ރާއްޖޭގެ ގައުމީ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު އަޅުގަނޑުމެން މިދަނީ މުޅިން އެހެން ގައުމިއްޔަތެއް ބިނާކުރަމުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުނަށް ގައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ރައީސް ނަޝީދު ނެރުއްވާފައިވާ މެސެޖެއްގައި ވިދާޅުވެފައި ވަނީ ގައުމީ ދުވަސް ފާހަގަ ކުރަމުންދާ އިރު އަޅުގަނޑުމެން މިދަނީ މުޅިން އެހެން ގައުމިއްޔަތެއް ބިނާކުރަމުން އަދި ދިވެހި ގައުމިއްޔަތާއި ރައްޔިތުންނަށް އެ ގައުމިއްޔަތުން މަންފާ އާއި ފައިދާ ލިބޭ ގޮތްތައް ދެނެގަންނަމުން ކަމަށެވެ. އަދި ވިދާޅުވީ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަށް ރައްޔިތުންގެ މެދުގައި އެއްގޮތްވާ ވަކި ހާއްސަ ކަންކަން ހުންނަން ޖެހޭ ކަމަށެވެ.

"ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމަށް ރައްޔިތުންގެ މެދުގައި އެއްގޮތްވާ ވަކި ޚާއްސަ ކަންކަން ހުންނަން ޖެހޭ. އެކަންކަމަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ބަހާއި އާދަކާދަތަކާއި އިންސާނީ ހައްގުތަކުގެ މައްޗަށް ބިނާކޮށް ލާމެހިފައިވާ ދުނިޔެއެއްގައި ދިވެހި ރާއްޖެ ބައިވެރިވެވޭ ކަންކަން ކަމުގައި ވާން ޖެހޭ." ރައީސް ނަޝީދު ވިދާޅުވިއެވެ. "ގާނޫނީ ހަމަތަކުގެ މަތިން ރައްޔިތުން އިންތިހާބުކޮށްފައިވާ ސަރުކާރުގެ ތެރެއަށް ސަލާމަތީ ބާރުތަކުން ގަދަކަމުން ވަދެ، ގައުމުގެ ތަރައްގީ އަށް ބުރޫއެރުވުމާހެދި، އިހުގެ ސިޔާސީ އާދަތައް މިއަދު މިދަނީ ގިނަވަމުން. މިހިނދު އަޅުގަނޑުމެންގެ ޅަފަތުގެ ސިޔާސީ ނިޒާމުގައި ބިނާކުރަމުން އައި ގައުމިއްޔަތުގެ އާ ވިސްނުން، މިވަނީ ބިރުވެރިކަމާއި ނިކަމެތި ކަމުގެ ތެރޭގައި. އެހެން ނަމަވެސް ޒަމާނުއްސުރެ ވެރިކަން ކުރަމުން އައިގޮތަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައި."

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މިނިވަންކަން ދެމެހެއްޓިފައިވާ ގައުމިއްޔަތަކީ ރައްޔިތުންނަށް އެކަމުން ފައިދާ އާއި ތަރައްގީ ލިއްބައިދޭ ސިފަތަކެއް ކަމުގައި ވާންޖެހޭ ކަމެއް ކަމަށާއި ވެރިކަމުގެ ހަގީގީ ބާރަކީ އޯގާތެރިކަމާއި ނިޔަނެތިކަމާ އެކު ރައްޔިތުންނަށް ހިދުމަތްކުރުން ކަމަށެވެ. އަދި ދިވެހިންގެ އާ ގައުމިއްޔަތުގެ އެންމެ ވަރުގަދަ އައްޑަނައަކީ 2008 ވަނަ އަހަރު ތަސްދީގު ކުރި ގާނޫނު އަސާސީ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.