ފުލުހުންގެ ޗީފް ސްޕްރިޓެންޑެންޓުގެ ރޭންކުން ސުޕްރިޓެންޑެއްގެ ރޭންކަށް ޑީމޯޓްކޮށްފައިވާ މުހައްމަދު ޖިނާހު ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފި އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި ޖިނާހު މިރޭ ވިދާޅުވީ ފުލުހުންގެ ވަޒީފާ އިން އޭނާ ވަކިކުރި ކަން މިދިޔަ ބުރާސްފަތި ދުވަހު އަންގާފައިވާ ކަމަށެވެ. ނަމަވެސް ލިޔުމުން އަދި އެކަން އަންގާފައި ނުވާ ކަމަށާއި ވަޒީފާ އިން ވަކިކުރި ސަބަބު ލިޔުމުން އެންގުމުން، އެކަމާ ގުޅޭ ގޮތުން މީޑިއާ އަށް "އެއްޗެއް" ވިދާޅުވާނެ ކަމަށް ޖިނާހު ވިދާޅުވި އެވެ.

"[ފުލުސް އޮފީހުން] އަޅުގަނޑަކަށް ގުޅާފައި ވިދާޅުވީ ވަޒީފާ އިން ވަކިކުރަން ނިންމި ވާހަކަ. ސަބަބެއް ވިދާޅެއް ނުވޭ، ވިދާޅުވީ ލިޔުމުން ދެއްވާނަމޭ. ލިޔުން ލިބުނީމާ، ވަކިއެއްޗެއް ދަންނަވާނަން،" ޖިނާހު ވިދާޅުވި އެވެ.

ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ޖިނާހު ވިދާޅުވި އިރު، ފުލުހުން އެކަމާ ގުޅޭ ގޮތުން ރަސްމީކޮށް ވަކިއެއްޗެއް ނުބުނެ އެވެ.

ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގު ކުރާ ޑިޕާޓްމަންޓްގެ ވެރިޔާ އަށް ހުންނަވަނިކޮށް، ޗީފް ސުޕްރިޓެންޑެންޓުގެ ރޭންކުން ސުޕްރިޓެންޑެއްގެ ރޭންކަށް ޖިނާހު ޑީމޯޓްކޮށްފައި ވަނީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން އެންގި އެންގުމަކާ ގުޅިގެންނެވެ. އެއީ ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫން ތަހުގީގުގައި ނުދައްކާ ވާހަކަތަކެއް ތަހުގީގުގައި ދެއްކި ކަމަށް ބުނެ ޖިނާހު މީޑިޔާ އަށް ވާހަކަތަކެއް ހާމަކޮށްފައިވާ ކަމަށް ބުނެ ޣައްސާން ހުށަހެޅުއްވި މައްސަލަ ތަހުގީގު ކުރުމަށް ފަހު އެވެ.