ބަމާކޯ (ޖަނަވަރީ 12): އެފްރިކާގެ ގައުމެއް ކަމަށްވާ މާލީ އަށް ޢަސްކަރީ ގޮތުން ވެދެގެނަނެގެން އުޅޭ ފަރަންސޭސިވިލާތުގެ ޢަސްކަރީ ބާރުތަކާއި އެ ގައުމުގެ އުތުރުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގާ ގިނަ ޢަދަދެއްގެ އާންމުންގެ އެތައް ސަތޭކަ ބަޔަކު މަރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެފި އެވެ.

އެމެރިކާގެ ޖަމާއަތެއް ކަމަށްވާ ހިޔުމަން ރައިޓްސް ވޮޗުން ބުނީ މާލީ އަށް އިއްޔެ ވެދެގެންފައިވާ ފަރަންސޭސި ސިފައިންގެ ޔުނިޓްތަކާއި މާލީ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިންނާއި ދެމެދު ބަލަދު ކުރާ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުން މަރުވެފައިވާ ކަމަށާއި މަރުވި މީހުންގެ ޢަދަދު ސަތޭކަ އިން ގުނާލެވޭނެ ކަމަށް ބެލެވޭ ކަމުގަ އެވެ. ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންޑް އިއްޔެ ވިދާޅުވީ އޭނާގެ ގައުމުގެ ސިފައިން މާލީ އަށް ފޮނުވީ މާލީގެ ސަރުކާރުގެ އެދުމުގެ މަތިންކަމަށް ވިދާޅުވެ އެކަން ދިފާޢު ކުރައްވާފަ އެވެ.

މާލީއަކީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޢަސްކަރީ ދެ އިންގިލާބެއް އައިސް ވެރިކަން ބަދަލުވެފައިވާ ގައުމެކެވެ. މާލީގެ އުތުރުގައި ހަނގުރާމަކުރާ އިސްލާމީ ހަނގުރާމަވެރިންނަކީ އަލްގާޢިދާ އަށް ނިސްބަތްވާ ބައެއް ކަމަށާއި އެ މީހުންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ޓަކައި ފަރަންސޭސިވިލާތުގެ ޢަސްކަރީ އެހީ ހޯދީ ވެރިރަށް ބަމާކޯ ވެސް އެމީހުންގެ އަތްދަށަށް ވެއްޓިދާނެ ކަމުގެ ބިރު ހީވުމުން ކަމަށް އިންގިލާބީ ސަރުކާރުން ބުނެ އެވެ.

ފަރަންސޭސި ދިފާއީ ވުޒާރާ އިން ވަނީ މާލީ އަށް ވަދެގެންފައިވާ އެގައުމުގެ ޢަސްކަރީ ބާރުތަކުން ޢަސްކަރީ ހެލިކޮޕްޓަރުންނާއި ހަނގުރާމަމަތީ ފައިޓަރޖެޓް ތަކުން މާލީގެ ހަނގުރާމަވެރިންނަށް ގަދަފަދަ ޙަމަލާތައް ދެމުންގެންދާ ކަމަށް ބުނެފަ އެވެ. ވައިގެ މަގުންދިން މިޙަމަލާތަކުގައި ހަނގުރާމަވެރިންގެ ގިނަ ބަޔަކު މަރުވެފައިވާ ކަމަށް ރޭ ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ފަރަންސޭސި ރައީސް އޮލާންދް ވިދާޅުވެފައިވެ އެވެ. ހަނގުރާމަވެރިންގެ ރައްދު ޙަމަލާތަކުގައި ފަރަންސޭސި ޢަސްކަރީ ޕައިލެޓަކު މަރުވެފައިވާ ކަމަށް ފަރަންސޭސި ދިފާޢީ ވަޒީރު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
އަނެއްކޮޅުން އިނގިރޭސިވިލާތުން ވަނީ މާލީގައި ޙަރަކާތްތެރިވާ އިސްލާމީ ހަނގުރާމަވެރިންނާ ދެކޮޅަށް ފަރަންސޭސިވިލާތުން ކުރިޔަށްގެންދާ ޢަސްކަރީ އޮޕަރޭޝަނަށް ލޮޖިސްޓިކް ގޮތުން އެހީތެރިވާނެކަން ހާމަކޮށްފަ އެވެ. މިގޮތުން މާލީގައި ހަނގުރާމަކުރާ ފަރަންސޭސި ސިފައިންނަށް ބޭނުންވާ ހަތިޔާރާއި ތެލުގެ ބާވަތްތައް ވައިގެ މަގުން އުފުލައި ދިނުމާއި ސިފައިންނާއި ކޮމާންޑަރުން ގެންގޮސްދިނުން ފަދަ ލޮޖިސްޓިކް ސަޕޯޓް އިނގިރޭސިވިލާތުން ދޭނެކަމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންގެ އޮފީހުން ރޭ ނެރެފައިވާ ބަޔާނެއް ބުނެ އެވެ.

މާލީގައި ޙަރަކާތްތެރިވާ އަލްޤާޢިދާއާ ގުޅުންވާ ކަމަށް ބުނެވޭ އިސްލާމީ ހަނގުރާމަވެރިންގެ ނުރައްކާ، އަލްޖަޒާއިރު ފަދަ އުތުރު އެފްރިކާގެ ޢަރަބި ގައުމުތަކަށާއި ސަބްސަހަރަން އެފްރިކާގެ ގައުމުތަކުގެ އިތުރުން ހުޅަނގު އެފްރިކާ ގެ ގައުމުތަކަށް ވެސް އޮތްކަމަށް އެ ގައުމުތަކުގެ ސަރުކާރުތަކުން ބުނަމުން ގެންދެ އެވެ. މާލީގައި ފަރަންސޭސި ސިފައިން ހިންގާ ޢަސްކަރީ އޮޕަރޭޝަނަށް އެހީތެރިވުމުގެ ގޮތުން ހުޅަނގު އެފްރިކާގެ "އީކުއާސް" ޖަމާއަތަށް ނިސްބަތްވާ ގައުމުތަކުގެ ގުޅިފައިވާ ލަޝްކަރެއް މިއަދުގެ ވަގުތެއްގައި މާލީއަށް ވެދެގަންނާނެ ކަމަށް ޚަބަރު ލިބެ އެވެ.

މާލީ އަށް ފަރަންސޭސި ސިފައިން ވަދެގަތުމާ ގުޅިގެން އުތުރުއެފްރިކާގެ ތިން ޢަރަބި ގައުމެއް ކަމަށްވާ ލީބިޔާ، އަލްޖަޒާއިރު އަދި ތޫނިސްގެ ބޮޑުވަޒީރުން ވަނީ ބައްދަލުކުރައްވައިފަ އެވެ. ލީބިޔާގެ ދެކުނުގެ ޣަދާމިސްގައި ބޭއްވި މިބައްދަލުވުމުގައި މިތިން ގައުމުގެ ބޮޑުވަޒީރުން ވަނީ އުތުރު އެފްރިކާއަށާއި މެދުތެރޭ އެފްރިކާ ސަރަޙައްދަށް އަލްގާޢިދާގެ ނުރައްކާތެރިކަން އޮތް މިންވަރާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައި އަލްޤާޢިދާ އަށް ނިސްބަތްވާ އިސްލާމީ ހަނގުރާމަވެރިންނާ ދެކޮޅަށް ޙަރަކާތްތެރިވުމުގައި މިތިން ގައުމުގެ ސިފައިންނާއި ސަލާމަތީ ބާރުތައް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. (އަލްޖަޒީރާ)