މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ކެޕްޓަންކަން ކުރާނެ ކުޅުންތެރިއަކަށް އެ ޓީމުގެ ގައުމީ އެން ނަންބަރު ގޯލްކީޕަރު އިމްރާން މުހައްމަދު ހަމަޖެއްސުމަށްފަހު، ވައިސް ކެޕްޓަން ކަމަށް ފޯވާޑް އަލީ އަޝްފާގާއި މުހައްމަދު އުމައިރު ހަމަޖައްސައިފި އެވެ.

އެފްއޭއެމް ހައުސްގައި މިއަދު މެންދުރު ބޭއްވި ނޫސްކޮންފަރެސްގައި އެ ޓީމުގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު (ބަލަކް) ވިދާޅުވީ، މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި ނިއުގެ ކެޕްޓަނާއި ވައިސް ކެޕްޓަނުންނަށް ހަމަޖެއްސި ކުޅުންތެރިން، އެ މަގާމްތަކަށް ހަމަޖެއްސީ އެ ތިން ކުޅުންތެރިންގެ ލީޑާޝިޕަކީ ދަނޑުމަތީގައި ވެސް އަދި ދަނޑުން ބޭރުގައި ވެސް ކުލަބް އިތުރަށް ވަރުގަދަ ކުރާނެ ތިން ކުޅުންތެރިން ކަމަށް ގަބޫލު ކުރެވޭތީވެ ކަމަށެވެ.

ކެޕްޓަން އިމްރާން ބުނީ، އޭނާގެ ބެލެނިވެރި ކަމުގެ ދަށުން މިއަހަރުގެ ފުޓްބޯޅަ ސީޒަނާ ވެސް ނިއުއިން ކުރިމަތިލާނީ ނިމިދިޔަ ސީޒަންގެ ކާމިޔާބީ ތަކުރާރު ކުރަން ކަމަށާއި އެގޮތުން މިފަހަރުގެ އެންމެ ބޮޑު އަމާޒަކަށް ވެފައި ވަނީ ކުރިއަށް އޮތް އޭއެފްސީ ކަޕް ކަމަށެވެ.

ބަލަކް ވިދާޅޫވީ، މިއަހަރު ވެސް އެ ކުލަބުން ރާވާ ހިންގުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި އަތޮޅު ތެރެއަށް ކުރާ ދަތުރު ތަކުގެ ތެރެއިން ފ. އަތޮޅު ނިލަންދޫގައި އެރަށުގެ ރައްޔިތުން ހަދައިފައިވާ ވިނަ ދަނޑެއް ހުޅުވުމުގެ ރަސްމިއްޔާތަށް ދައުވަތު ލިބިފައި ކަމަށާއި އެގޮތުން އަންނަ ހުކުރު ދުވަހު އެރަށައް ދިއުމަށް މިހާރު ވަނީ ހަމަޖެހިފައި ކަމަށެވެ.

"އަޅުގަނޑުމެން އެ ދައުވަތު ގަބޫލްކޮށް، ނިލަންދޫގެ ރައްޔިތުންނަށް ޝުކުރު އަދާކުރަން. އެ ދަތުރުގައި އަޅުނގަޑުމެންގެ ސީނިއާ ޓީމުގައި މި ވަގުތު ތިބި ކުޅުންތެރިން ބައިވެރިވާނެ،" ބަލަކް ވިދާޅުވި އެވެ.

ބަލަކް ވިދާޅުވީ، މި އަހަރުގެ ސީޒަންގައި ނިއުން ބޭނުން ކުރާނެ ދެ ޖޯޒީ ބައިގެ ކުލަތައް އެންމެ ފަހުން އެ ކުލަބުން ބޭއްވި ނޫސްކޮންފަރެސްގައި ދައްކާލި ކަމުގައި ވިޔަސް، ކުލަބުގެ ގިނަ ބައެއްގެ އެދުމުގެ މަތިން މެނޭޖްމަންޓުން ވަނީ "ހޯމް"ގައި ކުޅޭނެ ޖޯޒީ އަކަށް ގަދަ ނޫކުލަ ހަމަޖައްސާފައި ކަމަށެވެ. އެހެން ނަމަވެސް ކުރިން ހަމަޖެއްސި ސްކައި ބުލޫ ކުލައިގެ ޖޯޒީ ނިއުގެ ޔޫތް ޓީމުން ފެންނާނެ ކަމަށް ވެސް ބަލަކް މިއަދު ވިދަޅުވިއެވެ.