13 Jan 2013, 14:51
ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް ދިރާސާ ކުރަމުންދާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް މިހާތަނަށް ހާޒިރު ކުރި ހަތް ފަރާތަކަށް "ނުރައްކަލުގެ ތުރެޓް" އޮތް ކަމަށާއި އެ ފަރާތްތަކަށް ސަލާމަތީ ކަންކަން ހަމަޖައްސައި ދިނުމަށް މަޖިލީހުގެ ރައީސް އަށް އިލްތިމާސްކޮށްފި އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ ގޮތް ބަލާ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު މިއަދު ވިދާޅުވީ ސިއްރު ކުރާ ކޮމެޓީ އަށް ހާޒިރު ކުރާ ފަރާތްތަކުން ދެއްވާ މައުލޫމާތުތަކާ ގުޅިގެން އެ ފަރާތްތަކަށް ނުރައްކަލުގެ ތުރެޓް އޮތް ކަމަށް ފާހަގަވެގެން ކޮމެޓީން ނިންމުމެއް ނިންމާފައިވާ ކަމަށެވެ. އެ ނިންމުމަކީ ސިއްރު ކުރާ ކޮމެޓީތަކަށް ހާޒިރު ކުރާ ބޭފުޅުންގެ ސަލާމަތީ ކަންކަން ބަލަހައްޓައި ދިނުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް އެންގެވުން ކަމަށެވެ.
"އަޅުގަނޑުމެން ވަނީ އެ މައްސަލައިގެ ރިޕޯޓް މިހާރު މަޖިލީހުގެ ރައީސަށް ފޮނުވާފައި. އަޅުގަނޑުމެން މި ބުނަނީ އެ ބޭފުޅުން އެ ކޮމެޓީ އަށް ދެއްވި މައުލޫމާތަކާ ގުޅިގެން މުޖުތަމައުގައި އުޅުމުގައި ތުރެޓެއް އޮތް ވާހަކަ. އެހެންވެ ސަލާމަތަށް އެ ބޭފުޅުން ބޭނުން ވަނީ. އެކަން ނިންމާނީ މަޖިލީހުގެ ރައީސް. މީގެ ކުރިން ވެސް އެބަހުރި މަޖިލީހުގެ ރައީސް ވިދާޅުވެގެން، ބައެއް ކަންކަމުގައި ސަލާމަތީ ކަންތައްތައް ފޯރުކޮށްދީފައި،" އަލީ ވަހީދު ވިދާޅުވީ އެވެ.
އޭނާ ރޭ ވިދާޅުވެފައި ވަނީ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައިވާ ސުޕްރިޓެންޑެންޓް މުހައްމަދު ޖިނާހުގެ ސަލާމަތާއި ރައްކާތެރި ކަމަށް އޭނާ އަމިއްލަ އަށް ކޮމެޓީގައި އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަން މަޖިލީހުގެ ރައީސްއަށް ދަންނަވާފައިވާނެ ކަމަށާއި މަޖިލީހުގެ ރައީސް ނިންމަވާ ގޮތެއްގެ މައްޗަށް ކޮމެޓީން ގޮތެއް ކަނޑައަޅާނެ ކަމަށެވެ.
ރޭގެ ޕްރެސް ކޮންފަރެންސްގައި އަލީ ވަހީދު ވަހީދު ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ތުހުމަތުތަކެއް ވެސް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މިހާތަނަށް ރައްޔިތުންގެ މަޖިލީހުގައި ކުރާ އެންމެ ބިރުވެރި، އަދި އެންމެ އާދަޔާ ހިލާފު އަދި އެންމެ ކަންބޮޑުވުންތައް ހުރި މަސައްކަތައް އެ މަސައްކަތް ވެގެންދާ ކަމަށް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި ތިއްބެވި ބޭފުން އަމަލުފުޅު ކުރައްވަފާނެ ގޮތަކާ ގުޅިގެން ކަމަށެވެ.
"މިތަނުގެ ހުރިހާ އިމްތިޒާމްތަކެއް ހަމަޖެއްސުމާއި މިތަނަށް މުވައްޒަފުންނާއި މި ސިސްޓަމްތަކާއި އެ ހުރިހާ ކަމެއް އިނގޭނީ އެބޭފުޅުންނަށް. އެ ޒިންމާ އުފުލަނީ މަޖިލީހުގެ ރައީސް. ނޫނީ ރައީސް ނޫޅުއްވާ ވަގުތުގައި ނައިބު ރައީސް. އެ ހުރިހާ ކަމަކާ ހުރެ، އަޅުގަނޑު ފުރަތަމަ ދުވަހު ދެންނެވީ ކަންބޮޑުވެޔޭ،" އަލީ ވަހީދު ވިދާޅުވި އެވެ.
މަޖިލީހުން މިހާތަނަށް ހޯދި ހޯދުންތަކާއި ކޮމެޓީ އަށް ބޭފުޅުން ދެއްވި މައުލޫމާތުގެ އަލީގައި މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްއާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އެ ބޭފުޅުންނަކީ ކޮންބައެއްތޯ ސުވާލު ކުރައްވަމުން އަލީ ވަހީދު ވަނީ ކުއްލި ގޮތަކަށް ޕްރެސް ކޮންފަރެންސް ނިންމަވާލައްވާފަ އެވެ.
އަލީ ވަހީދު އެހެން ވިދާޅުވި އިރު، ކުރީގެ ހިއުމަން ރައިޓްސް މިނިސްޓަރު ފާތުމަތު ދިޔާނާ ސައިދު ނެރުއްވި ރިޕޯޓްގައި "އެކްސް" އާއި "ވައި" އަކީ މަޖިލީހުގެ ދެ މެންބަރުން ކަމަށް މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ ވިދާޅުވެފަ އެވެ. ދިޔާނާގެ "ސައިލެންޓް އިންކުއަރީ"ގައި ބުނެފައިވާ ގޮތުގައި "އެކްސް" އަކީ ރައީސް ނަޝީދު ވެރިކަން ބަދަލުކުރުމަށް މަސައްކަތްތަކެއްްކޮށްފައިވާ ފަރާތަކެއް ކަށާއި ނަޝީދު އަވަހާރަކޮށްލަން ތައްޔާރަށް ތިބި ފަރާތްތަކެއް އެބަތިބި ކަމަށް "އެކްސް" ވިދާޅުވެފައިވާ ކަމަށެވެ. ރިޕޯޓްގައި ފާހަގަ ކުރާ "ވައި" އަކީ މި ދައުލަތުގެ މިނިވަން މުއައްސަސާތައް ހިނގާ ނުހިނގާ ގޮތް ބެލުމާ ހަވާލުވެ ހުންނެވި ފަރާތް ކަމަށް ދިޔާނާ ވަނީ ވިދާޅުވެފަ އެވެ.
ކޯނީގެ ރިޕޯޓްގެ ދިރާސާއަށް މިހާތަނަށް ކޮމެޓީއަށް ހަތް ބޭފުޅުން ހާޒިރުކޮށްފައިވެ އެވެ. އެ ބޭފުޅުންނަކީ ޕޮލިސް އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް މުހަންމަދު ހަމީދު (އެމްސީ ހަމީދު) އާއި އެމްއެންޑީއެފްގެ އިންޓެލިޖެންސްގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް އަހުމަދު ނިލާމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި ފުލުހުންގެ ޑްރަގް އެމްފޯސްމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް މުހައްމަދު ޖިނާހު އާއި ހިއުމަން ރައިޓްސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ފާތުމަތު ދިޔާނާ ސައީދު އާއި ރިޓަޔާޑް ބްރިގޭޑިއާ ޖެނަރަލް އިބްރާހިމް ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދެވެ.
މިރޭ ބާއްވާ ކޮމެޓީއަށް ހާޒިރު ކުރާނީ ވެރިކަން ބަދަލުވިއިރު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޫސާ އަލީ ޖަލީލެވެ.