މެކްސިކޯ ސިޓީ (ޖަނަވަރީ 12): މެކްސިކޯގެ ޒުވާން އަންހެނަކު އެއްމާބަނޑު ހަ ކުދިން ވިހައިފި އެވެ.

މެކްސިކޯގެ ސިއްޙީ ދާއިރާތަކާ ޙަވާލާދީ އެޖެންސީ ފްރާންސް ޕްރެސް ބުނި ގޮތުގައި އުމުރުން 20 އަހަރުގެ މި އަންހެން މީހާ ހަކުދިން ވިހާފައި ވަނީ އެ ގައުމުގެ ހުޅަނގުގެ މިޗްވޮކަން ޕްރޮވިންސްގެ ހޮސްޕިޓަލެއްގައި ކަމުގަ އެވެ. މިޗްވޮކަން ޕްރޮވިންސްގެ ގަވަރުނަރުގެ އަނބިކަނބަލުން ޕެޓްރީޝިޔާ މޯރާ ވިދާޅުވި ގޮތުގައި މި އަންހެންމީހާ ހަކުދިން ވިހާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އަންހެންމީހާ އާއި އޭނާ ވިހޭ ހަކުދިންގެ ޙާލަތު ވަރަށް ރަނގަނޅު ކަމުގައެވެ. މި ހަކުދިންގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެން ކުދިންނާއި ދެ ފިރިހެން ކުދިން ކަމަށް ވެސް ޕެޓްރީޝިޔާ ވިދާޅުވި އެވެ.

ޕެޓްރީޝިޔާ އަކީ އެ ސަރަޙައްދުގެ ތަރައްޤީ އަށާއި ޗެރިޓީގެ ކަންކަމުގައި ޙަރަކާތްތެރިވާ އަމިއްލަ ޖަމްޢިއްޔާއެއްގެ އޮނަރަރީ ރައީސާއެވެ. އެޖަމްޢިއްޔާ އިން ވަނީ ހަ ކުދިން ވިހޭ އަންހެން މީހާގެ ޢާއިލާއަށް ބޭނުންވާ ކާބޯތަކެތީގެ އިތުރުން އަންނައުނާއި ތުއްތުކުދިންނަށް ބޭނުންވާ ގިނަ އަދަދެއްގެ ތަކެތި ވެސް ހަދިޔާކޮށްފަ އެވެ. ހަ ކުދިން ވިހޭ އަންހެންމީހާގެ ނަމަކީ ސަލޫދު ރުމީރޯ އެވެ. މި އަންހެން މީހާ އަށް ކުރިން ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު ލިބިފައިވެ އެވެ. އެއްމާބަނޑު ހަ ކުދިން ލިބުނު އެއާއިލާ އަކީ ފަގީރު އާއިލާއެއް ކަމަށް ޚަބަރު ލިބެ އެވެ. (އެޖެންސީ ފްރާންސް ޕްރެސް)