުން ދަ ހޭގުގައި ހުންނަ އިންޓަނޭޝަނަލް ކޯޓަށް ވެސް ހުށަހެޅޭނެ" ކަމަށެވެ.