13 Jan 2013, 11:56
ރާއްޖޭގެ ރައްޔިތުންގެ މިއަދު ގަބޫލު ކުރަންވީ ހަގީގަތަކީ އެންމެ ފަރުދެއްގެ މަސްލަހަތަށް ވުރެ މުޅި މުޖުތަމައުގެ މަސްލަހަތު ބޮޑުވާނެ ކަން ކަމަށް މިނިސްޓަރު އޮފް ހޯމްއެފެއާޒް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުއްޖެ އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ލ. ފޮނުދޫގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ މިއަދަކީ ގައުމީ ދުވަސް ކަމަށް ވުމާއި އެކު ވިސްނަވީ ކަމަކީ ގައުމުގެ ހަމަޖެހުން ގާއިމް ކުރުމުގެ މައްޗަށް ކަމަށާއި އެނެމެން އެއްބައިވެ އެކުވެރި ކަމާއި އެކު އުޅުމުގެ މައްޗަށް ކަމަށެވެ. އަދި ވިދާޅުވީ މިއަދު ރާއްޖޭގެ ރައްޔިތުން ސަމާލުކަން ދާންވީ ލިބިފައި ތަރައްގީ އާއި ކުރިއެރުން ދަމަހައްޓާއި އެންމެންގެ މުދަލާއި ތަކެތި ރައްކާތެރި ކުރުމަށް ކަމަށް ޖަމީލް ވިދާޅުވި އެވެ.
"މިއަދަކީ ގައުމަށްޓަކައި ތިމާއަށް ވެވުނު ގުރުބާނީ އެއް ވާންވީ ދުވަސް. މިއަދަކީ ހަމައެކަނި ސުވާލު ކޮށް ޝަކުވާ ކުރަންވީ ވަގުތެއް ނޫން. މިއަދަކީ ތިމާއަށް ނުކޮށްދެވި ހުރި ކަންތައްތައް ކޮށްދިނުމަށް ހުށަހަޅަންވީ ދުވަހެއް ނޫން. މިއަދު ވިސްނަންވީ ދިއްލާފާ ހުރި މަގުތައް ސާފް ކުރެވޭނެ ގޮތުގެ މައްޗަށް. މިއަދު ވިސްނަންވީ ހެދިފައި ހުރި ބަނދަރުތައް ރައްކާތެރި ކުރުމުގެ މައްޗަށް. އާބާދު ކޮށްފައި ހުރި ސްކޫލްތަކާއި ކޮލެޖްތައް ވީރާނާ ނުކުރުމަށް. މިއަދު ވިސްނަންވީ އިމާރާތް ކޮށްފައި ހުރި ޕޯޓް ތަކާއި ޕޮލިސް ސްޓޭޝަންތަކާއި ތިމާމެންގެ މުދާތައް އަންދާ ނުލުމުގެ މައްޗަށް. ވިސްނަންވީ އެއް ވެސް އެއް ފަރުދަކަށް ވުރެ ގައުމީ މަސްލަހަތު ބޮޑުނުވާނެ ކަން،" ޑޜ. ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ގައުމަށް ހެޔޮ އެދޭ މީހަކުނަމަ ގައުމުގައި ލޭ އޮހޮރުވާލައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި ގައުމަށް ހެޔޮ އެދޭ އެއްވެސް މީހަކު ފައިސާ ދީގެން ވިޔަސް އަދި އެހެން ގޮތަކުން ވިޔަސް ގައުމަށް ހެޔޮ އެދޭ ދަރިން މަރަމުން ނުދާނެ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
ޑރ ޖަމީލް ވިދާޅުވީ މިއަދު ރާއްޖޭގެ ރައްޔިތުން ވިސްނާ ފިކުރު ކުރަންވީ ގައުމަށް މިނިވަންކަން ލިބުނު ގޮތުގެ މައްޗަށް ކަމަށާއި އަދި އެ ގައުމީއްޔަތު ރައްކާތެރި ކުރުމުގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ރާއްޖެއަށް ލިބިފައި މިވާ މިނިވަން ކަމަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ލިބިފައިވާ މިނިވަން ކަމެއް ކަމަށާއި އެހެން ކަމުން ގައުމުގައިވާ ހަމަނުޖެހުންތައް ނައްތާލައި އެންމެން އެއްބައިވެ އެއް ރޫހެއްގައި މަސައްކަތް ކުރުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް ވާޖިބް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޚުގަނޑުމެންނަށް ލިބިފައި މިވާ މިނިވަން ކަމަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން އަޅުގަނޑުމެންނަށް ލިބިފައިވާ މިނިވަން ކަމަކާއި ގައުމީއްޔަތެއް. އަޅުގަނޑު ވިސްނަންވީ ގައުމުގައިވާ ހަމަނެޖެހުންތައް ނައްތާލައި އެންމެން އެއްބައިވެ އެކުގައި މަސައްކަތް ކުރުމުގެ މައްޗަށް. އަޅުގަނޑުން ގަބޫލު ކުރަންވީ ބައިބައިވެ ހަމަނުޖެހުން އެފެއްދުމަކީ އަޅުވެތިވެ ނިކަމެތިވެ ފަގީރު ވެދާނެ ކަމެއްކަން،" ޖަމީލް ވިދާޅުވި އެވެ.
މީގެ އިތުރުން ޖަމީލް ވިދާޅުވީ ކޮންމެ މިނިވަން ކަމަކާއި ބާރަކީ މަސްއޫލީއްޔަތުގެ މައްޗަށް ހިނގާ ކެމެއް ކަމަށެވެ. އެހެން ކަމުން ގައުމު ތައްރައްގީ ކުރުމުގެ ބުރަ މަސްއޫލީއްޔަތު ހަވާލު ކޮށްފައިވާ އަތަޅު ކައުންސިލް ތަކާއި ރަށު ކައުންސިލް ތަކާއި އަދި ސިޓީ ކައުންސިލްތަކާ ހަވާލު ކުރެވިފައިވާ ވާޖިބުތަކާއި މަސްއޫލީއްޔަތުތައް ޒިންމާދާރު ކަމާއި އެކު އަދާ ކުރުމަށް ޖަމީލް ގޮވައި ލެއްވި އެވެ.