ސުޓޭޓް ޓުރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ޕުރޮޑަކްޓްތަކެއް ހެޔޮއަގުތަކާއެކު، ލިބޭ އެސްޓީއޯ ވެއާ ހައުސް ސޭލް އެ ކުންފުނީގެ ހަތް ނަމްބަރުކޮށީގައި ރޭގައި ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ ރެއިން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ފެއާގައި ލިބެން ހުންނާނެ ތަކެތީގެ އަގު ކުރިން ބޭއްވި އެސްޓީއޯ ބޮޑު ސޭލްއަށް ވުރެ ވެސް އަގުހެޔޮވާނެ ކަމަށެވެ. އަދި އެ ސޭލް ކުރިއަށް ދާނީ ކޮންމެ ރެއަކު 8:00 އިން 11:00 އަށް ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

"މިސޭލްގައި ލިބެން ހުންނާނެ އައިޓަމްތަކުގެ ތެރޭގައި ޕިލިޕްސް ހޯމް ތިއޭޓާ ސިސްޓަމް، ހިޓާޗީ ރެފްރި ޖެރޭޓާ އަދި ދޮންނަ މެޝިން، މަކިޓާގެ އައިޓަމްތައް އަދި މީގެ އިތުރުން ސުޕަމާޓްގެ ގިނަ އައިޓަމްތައް ވަރަށް ހެޔޮ އަގުތަކެއްގައި ލިބެން ހުންނާނެ،" އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯ އިން އިތުރަށް އެ ސޭލްގައި އެސްޓީއޯގެ ސްޓާފުންނަށް ހާއްސަ "ސްޓާފް ސުޕެޝަލް އަވާ"އެއް ކުރިޔަށްދާނެ އެވެ. އެގޮތުން ސްޓާފުންނަށް %2.5 ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓިއޯއިން ބުންޏެވެ. އަދި އެ ސޭލައަކީ ކަސްޓަމަރުން ބޭނުންވާ ޕްރޮޑަކްޓްތައް ހެޔޮ އަގުގައި ތަފާތު ތަނެއްގައި ފޯރުކޮށްދިނުމަށް ބާއްވާ ފެއާއެއް ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.