ހިއުމަން ޓްރެފިކިންގެ މައްސަލަ ހައްލުކުރުމަށް ބާރުމިނުގައި މަސައްކަތް ނުކޮށްފި ނަމަ ރާއްޖެ އަށް ބޭރުގެ އެހީ ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެއްވައިފި އެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ލ. ފޮނަދޫގައި މިއަދު ބޭއްވި ޖަލްސާގައި ގައުމާ މުޚާތަބު ކުރައްވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ހިއުމަން ޓްރެފިކިންގެ މިންގަނޑު ކަނޑައެޅުމަށް ބައިނަލްއަގުވާމީ ގޮތުން ގެންގުޅޭ މިންގަނޑަށް ބަލާއިރު، ރާއްޖެ މިހާރު ހިމެނިފައި ވަނީ ޓިއާ ދޭއް ގައި ކަމަށާއި އެކަން ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް އެކަށީގެންވާ ވަރަށް ކުރެވެމުން ނުދާތީ ޓިއާ ތިނެއްގެ ދަރަޖަ އަށް ރާއްޖެ ވެއްޓުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެކަން އެގޮތަށް ވެއްޖެ ނަމަ ބޭރުގެ އެހީ ހޯދުގައި ރާއްޖެ އަށް ތަފާތު އެތަކެއް ދަތިތަކާ ކުރިމަތިވެ ރާއްޖެ އިން ވިއްކާ މަހުގެ އަގަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ބިދޭސީންގެ އަދަދު އިތުރުވަމުންދާ އިރު، ރާއްޖޭގައި ހިއުމަން ޓްރެފިކިންގެ މައްސަލަ ވެސް މި ވަނީ ވަރަށްބޮޑުވެފައި. ހިއުމަން ޓްރެފިކިން މިން ކުރުމަށް ބައިނަލްއަގުވާމީ ގޮތުން ގެންގުޅޭ މިންގަނޑަށް ބަލާއިރު، ރާއްޖެ މިހާރު ހިމެނިފައި ވަނީ، [ޓިއަރ 2]ގައި. މި މައްސަލަ ހައްލުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް، އެކަން ކުރަންޖެހޭ ބާރުމިނުގައި ކުރެވިގެން ނުދާތީ، [ޓިއަރ 3]ގެ ދަރަޖައަށް ރާއްޖެ ވެއްޓުމަކީ ވަރަށް ކައިރީގައި އޮތް ކަމެއް. އެހެންވެއްޖެ ނަމަ، ރާއްޖެ އަށް ބޭރުގެ އެހީ ހޯދުމުގައި، ތަފާތު އެތައް ދަތިތަކަކާ ކުރިމަތިވާނެ. އަދި ރާއްޖެއިން ވިއްކާ މަހުގެ އަގަށްވެސް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް.،"ރައީސް ވިދާޅުވި އެވެ.

ރާއްޖެ އަށް ކުރިމަތިވެފައިވާ ހިއުމަން ޓްރެފިކިންގެ މައްސަލައަށް ސަރުކާރުން ވަރަށް ބޮޑު ސަމާލު ކަމެއް ދެމުންގެންދާ ކަމަށް އިޝާރާތްކޮށް، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ "މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ބިލު"ގެ މަސައްކަތް އެންމެ އިސް ކަމެއް ދީގެން މިފެށޭ ދައުރުގައި ނިންމަވައި ދެއްވުމަށް މަޖިލީހުގެ މެންބަރުގެ އަރިހުން ރައީސް އެދިވަޑައިގަތެވެ.

ރާއްޖޭގެ އާބާދީ އަށް އަންނަ ބަދަލުތަކަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ ސްކޫލްތަކުން ނިންމާ ކުދިންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާ އިރު ރާއްޖޭގެ ޒުވާނުންގެ އާބާދީ ވެސް އިތުރުވަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި އެއްވެސް ވަޒީފާއެއް ނެތި އުޅޭ ޒުވާނުންގެ އަދަދު އިތުވެފައިވާ އިރު ގްރޭޑް 10 އާ ހަމައަށް ތައުލީމީ މަރުހަލާ ނުނިންމައި އެއްވެސް މަސައްކަތެއް ދަސްވެފައި ނެތް ކުދިން ވެސް އެބަތިބި ކަމަށާއި އެއީ މިއަދު ދިވެހީން ހިތާމަ ކުރަންޖެހިފައިވާ ކަމެެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އާބާދީ އިތުރުވަމުންދާއިރު، އާބާދީގެ ބޮޑު ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެގެންދާ ގޮތަކަށް ގައުމުގެ ކަންކަން ބައްޓަންކުރަން ޖެހިފައިވާ ކަމަށާއި 18 އަހަރު ނުފުރޭ ކުދިންނަށް އެއްވެސް މަސައްކަތެއް ދަސްނުވެ، އެފަދަ ކުދިން މަގުމަތިވެ، އަޅާލާނެ މީހަކު ނެތިގެން ދިޔުމަކީ މުސްތަގުބަލުގައި އިޖުތިމާއީ ގޮތުން ރާއްޖެ އަށް ކުރިމަތިވާނެ ވަރަށްބޮޑު މައްސަލައެއް ކަމަށެވެ. އަދި އެކަމަށް އެދެވޭ ހައްލެއް ގެނައުމަށް މިއަދު އެކަށީގެންވާ މަސައްކަތްތަކެއް ނުކޮށްފި ނަމަ އެއީ އެކަމުގެ ހިތި ނަތީޖާއާ ދިވެހީން ކުރިމަތިލާން ޖެހޭނެ ގައުމީ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ ސިޔާސީ ވާދަވެރިކަން ކިތަންމެ ބޮޑުވެގެން ދިޔަ ކަމުގައިވިޔަސް، އެ ކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ފިތުނަވެރިކަން ކުރިމަތިވެގެން ގޮސްގެން ނުވާނެ ކަމަށެވެ. އަދި ސިޔާސީ ވާދަވެރިކަމާ ހެދި ގައުމުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކަށް އެއްވެސް ހުއްޓުމެއް އަޔަދީގެން ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އިޖުތިމާއީ ފޭރާން ހަލާކުކޮށްލުމަށް އެއްވެސް މީހަކު މަސައްކަތް ކޮށްގެނެއް ނުވާނެ ކަމަށާއި ރާއްޖޭގައި ހަމަނުޖެހުން އުފެއްދުމަށާއި، ރާއްޖޭގެ އަގު، ބޭރު ގައުމުތަކުގައި ވައްޓާލުމަށް މަސައްކަތް ކޮށް ރާއްޖެ އަށް ފަތުރުވެރިން ޒިޔާރަތް ނުކުރުމަށް ގޮވާލުމަކީ އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންތަށް ކުރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އެދެވެނީ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ގައުމަށް ހެޔޮއެދޭ އެއްވެސް މީހަކު އެފަދަކަމެއް ކޮށްގެން ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ހަމައެކަނި އެންމެ މީހެއްގެ ނުވަތަ ބައެއްގެ މަޞްލަޙަތު ޙިމާޔަތް ކުރުމަށް ޓަކައި މުޅި ޤައުމު ހަލާކުގެތެރެއަށް ވައްޓާލައިގެން ނުވާނެ. ރާއްޖޭގެ އިޖުތިމާޢީ ފޭރާން ހަލާކުކޮށްލުމަށް އެއްވެސް މީހަކު މަސައްކަތް ކޮށްގެނެއް ނުވާނެ. ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށާއި، ޤައުމުގެ އަގު، ބޭރު ދުނިޔޭގައި ވައްޓާލުމަށް ހަމަ އެކަކުވެސް މަސައްކަތް ކޮށްގެން ނުވާނެ. ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ނުކުރުމަށް ހަމަ އެކަކުވެސް ގޮވާލައިގެންވެސް ނުވާނެ. މިފަދަ ކަންކަމުން މުޅި ޤައުމަށް، ޤައުމުގެ އިޤްތިޞާދަށް އެ ދެވެނީ ވަރަށްބޮޑު ގެއްލުމެއް. މި ޤައުމުދެކެ ލޯބިވާ އަދި ޤައުމަށް ހެޔޮއެދޭ އިޚްލާޞްތެރި އެއްވެސް ރައްޔިތަކު މި ދެންނެވިފަދަ ކަންކަން ކޮށްގެން ނުވާނެ. ޤައުމީ ދުވަސް ފާހަގަކުރަމުންދާއިރު، މިއަދު ޤައުމަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކާ ދޭތެރޭގައިވެސް ޚިޔާލު ކުރަންޖެހޭ. ޚާއްޞަކޮށް، އިޖްތިމާޢީ ދާއިރާގައި ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް މުހިންމު ފިޔަވަޅުތަކެއް މިއަދު މިވަނީ އަޅަން ޖެހިފައި،" ރައީސް ވިދާޅުވި އެވެ.