13 Jan 2013, 10:44
މިއަދަކީ ދިވެހިރާއްޖޭގެ ފަޚްރުވެރި ޤައުމީ ދުވަހެވެ. ބަރަކާތްތެރި ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަސްވެސް މެއެވެ. މި މުހިންމު ޤައުމީ، ރޫޙާނީ އަދި ތާރީޚީ މުނާސަބަތުގައި ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމެވެ.
ރާއްޖޭގެ ޤައުމީ ދުވަހަކީ، ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަސް ކަމުގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ކަނޑައަޅާފައިވެއެވެ. ޤައުމީ ދުވަސް ރަމްޒުކޮށްދެނީ، ޕޯޗުގީޒް އިސްތިޢުމާރުގެ އަތްދަށުން ދިވެހިރާއްޖެ މާތް ﷲ ގެ ރަޙްމަތްފުޅުން ސަލާމަތްވެ، ދިވެހިރާއްޖޭގެ މިނިވަންކަން އެނބުރި ދިވެހިރާއްޖެއަށް ލިބުނު މުނާސަބަތެވެ. 15 އަހަރުގެ އަނިޔާވެރި އަޅުވެތިކަމަކަށް ފަހު، ދިވެހި ރައްޔިތުން، އެ އަނިޔާވެރި އަޅުވެތިކަމުން މިންޖުކޮށްދެއްވީ، ދިވެހިރާއްޖޭގެ ތާރީޚުގެ އެންމެ ވަރުގަދަ ބަޠަލް އައްސުލްޠާން އަލްޣާޒީ މުޙަންމަދު ތަކުރުފާނުލްއަޢުޡަމްއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި، ދިވެހި ޤައުމިއްޔަތާއި، މާތްވެގެންވާ އިސްލާމްދީނާ ވަރަށް ބޮޑު ގުޅުމެއްވާކަން އެކަން ހިނގައިދިޔަގޮތުން ވަރަށް ރަނގަޅަށް ސާބިތުވެއެވެ. އެޒަމާނަކީ، ޤައުމީ މިނިވަންކަމުގެ މަފްހޫމް ދިވެހިންގެ ހިތްތަކުގައި އަށަގެންފައިވާ ޒަމާނެއްނޫނެވެ. އެހެންކަމުން، އައްސުލްޠާން އަލްޣާޒީ މުޙަންމަދު ތަކުރުފާނުލްއަޢުޡަމާއި އެރަސްގެފާނުގެ އަރިހުގައި ޖިހާދު ކުރެއްވި އަބްޠާލުން ޖިހާދު ކުރެއްވީ، ޙަޤީޤަތުގައި އިސްލާމްދީނަށްޓަކައެވެ. އޭރު ރާއްޖޭގެ ވެރިކަން ކުރަމުން ގެންދިޔަ ޕޯޗުގީޒްމީހުން ދިވެހިންގެ ހިތްތަކުން އިސްލާމީ ޢަޤީދާ ނިގުޅައިގަނެ، ދިވެހިން ޣައިރު ދީނަށް އެނބުރުމަށް މަސައްކަތް ކުރަން ފެށުމުން، އެމަސައްކަތް ފުނޑުފުނޑު ކޮށްލެއްވުމަށެވެ. އަދި ދިވެހިންނަށް އިސްލާމްދީނުގައި ސާބިތުވެ ތިބުމުގެ ޙައްޤު އެމީހުންނަށް އަނބުރާ ހޯއްދަވައި ދެއްވުމަށެވެ.
ދިވެހިން ޣައިރު ދީނަށް އެނބުރުމުގެ މަސައްކަތް ކުރަމުން ގެންދިޔައީ، ރާއްޖެ ހިފައިގެންތިބި ބޭރުގެ އިސްތިޢުމާރީ ބަޔަކު ކަމަށްވާތީ، ރާއްޖޭގެ މިނިވަންކަން އަނބުރާ ހޯދުމާއި ދިވެހިންގެ އިސްލާމީ ޢަޤީދާއާއި ދިވެހި ޤައުމިއްޔަތު ރައްކާތެރި ކުރުންވަނީ، ދުވަހަކުވެސް ވަކިނުކުރެވޭވަރަށް ވަރަށް ބޮޑަށް ގުޅި ލާމެހިފައެވެ. އެތާރީޚީ ދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްލާމްދީނާ އޮތް ގުޅުން މިވަނީ ދެމިގެން އައިސްފައެވެ.
ތާރީޚީ ނަޒަރުން ބަލާއިރު، މާސިންގާ އިންޑިޔާ ކަނޑުގެ ތެރޭގައި، އަދި ބޭރުގެ ވަރުގަދަ ސިޔާސީ އޮއިވަރުތަކުގެ ތެރޭގައި މިއޮތް ކުޑަކުޑަ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެވިފައި މިވަނީ، ދިވެހިންގެ ހިތްތަކުގައިވާ އިސްލާމީ ޢަޤީދާގެ ވަރުގަދަކަމުން ނޫން ދެވަނަ ކަމަކުން ނޫނެވެ. މިޙަޤީޤަތަކީ، އަޅުގަނޑުމެންވެސް އަދި ރާއްޖޭގައި އަންނަން އޮތް ޖީލުތަކުންވެސް ޤަބޫލުކުރަން ޖެހޭނެ ޙަޤީޤަތެކެވެ.
އެމަހެއްގެ އެއްވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ ޤައުމީ ދުވަސްކަމަށްވާ ރަބީޢުލްއައްވަލް މަސް އައުމާއެކު، އެންމެ ފުރަތަމަ މުސްލިމުންގެ ހިތްތަކުގައި އުފެދިގެންދަނީ، ވަރަށް މަތިވެރި ރޫޙާނީ ޝުޢޫރުތަކެކެވެ. އެއީ، މިމަހަކީ ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި މާތް ﷲ ފޮނުއްވި މާތްނަބިއްޔާ މުޙަންމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ތާރީޚީ މަސް ކަމަށްވާތީއެވެ.
ކީރިތިރަސޫލާގެ އަތްޕުޅުމައްޗަށް މާތް ﷲ ފާޅުކުރެއްވި އިސްލާމްދީނަކީ، ޤިޔާމަތް ދުވަހަށް ދާންދެން އިންސާނިއްޔަތަށް ބޭނުންވާ މަތިވެރި އިލާހީ އިރްޝާދުތަކާއި މާތް އުސޫލުތަކުގެ މައްޗަށް އެކުލެވިގެންވާ ދީނެކެވެ. އެ ދީނުގައިވާ މުހިންމު އިޖްތިމާޢީ މަފްހޫމްތަކަކީ، އޭރު ދުނިޔޭގައި ހިނގަމުންދިޔަ، އަނިޔާވެރި އަދި އަރާރުންބޮޑު އިޖްތިމާޢީ ނިޒާމަށް އައި ވަރަށްބޮޑު އިންޤިލާބެކެވެ.
ކީރިތި ޤުރްއާނުގެ ވަރަށްގިނަ އާޔަތްތަކުގައި މުސްލިމުންގެ މެދުގައި އޮންނަންވާ ގުޅުމާއި، އިސްލާމީ އުންމަތުގެ މިނިވަންކަމާއި، އިސްލާމީ މުޖްތަމަޢު ބިނާވެފައިވާ މައިގަނޑު ހަމަތައް ވަރަށް ތަފްޞީލުކޮށް ބަޔާން ކޮށްދެއްވާފައިވެއެވެ. އޭގެތެރޭން އެއް އާޔަތެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، މިއީ، އެއް އުންމަތެއް ކަމުގައިވާ ތިޔަބައިމީހުންގެ އުންމަތެވެ. އަދި ތިމަން ރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަން ރަސްކަލާނގެއަށް އަޅުކަން ކުރާހުށިކަމެވެ!" އަދި އެހެން އާޔަތެއްގެ މާނައިގައިވެއެވެ. "މުޙަންމަދުގެފާނީ، ﷲ ގެ ރަސޫލާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، ކާފަރުންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި ރަޙްމަތްތެރި ބަޔެކެވެ. ﷲ ގެ ޙަޟްރަތުން ފަޟްލުވަންތަވެރިކަމާއި، ރުއްސެވުން އެދޭ ޙާލު، ރުކޫޢުކޮށް ސަޖިދަކޮށް އުޅޭ ބަޔަކު ކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ."
ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުގައި އާބާދީ ކުޑަ، ހަމައެހެންމެ މުއްސަނދިކަމުގެ ވަޞީލަތްތައް މަދު ޤައުމަކަށްވާއިރު، ދިވެހިން އެކުވެރިކުރުވާ އެކަތިގަނޑަކަށް ހަދައިދޭ އެއްޗަކީ، އަދި ދިވެހިރާއްޖޭގެ އަމިއްލަ ވަންތަކަމުގެ ޝުޢޫރާއި ޤައުމީ ޝުޢޫރު ދިވެހިންގެ ހިތްތަކުގައި އަށަގަންނުވާ އެއްޗަކީ ހަމައެކަނި އިސްލާމްދީންކަން ކަށަވަރެވެ. އެހެންކަމުން ރާއްޖޭގައި އިސްލާމްދީނަށް އޮންނަ ލޯތްބާއި ޤަދަރު ކުޑަވާގޮތް ވެއްޖެނަމަ، ނުވަތަ ރާއްޖޭގައި އެހެން ދީންތަކަށް ކުޑަވެސް ފުރުޞަތެއް ދެވިއްޖެނަމަ، ދިވެހިންގެ މެދުގައި ބައިބައިވުން އުފެދި ދިވެހިންގެ މެދުގައި ޒަމާނުއްސުރެ މިއޮތް އެއްބައިވަންތަކަން ރޫޅި، ދިވެހިންގެ ޤައުމިއްޔަތާއި ޤައުމީ ޝުޢޫރަށް ހީނަރުކަން އައިސް، ރާއްޖޭގެ މިނިވަންކަން ގެއްލިދިއުން އޮންނާނީ ވަރަށް ކައިރީގައެވެ.
މިކަން މިހެން އޮތުމާއެކު، ދިވެހިރާއްޖެއަކީ ފުރިހަމަ ސިޔާދަތާއި އަމިއްލަވަންތަކަން ލިބިގެންވާ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް އަޅުގަނޑުމެން ބޭނުންވާނަމަ، ދިވެހިންގެ އިސްލާމީ ޢަޤީދާ ޙިމާޔަތްކޮށް، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދަމަހައްޓައި، ދިވެހި ޤައުމިއްޔަތުގެ ޝުޢޫރުތައް ވަރުގަދަ ކުރުމަކީ، އަޅުގަނޑުމެންނާއި، އަޅުގަނޑުމެންގެ ދަރިންނާއި، ދަރިންގެ ދަރިންނާއި، އަންނަން އޮތް ޖީލުތަކުގެ ޤައުމީ އަދި ދީނީ ވާޖިބަކަށް ވާނެކަން ޔަޤީނެވެ.