13 Jan 2013, 10:38
މިދިޔަ އަހަރު 23.9 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އިންޕޯޓް ކޮށްފައިވާ ކަމަށާއި އެއީ 2011 ވަނަ އަހަރާ އަޅާ ބަލާއިރު 17 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.
ކަސްޓަމްސް އިން ބުނީ ފާއިތުވި އަހަރު 23.9 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އިންޕޯޓްކޮށްފައިވާއިރު އެއީ 2011 ވަނަ އަހަރާއި އަޅާބަލާއިރު 17 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. އަދި 2011 ވަނަ އަހަރު ރާއްޖެއަށް 20.5 ބިލިއަން ރުފިޔާގެ މުދާ އިންޕޯޓް ކޮށްފައިވާއިރު 2010 ވަނަ އަހަރު ރާއްޖެ އެތެރެކޮށްފައި ވަނީ 14.0 ބިލިއަން ރުފިޔާގެ މުދާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ދެހާސް އެގާރަ ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ގާތްގަނޑަކަށް ފަންސާސް ޕަސެންޓް ދަށްވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ. އަދި 2011 ވަނަ އަހަރު 2.6 ބިލިއަން ރުފިޔާ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފައިވާއިރު، ފާއިތުވި އަހަރު މިއަދަދު 1.3 ބިލިއަން ރުފިޔާ އަށް ވެއްޓިފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ ފާއިތުވި އަހަރު އެންމެ ގިނަ މުދާ ރާއްޖެ އިމްޕޯޓް ކުރީ ޔުނައިޓެޑް އަރަބި އެމެރޭޓްސް (ޔޫއޭއީ) ކަމަށާއި އެގައުމުން 7.3 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އިމްޕޯޓް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ބޮޑު ބަޔަކީ ތެލުގެ ބާވަތްތަަކެވެ.
މިދިޔަ އަހަރު ދެވަނަ އަށް އެންމެ ގިނަ މުދާ ރާއްޖެ އެތެރެ ކުރި ގައުމަކީ ސިންގަޕުރެވެ. އެ ގައުމުން 4.5 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އިމްޕޯޓް ކޮށްފައިވާއިރު ތިން ވަނަ އަށް އެންމެ ގިނަ މުދާ ރާއްޖެ އެތެރެކުރި އިންޑިއާ އިންނެވެ. އެ ގައުމުން މިދިޔަ އަހަރު ރާއްޖެ އެތެރެކޮށްފައި ވަނީ 2.2 ބިލިއަން ރުފިޔާގެ މުދާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓް ކުރެވުނު އަދަދު 2011 ވަނަ އަހަރާ އަޅާބަލާއިރު 44 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ. އަދި މިދިޔަ އަހަރު ޖުމްލަ 2.5 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާއިރު 2011 ވަނަ އަހަރު އެކްސްޕޯޓް ކުރެވުނީ ޖުމްލަ 1.8 ބިލިއަން ރުފިޔާގެ މުދާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.