13 Jan 2013, 11:38
އިނގިރޭސި ލީގުގައި ރޭ ސްޓޯކް ސިޓީއާއި ޗެލްސީ ބައްދަކުރި މެޗް ހަތަރެއް ސުމަކުން ސްޓޯކް ބަލިކޮށް އެ ޓީމު އަމިއްލަ ދަނޑުގައި ލީގުމެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި "އަންބީޓްން ރަން" 17 މެޗަށް ފަހު ނިމުމަކަށް ގެނެސްފި އެވެ.
ރޭގެ މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑާއި ދެ ވަނަ ލަނޑަކީ ސްޓޯކްގެ ޖޮނަތަން ވޯލްޓާސް އަތުން ބައިކޮޅަށް ވައިން ދެލަނޑެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޗެލްސީގެ ސެޒާ އަޒްޕިލިކުއެޓާ ނަގައިދިން ނުރައްކާތެރި ހުރަހެއް ވޯލްޓާސް ސާފުކޮށްލަން އުޅުމުގެ ތެރޭގައި ބޯޅަ ވަނީ ބައިގޯލަށެވެ. އަދި ދެވަނަ ހާފު ފެށިގެން 62 ވަނަ މިނިޓުގައި ހުއާން މާޓާ ނަގައިދިން ކޯނަރެއް ސާފުކޮށްލަން އުޅުމުގެ ތެރޭގައި ވޯލްޓާސްގެ ބޮލުގައި ޖެހިފައި ވަނީ ގޯލުގެ ތެރެއަށެވެ.
ސްޓޯކުގެ ޕެނަލްޓީ އޭރިޔާތެރެއިން ހުއާން މާޓާ އަށް ސްޓޯކުގެ ރަޔާން ޝޯކްރޮސް ކުރި ފައުލަކާގުޅިގެ ލިބުނު ޕެނަލްޓީއަކުން ޗެލްސީގެ ތިން ވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 65 ވަނަ މިނިޓުގައި ފްރޭންކް ލަމްޕާޑު އެވެ. އަދި އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ 73 ވަނަ މިނިޓުގައި އެޑެން ހަޒާޑު އެވެ.
ޗެލްސީގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކެޕްޓަން ޖޯން ޓެރީ ވޯލްޓާސް އަށް އޭރިޔާ ތެރެއިން ކުރި ފައުލަކާ ގުޅިގެން 89 ވަނަ މިނިޓުގައި ސްޓޯކަށް ޕެނަލްޓީ އެއް ލިބުނެވެ. އެހެން ނަމަވެސް ވޯލްޓާސް ފޮނުވާލި ބާރު ޕެނަލްޓީ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ރޭގެ މެޗަކީ 29 އަހަރުގެ އަޔަލެންޑް އިންޓަނޭޝަނަލް ޕްރިމިއާ ލީގުގައި ކުޅުނު 100 ވަނަ މެޗެވެ. އެހެން ނަމަވެސް އޭނާގެ ސަތޭކަ ވަނަ ފެނިލުން ވެގެން މިދިޔައީ ބިރުވެ ހުވަފެނަކަށެވެ.
މެޗަށް ފަހު ސްޓޯކްގެ ކޯޗް ޓޯނީ ޕިޔުލިސް ބުނީ މިއަދަކީ އެ ޓީމަށް ނަސީބު ރަނގަޅު ނޫން ދުވަހަކީ ކަމަށާއި އަދި މެޗު ޗެލްސީ ކޮޅަށް އެނބުރުނީ ވޯލްޓާސްގެ އަތުން ބައިކޮޅަށް ވައިން ދެވަނަ ގޯލްގެ ސަބަބުން ކަމަށެވެ.
"ޗެލްސީގެ ކޮޅަށް މެޗު އެނބުރުނު ހިސާބަކީ ބައިކޮޅަށް ވައިން ދެވަނަ ލަނޑު. ބައިކޮޅަށް ދެލަނޑު ވަނުމުން ވަރަށް ދެރަވި އަދި ޗެލްސީއަށް ދިން ޕެނަލްޓީ އާއި ދޭތެރޭ އެހާ ހިތްހަމައެއް ނުޖެހޭ،" ޕިޔުލިސް ބުންޏެވެ.
ޕިޔުލިސް އިތުރަށް ބުނީ މެޗުން ބަލިވީކީ ކޮންމެހެން ވޯލްޓާސްގެ ސަބަބުން ނޫން ކަމަށާއި މިއަދަކީ އެމީހުންގެ ދުވަސް ނޫންވީމާ ބަލިވީ ކަމަށެވެ.
އުފަލުން ހުރި ޗެލްސީގެ ވަގުތީ ކޯޗު ރަފައެލް ބެނިޓޭޒް ބުނީ ހަފްތާއެއްގެ ތެރޭގައި ކިޔުޕީއާރު އާއި ސުވަންޒީގެ އަތުން އަމިއްލަ ދަނޑުގައި ބަލިވި ދެމެޗަށް ފަހު އަލުން ކުޅުންތެރިން މިވަނީ ރަނގަޅު ފޯމެއްގައި ކުޅުމުގެ ތެރެއަށް ވަދެފައި ކަމަށެވެ.
"އަހަރުމެން މިހާރު ކުރިއަށް ވުރެ ގިނައިން ލަނޑު ކާމިޔާބު ކުރަމުން މިދަނީ. އަދި އަހަރުމެން ކޮޅަށް ވަންނަ ލަނޑުތައް ކުރިއަށް ވުރެ ދެބައިކުޅަ އެއްބައި މަދުވެފައި މިވަނީ. އެހެންވީމާ އެބަ އެނގޭ ޓީމު ހަމަޔަކަށް އެޅެމުން އަންނަކަން. އަދި ޓީމުގެ ކުޅުން ރަނގަޅުވަމުން އަންނަކަން،" ބެނިޓޭޒް ބުންޏެވެ.
ރޭގެ މެޗުން މޮޅުވުމުން ޗެލްސީ އަށް ވަނީ 41 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނަ ލިބިފަ އެވެ. އަދި އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ތިބި އެ ޓީމުގެ ކެޕްޓަން ޖޯން ޓެރީ އާއި ގޯލްކީޕަރު ޕެޓާ ޗެކް ރޭގެ މެޗުގައި އެނބުރި އައުމުން ޓީމަށް ވަނީ އިތުރު ހިތްވަރެއް ލިބިފަ އެވެ.