12 Jan 2013, 21:37
ކުއާލަލަންޕޫރު (ޖަނަވަރީ 12): މެލޭޝިޔާގެ ވެރިކަމުގެ ނިޒާމަށް ސިޔާސީ ބޮޑެތި އިސްލާޙުތައް ގެނައުމަށް ގޮވާލާ ބޮޑު މުޒާހަރާއެއް ވެރިރަށް ކުއާލަލަންޕޫރުގައި މިއަދު ކޮށްފި އެވެ.
މެލޭޝިޔާގެ އިދިކޮޅު ފަރާތްތަކުން އިންތިޒާމްކުރި މިމުޒާހަރާ ކުރިއަށް ގޮސްފައި ވަނީ ކުއާލަލަންޕޫރުގެ މެދުތެރޭގައިވާ "މިރްދިކާ" ފުޓްބޯޅަ ދަނޑުގެ ސަރަހައްދު ގަ އެވެ. މުޒާހަރާކުރި މީހުން ބޮޑުވަޒީރު ނަޖީބް ރައްޒާޤަށާއި މެލޭޝިޔާގައި ދިގުލީ ވެރިކަމެއް ކުރަމުން ގެންދާ "ޔުނައިޓެޑް މެލޭސް ނެޝަނަލް އޮގަނައިޒޭޝަން" (އުމްނޯ) ޕާޓީ އަށް ގޮވާލީ ކުރިޔަށް އޮތް އާންމު އިންތިޚާބުގެ ކުރިން މެލޭޝިޔާގެ އިންތިޚާބުގެ ނިޒާމަށާއި އިންސާނީ ޙައްޤުތަކުގެ ދާއިރާތަކަށް އިސްލާޙީ ބަދަލުތަކެއް ގެނައުމަށެވެ. މިއަދުގެ މުޒާހަރާގެ ބައިވެރިންގެ ޢަދަދު ފަސް ލައްކައަށް އަރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް ސަރުކާރުން ލަފާކުރާގޮތުން މުޒާހަރާގެ ބައިވެރިންގެ ޢަދަދު އުޅެނީ ބައިލައްކައިގަ އެވެ.
މިމުޒާހަރާތަކުގައި ބައިވެރިވި މީހުން ވަނީ ބޮޑުވަޒީރު ނަޖީބް ރައްޒާޤުގެ ސަރުކާރަކީ ކޮރަޕްޝަނުން ފުރިގެންވާ ފާސިދު ޕާޓީއެއްކަމަށް ސިފަކޮށްފަ އެވެ. އަދި ވެރިކަންކުރާ "އުމްނޯ" ޕާޓީއަކީ މެލޭޝިޔާގެ ވެރިކަން މޮނޮޕޮލީ ކޮށްގެންއުޅޭ ޑިމޮކްރަސީއާ ދުޝްމަން ޕާޓީއެއް ކަމުގެ އަޑުތައް ވެސް އުފުލާފަ އެވެ. ކުއާލަލަންޕޫރުގެ ފުލުހުންގެ ވެރިޔާ މުޙައްމަދު ސާލިޙް ވަނީ މި މުޒާހަރާ އަކީ ސުލްޙަވެރި މުޒާހަރާއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ކަށަވަރުކޮށްދިނުމުން މުޒާހަރާކުރުމަށް ފުލުހުން މަގުފަހިކޮށްދިންކަން ހާމަކުރައްވާފަ އެވެ.
މެލޭޝިޔާ ސަރުކާރުން 2011 ވަނަ އަހަރު ވަނީ ސިޔާސީ އިސްލާޙި ޕްރޮގްރާމެއް އިޢްލާންކޮށްފަ އެވެ. އެއްވެ އުޅުމުގެ މިނިވަންކަމަށާއި އިންސާނީ ހައްޤުތަކަށް ހުރަސްއެޅޭ ތިން ޤާނޫނެއް މި އިސްލާޙުގެ ދަށުން އުވާލުން މިޕްރޮގްރާމުގައި ހިމަނާފައިވެ އެވެ. މީގެ ތެރޭގައި 1960 ވަނަ އަހަރު މެލޭޝިޔާގެ ކޮމިއުނިސްޓުން ގެންނަން މަސައްކަތްކުރި ބަޣާވާތާ ގުޅިގެން އެ ދުވަސްވަރު ފާސްކޮށްފައިވާ އެތެރޭގެ ސަލާމަތާ ބެހޭ ހަރުކަށި ގާނޫނު ވެސް ހިމެނެ އެވެ. މިހަރުކަށި ގާނޫނުގައި ގައުމުގެ އަމްނާއި ސަލާމަތަށް ނުރައްކާކުރާ ކަމަށް ފުލުހުންނަށް ފެންނަ ކޮންމެ މީހަކު އެއްވެސް ޝަރީޢަތަކާ ނުލާ އެތައް އަހަރަކަށް ޖަލުގައި ބަންދުކޮށްގެން ގެންގުޅުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވެ އެވެ. އަދި ވަކި ޕާޓީއަކަށް ނޫނީ ވަކި ޖަމާއަތަކަށް ނިސްބަތްވާތީ މީހުން ހައްޔަރު ކުރުމުގެ އިޚްތިޔާރު ވެސް ފުލުހުންނަށް ލިބިދީފައިވެ އެވެ.
މެލޭޝިޔާގެ ސަރުކާރުން ވަރަށް ފަހަކާ ޖެހެންދެން މި ގާނޫނު ބޭނުންކުރަމުން ގެންދިޔައީ އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުކޮށް އެ މީހުން ސިޔާސީ މުސްތަޤްބަލް ދުއްވާލުމަށާއި "އުމްނޯ" ޕާޓީގެ ދިގުލީ ވެރިކަން ދެމެހެއްޓުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ. މި ހަރުކަށި ޤާނޫނުގެ ބަދަލުގައި މެލޭޝިޔާގެ ޕާލަމެންޓުން ފާސްކޮށް ސަރުކާރުން ތަސްދީޤުކޮށްފައިވާ އެތެރޭގެ އަމްނާބެހޭ އައު ގާނޫނު ވުޖޫދަށް އައިސްފައި ވަނީ މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގަ އެވެ. "އުމްނޯ" ޕާޓީގެ ވެރިކަމަށް މިހާރު ވަނީ ބައިގަރުނު ވެފަ އެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހު މެލޭޝިޔާގެ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ކުރިމުޒާހަރާތަކާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން ހާހެއްހާ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބި އެތައް ސަތޭކަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. (އަލްޖަޒީރާ)