ޕެންޝަން އެޑްމިނިސްޓްރޭޝަނަށް ހަތަރު އަހަރު ތެރޭ އަށް ލައްކަ ޑޮލަރުގެ ޕެންޝަން އެޑްމިނިސްޓްރޭޝަން ސިސްޓަމެއް ގަތުމަށް އިންޑިޔާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.


ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގައި އަލަށް ގާއިމް ކުރާ ޕެންޝަންގެ ނިޒާމު، އެޑްމިނިސްޓާ ކުރުމަށްޓަކާ ޕެންޝަން އެޑްމިނިސްޓްރޭޝަން ސިސްޓަމެއް ގަތުމަށްޓަކާ ހަވާލު ކުރީ އިންޑިއާގެ ކާވީ ކޮމްޕިއުޓަޝެއާ ޕްރައިވެޓް ލިމިޓެޑާ އެވެ. ވޯލްޑް ބޭންކާ ސަރުކާރުން ޚަރަދުކޮށްގެން ގަތުމަށް ހަމަޖެހިފައިވާ އެސިސްޓަމް ގަތުމުގެ އެއްބަސް ވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު ޑރ. އައިމިނަތު ޖަމީލެވެ. އަދި ކާވީ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ވީ ގަނޭޝް އެވެ.


އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މިނިސްޓާ ވިދާޅުވީ މިއީ މިވަގުތު ރާއްޖެ އަށް ވަރަށް ބޭނުންތެރި ސިސްޓަމެއް ކަމެކެވެ. އަދި އެއީ ޕެންޝަން ސިސްޓަމް ހަރުދަނާ ކުރުމަށް ވަރަށް ބޭނުންތެރި ސިސްޓަމެއް ކަމުގައި ވިދާޅުވި އެވެ.


ހަތަރު އަހަރު އެއްބަސްވުމުގެ ދަށުން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ގަތުމަށް ހަމަޖެހިފައިވާ ސޮފްޓްވެއާ، ޕެންޝަން އޮފީހުން ކަނޑައަޅާ މިންގަނޑުތަކަށް ކަސްޓަމައިޒް ކުރުމަށްޓަކާ ގެޕް އެނަލިސް އެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކޮންޓްރެކްޓްގެ މުއްދަތުގެ ތެރޭގައި ގާއިމް ކުރާ ޕެންޝަން އެޑްމިނިސްޓްރޭޝަން ސިސްޓަމް ބަލަހައްޓާ މެއިންޓެއިން ކުރުމުގެ ހުރިހާ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވަނީ ކާވީ ކުންފުނީގެ ފަރާތުން ކަމަށް ޕެންޝަން އޮފީހުން ބުނެ އެވެ.


ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވާ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން 2009 އަހަރުގެ މެއި 13 ގައި އުފައްދާފައިވާ ޕެންޝަން ސްކީމްގެ ދަށުން އަސާސީ ޕެންޝަން ސްކީމަކާ ރިޓަޔަމަންޓް ސްކީމެއް ވަނީ ގާއިމްކޮށްފަ އެވެ. އަންނަ އަހަރުގެ މެއި މަހުން ފެށިގެން ޕްރައިވެޓް ސެކްޓާގައި ވަޒީފާ އަދާކުރާ ފަރާތްތައް މި ސްކީމްގައި ބައިވެރިކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.