13 Jan 2013, 11:30
ރާއްޖޭގެ ގޯލްކީޕަރުންނަށް އަމާޒުކޮށް އޭއެފްސީ ގޯލްކީޕާ ލެވެލް އެކެއްގެ ކޯހެއް ހިންގުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު މައުރޫފް އަހުމަދު (މާއްޓޭ) ވިދާޅުވީ، އޭއެފްސީ ގޯލްކީޕާ ލެވެލް އެކެއްގެ ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 20 ވަނަ ދުވަހު ކަމަށާއި އެގޮތުން ކޯހުގައި ބައިވެރި ވެވޭނީ އޭއެފްސީ "ސީ" ކޯޗިން ލައިސަންސް އޮވެ، ކޯޗިންގެ ދާއިރާގައި މަދުވެގެން އެއް އަހަރު ދުވަހު އުޅެ ކުޅުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށެވެ.
"މިކޯހަކީ ހާއްސަކޮށް ގޯލްކީޕަރުން ތަމްރީންކުރުމުގެ ހުނަރުވެރިކަން ދަސްކޮށް ދިނުމަށް ބޭއްވޭ ކޯހެއް. އަޅުގަނޑުމެންގެ ތެރޭގައި ޒުވާން ވަރަށް ގިނަ ގޯލްކީޕަރުން އެބަތިބި. އަޅުގަނޑުމެން އެބަޖެހޭ ޒުވާން ގޯލްކީޕަރުން ތަރައްގީ ކުރަން ކޯސްތައް ވެސް ބާއްވަން. މިއަހަރު ލެވަލް އެކެއްގެ ކޯހެއް ބޭވި ކަމުގައި ވިޔަސް އަންނަ އަހަރު އޮންނާނީ ލެވަލް ދޭއްގެ ކޯހެއް. ކޯހުގެ ބައިވެރިންނަށް ކިޔަވައި ދެއްވާނީ އޭއެފްސީގެ އިނިސްޓެކްޓަރުން،" މާއްޓޭ ވިދާޅުވިއެވެ.
މާއްޓޭ ވިދާޅުވީ، ކޯހުގައި ބައިވެރި ވުމަށް އެދޭ ފޯމް އެފްއޭއެމްއިން ދޫކުރަން ފަށާފައި ވާއިރު، ކޯހުގައި ބައިވެރިވާ ފަރާތްތަކުން އައިޑީ ކާޑު ކޮޕީ އާއި ސީ ލައިސަންސް ސެޓުފިކެޓުގެ ކޮޕީ އަދި ބައިވެރިވާ ފަރާތުގެ ސީވީ އެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެފްއޭއެމް އިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވެސް އޭއެފްސީ "ސީ" ކޯޗިންގް ކޯހެއް ބާއްވާފައެވެ. އެގޮތުން އެފަހަރުގެ ކޯހުގައި ބައިވެރިވި 30 މީހަކު ސެޓްފިކެޓް ހާސިލުކުރި އެވެ.