13 Jan 2013, 03:04
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކޯނީގެ ރިޕޯޓް ދިރާސާ ކުރާ ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީއަށް ހާޒިރުކޮށްފާނެ ކަމުގެ އިޝާރާތެއް ކުރައްވައި، އެ ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވާހަކަފުޅު ދައްކަވައިފި އެވެ.
ކޯނީ ރިޕޯޓަށް މައުލޫމާތު ދީފައިވާ ފަރާތްތައް ހާޒިރުކޮށްގެން، ސިއްރު ކުރާ ކޮމެޓީތަކުގެ މައުލޫމާތު މީޑިޔާއާ ހިއްސާ ކުރުމަށް މަޖިލީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް އަލީ ވަހީދު ވިދާޅުވީ ފެބްރުއަރީ 6، 7، 8، ފުރިހަމަ ވާނީ ރައީސް ނަޝީދާއި ރައީސް ވަހީދު ހިމެނިވަޑައިގެން ކަމަށާއި ކޮމެޓީން ނިންމާ ރިޕޯޓްގައި "ދެ ފަރާތުގެ ވާހަކަ" ވެސް ހިމަނާނެ ކަމަށެވެ.
ނަމަވެސް ރައީސް ނަޝީދާއި ރައީސް ވަހީދު ހާޒިރު ކުރުމަށް ގޮތެއް ނިންމާނީ ކޮމެޓީގެ މެންބަރުން ކަމަށާއި ދެ ފަރާތުގެ ވޯޓް އެއްވަރުވެއްޖެނަމަ، މުގައްރިރުގެ ހައިސިއްޔަތުން "ކާސިޓް ވޯޓް" ލެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"[ވެރިކަން ބަދަލުވި ގޮތަށް ބަލާއިރު] ފެބްރުއަރީ 6، 7، 8، ހިމެނޭ ވަރަށް 'ކީ'[މުހިއްމު] ދެ ބޭފުޅުން ރައީސް ނަޝީދާއި ރައީސް ވަހީދަކީ... އެ ދެ ބޭފުޅުން ނުހިމެނިއެއް އަޅުގަނަޑަކަށް ހިއެއް ނުވޭ 6، 7، 8، ފުރިހަމަ ނުވާނެ. [ދެ އެ ބޭފުޅުން ހާޒިރު ކުރާނެ ކަމެއް] އެޔެއް އަޅުގަނޑަކަށް ނޭނގޭ. ކޮމެޓީގެ މެންބަރުން އެކަން ނިންމާނީ. އަޅުގަނޑު މި އިންނަނީ ކާސްޓިން ވޯޓް ލާން،" އަލީ ވަހީދު ވިދާޅުވި އެވެ.
އިއްޔެ ރޭ މަޖިލީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އަލީ ވަހީދު ވިދާޅުވެފައި ވަނީ ރައީސް ނަޝީދާއި ރައީސް ވަހީދުގެ އިތުރުން މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުން ކޮމެޓީއަށް ހާޒިރު ކުރުމާމެދު ކުރިއަށް އޮތް ބައްދަލުވުންތަކުގައި ގޮތެއް ނިންމާނެ ކަމަށެވެ.
ނަމަވެސް އޭނާ މިރޭ ވިދާޅުވީ ނުރަސްމީ ޑެލެބްރޭޝަންތަކުގައި އެކިއެކި ހިޔާލުތައް މެންބަރުން ފާޅުކުރެއްވި ނަމަވެސް ރަސްމީކޮށް ހުށަހަޅައި މިރޭ ފާސްވެފައި ވަނީ ފަސް ބޭފުޅަކު ކޮމެޓީއަށް ހާޒިރު ކުރުމަށް ކަމަށެވެ. އެއީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭގެފާނާއި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި މިހާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމުގެ އިތުރުން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒެވެ. އެ ފަސް ބޭފުޅުން ހާޒިރު ކުރާނެ ވަކި ދުވަހެއް އަލީ ވަހީދު ވިދާޅެއް ނުވެ އެވެ.
ކޯނީގެ ރިޕޯޓްގެ ދިރާސާއަށް ކުރަމުންދާ މަސައްކަތަކީ ވަކި ސިޔާސީ ލީޑަރަކު "ފްރޭމް" ކުރުމަށް ކުރަމުންދާ މަސައްކަތެއް ނޫން ކަމަށާއި އެކަން ޔަގީން ވަނީ ސަރުކާރަށް ތާއިދު ކުރާ ޕާޓީތަކުގެ މެންބަރުނާއި އެމްޑީޕީގެ މެންބަރުން ކޮމެޓީގައި ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އިއްޔެ ހަވީރު ބޭއްވި ބައްދަލުވުމަށްފަހު ކޮމެޓީގައި ބައްދަލުވުންތަކުގައި ޕީޕީއެމް ބައިވެރި ނުވާނެ ކަމަށް ނިންމި ނަމަވެސް، އެބޭފުޅުން މިހާރު ކޮމެޓީތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އެ ބޭފުޅުންނަކީ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފެވެ.
އެމްޑީޕީގެ ހަ މެންބަރުންނާއެކު، އެ ޕާޓީގެ މެޖޯރިޓީ އޮންނަ ކޯނީގެ ރިޕޯޓް ދިރާސާ ކުރާ ކޮމެޓީގެ މުގައްރު ވިދާޅުވީ ކޮމެޓީން ކުރިއަށް ގެންދަނީ "އިންކުއަރީ" އެއް ކަމަށެވެ. އަދި ކޮމެޓީން ހޯދާ ހޯދުންތައް ރިޕޯޓެއްގެ ގޮތުގައި އެކުލަވާލާނީ ތޯތޯ ވާހަކަ ހިމަނައިގެން ނޫން ކަމަށާއި،'ފެކްޓް'ހިމަނައިގެން ކަމަށެވެ.
ކޯނީގެ ރިޕޯޓްގެ ދިރާސާއަށް މިހާތަނަށް ކޮމެޓީއަށް ހަތް ބޭފުޅުން ހާޒިރުކޮށްފައިވެ އެވެ. އެ ބޭފުޅުންނަކީ ޕޮލިސް އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް މުހަންމަދު ހަމީދު (އެމްސީ ހަމީދު) އާއި އެމްއެންޑީއެފްގެ އިންޓެލިޖެންސްގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް އަހުމަދު ނިލާމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި ފުލުހުންގެ ޑްރަގް އެމްފޯސްމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް މުހައްމަދު ޖިނާހު އާއި ހިއުމަން ރައިޓްސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ފާތުމަތު ދިޔާނާ ސައީދުއާއި ރިޓަޔާޑް ބްރިގޭޑިއާ ޖެނަރަލް އިބްރާހިމް ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދެވެ.
މާދަމާ ކޮމެޓީއަށް ހާޒިރު ކުރާނީ ވެރިކަން ބަދަލުވިއިރު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޫސާ އަލީ ޖަލީލެވެ.