12 Jan 2013, 22:47
ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ގްރޫޕް ބީ ފަޅިން އެންމެ ފަހުގެ ޗެމްޕިއަން ވިކްޓަރީ އަތުން 3-1 ލަނޑުން މެޗް ކާމިޔާބުކޮށް، ކުލަބް ވެލެންސިޔާގެ ފެށުން ރަނގަޅު ކޮށްފި އެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ވެލެންސިޔާ އެވެ. ދެ ވަނަ ހާފުގެ 55 ވަނަ މިނެޓުގައި ވެލެންސިޔާއަށް ލީޑް ނަގައި ދިނީ އަހުމަދު ވިޝާމް (ޖެރާޑް) އެވެ. އަދި އޭނާ ވަނީ އޭނގެ ފަސް މިނެޓް ފަހުން ވެލެންސިޔާއަށް އިތުރު ލަނޑެއް ކާމިޔާބު ކޮށް މެޗުގެ ލީޑް ފުޅާ ކޮށްދިނެ އެވެ.
ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ވެލެންސިޔާއިން ވިކްޓަރީ ކޮޅަށް ޖެހި އެޓީމުގެ ފަހު ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ފައިޒާމެވެ.
މެޗުގެ ފަހު ފަސް މިނިޓް 10 ކުޅުންތެރިންނާއެކު ކުޅެން ޖެހުނު ވެލެންސިޔާކޮޅަށް، ވިކްޓަރީން ޖެހި އެޓީމުގެ ހަމައެކަނި ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ކާމިޔާބު ކޮށްދިނީ (ކެޕްޓަން) ހުސައިން ނިހާނެވެ.
ޖުމުލަ 12 ޓީމު ތިން ގްރޫޕަކަށް ބަލާހައިގެން ކުޅޭ މުބާރާތުގައި މާދަމާ ހަވީރު 4:00 ޖަހާއިރު ބައްދަލުކުރާނީ ގްރޫޕް ބީގެ ނިއު ރޭޑިއަންޓާއި ބީޖީ ސްޕޯޓްސް އެވެ.
މުބާރާތް ކުރިއަށް ގެންދާނީ ގްރޫޕް ސްޓޭޖުގައި ޓީމުތައް ވާދަކޮށް ނިމޭއިރު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމާއި، އަދި ތިން ގުރޫޕް އެއްކޮށް ތިން ވަނައަށް އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެ ޓީމާ އެކު ޖުމްލަ އަށް ޓީމު ކުއާޓާ ފައިނަލުގައި ވާދަކުރާ ގޮތަށެވެ.