13 Jan 2013, 13:11
މާލޭ ގެއެއްގެ އެޕާޓްމަންޓަކުން ވައްކަން ކުރި މައްސަލައެއްގެ ތުހުމަތުގައި ހޯދަމުން ދިޔަ މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
މާލޭގެ ގެއެއްގެ އެޕާޓްމަންޓަކުން ވައްކަން ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށް، އެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން ދިޔަ މީހަކީ ގދ. ގައްދޫ އަޅިފަށުއިގެ، މުހައްމަދު ޔަޒީން، 24، އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވައްކަމުގެ އެ މައްސަލައިގައި ހޯދަމުން ދިޔަ އެ މީހާ ހައްޔަރުކުރީ މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ދެ ފުލުހަކަށް ވިޔަފާރިވެރިންގެ މިސްކިތުގެ ހަރިންމަތެރޭގައި އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ކަމަށެވެ. އަދި އޭނާ ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި އަޅާފައި ހުރި ފަސް ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް އިތުރުކޮށްދީފަ އެވެ.
މާލޭގެއަކުން ވައްކަން ކުރި މައްސަލައިގައި ފުލުހުން ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށްފައިވާއިރު، ކުޑައަންހެން ކުއްޖެއްގެ ކަރުގައިއޮތް ރަންފަށެއް ފޭރިގެން ދެމީހުންގެ ވީޑިއޯ އާންމުކޮށް އެމީހުން ހޯދުމަށް ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ.