ސިޔާސީ ޕާޓީގެ ބިލް ރައީސުލްޖުމްހޫރީއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ތަސްދީގު ނުކުރައްވައި އެ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލުމުން ޕީޕީއެމްއިން ރައީސް ވަހީދަށް ވަރަށް ބޮޑަށް ފާޑު ކިޔަފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ޕީޕީއެމްގެ ސްޕޯކްސް ޕާސަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީން ސިޔާސީ ޕާޓީގެ ބިލް ފާސް ކޮށްފައި ވަނިކޮން މަޖިލީޙުގެ އެ ނިންމެވުމަށް އެއްވެސް ވަރަކަށް ވިސްނާވަޑައިގަތުމެއް ނެތި ބިލް ތަސްދީގު ނުކުރައްވައި އެ ބިލް މަޖިލީހަށް އަނބުރާ ފޮނުވާ ލުމަކީ ރައީސް ވަހީދު ވަރަށް ޒިންމާދާރު ކަން ކުޑަކޮށް ކުރެއްވި ކަމެއް ކަމަށެވެ. އަދި މަހުލޫފް އެކަން ސިފަ ކުރެއްވީ މަޖިލީހުގެ މޫނު މަތީގައި ރައީސް ވަހީދު ޖެއްސެވުން ކަމަށެވެ.

"އަޅުގަނޑު ސިފަ ކުރާ ގޮތުގަ ރައީސް އެ ސިޔާސީ ޕާޓީގެ ބިލް ތަސްދީގު ނުކޮށް މަޖިލީހަށް އަނބުރާ ފޮނުވާ ލެއްވުމަކީ ރައީސް ވަރަށް ޒިންމާދާރު ކަން ކުޑަ ކޮށް ކުރެއްވި ކަމެއް. ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން ބިލެއް ފާސް ކުރެއްވީމައި ރައީސް ޖެހިވަޑައި ގަންނަވާނެ އެ ބިލެއް ތަސްދީގު ކުރައްވަން. އެއީ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތް. ރައީސް ސިޔާސީ ޕާޓީ ތަކުގެ ބިލް ތަސްދީގު ނުކުރައްވައި ފޮނުއްވާ ލެއްވުމުން އަޅުގަނޑުމެން އެކަން ސިފަ ކުރަނީ އެއީ ރައީސް މަޖިލީހުގެ މޫނު މަތީގައި ޖެއްސެވުން ކަމަށް. މަޖިލީހުގެ ނިންމުން ބޮލާލާ ޖެއްސެވީ،" މަހްލޫފް ވިދާޅުވި އެވެ.
~
އޭނާ ވިދާޅުވީ މަޖިލީހުން ބިލެއް ފާސް ކުރުމުން އެ ބިލެއް ތަސްދީގު ނުކުރައްވައި ފޮނުވާލުމުގެ ބާރު ރައީސްއަށް ލިބިވަޑައި ގެންފައިވާކަން ގަބޫލުފުޅު ކުރައްވާ ކަމަށާއި އެހެން ނަމަވެސް މަޖިލީހުގެ އިއްތިފާގުން ބިލެއް ފާސް ކުރެއްވުމުން އެ ބިލަކާއި މެދު ރައީސް ފުންކޮށް ވިސްނާވަޑައި ގަންނަވަން ޖެހޭނެ ކަމަށެވެ.

ރައީސް ވަހީދުގެ އަރިހުގައި ތިއްބަވާ ބައެއް ބޭފުޅުން ކޯލިޝަން ސަރުކާރު ހަލާކު ކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ސިޔާސީ ޕާޓީގެ ބިލު ރައީސް ތަސްދީގު ނުކުރައްވައި އެ ބިލް މަޖިލީހަށް އަނބުރާ ފޮނުއްވައި ލެއްވީ އެފަދަ ބޭފުޅުންގެ ނުފޫޒުން ކަމަށް ވެސް މަހްލޫފު ތުހުމަތުކުރެއްވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެބަ ތިއްބެވި ކަންކަން ގޯސް ކުރެއްވުމަށް އުޅުއްވާ ބޭފުޅުން. އެފަދަ މަންޒަރުތައް އަޅުގަނޑުމެންނަށް އެބަ ފެނޭ. އެފަދަ ބޭފުޅުން އެބަ ވިދާޅުވޭ ރައީސް ހެޔޮފުޅު ކަމުން ބޮޑެތި ސިޔާސީ ޕާޓީ ތަކަށް އެބަ ހުރި އޭ ސަރުކާރުގެ ބޮޑެތި މަގާމުތައް ދެއްވާފައި. އެފަދަ ބޭފުޅުންގެ ވާހަކަ އާއި އަމަލުފުޅުތައް ހުންނަނީ މުޅި މަންޒަރު އޮޅޭ ގޮތަށް ކަމުގެ ހަގީގަތް އޮޅޭ ގޮތަށް. އެފަދަ ބޭފުޅުންގެ ބަހާއި އަމަލު ދިމައެއް ނުވޭ،" މަހްލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ބޭފުޅުން އެގޮތަށް ކަންތައް ކުރާނަމަ ރައީސް ވަހީދުގެ ކޯލިޝަން ރޫޅިގެން ދިއުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާނެތި ރައީސް ނިންމެވުންތައް ނިންމަވާނަމަ ވެރިކަން ވެސް ބީވެގެން ދިޔުމުގެ ފުރުސަތު އޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ ބުރަ މަސައްކަތުންނޭ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގެނެސް ދެއްވާފައި އެހެރީ. އެހެން ވީމައި މި ކޯލިޝަންގައި ތިބި ޕާޓީ ތަކަށް އެ މަގާމުތައް ދެއްވީމާ ތާ މި ކޯލިޝަން ދެމި އޮންނާނީ. އަޅުގަނޑުމެންނާ ނުލާ އުޅޭ ކަމަށް ވަންޏާ ޖެހިގެން އަންނަ ދުވަހު ރައީސުލްޖުމްހޫރީއްޔާ ގެޔަށް ވަޑައިގަތުމުގެ ފުރުސަތު ވަރަށް ބޮޑު،" މަހްލޫފް ވިދާޅުވި އެވެ.

ކޯލިޝަން ސަރުކާރު ރޫޅިގެން ދާން އެ ޕާޓީން ބޭނުން ނުވާކަން ފާހަގަ ކުރައްވާ މަހުލޫފް ވިދާޅުވީ ޕީޕީއެމްއިން އަބަދުވެސް އަންނަނީ ރައީސް ވަހީދުގެ ސަރުކާރަށް މެދުކެޑުމެއްނެތި އެއްބާރުލުން ދެމުން ކަމަށާއި ޕީޕީއެމްގެ ފަރާތުން އޭނާ ބިލަށް އިސްލާހް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް ރައީސް ބިލް ތަސްދީގު ނުކުރައްވައި ފޮނުވާލުމުން އިސްލާހު ހުށަހެޅުމުގެ ދޮރު ވެސް ބަންދުވެފައިވާ ކަމަށެވެ.

މަހްލޫފް ވިދާޅުވީ ރައީސް ވަހީދު އެގޮތަށް ކަންތައް ކުރެއްވުމުން އޭނާ ތާއިދު ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާވައި އެ ބިލް އޮތް ގޮތަށް ފާސް ކުރުމަށް ފަހު އަނބުރާ ފޮނުވާ ލުމަށް ކަމަށެވެ.

"ރައީސް ވަހީދު އެގޮތަށް ކަންތައް ކުރެއްވުމުން އަޅުގަނޑު ގަބޫލު ކުރަނީ އަދި ތާއިދު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި އެ ބިލް ފާސް ކޮށް އަލުން ފޮނުވާ ލުމަށް. އޭރުން ބިލް އޮޓޯ އިން ތަސްދީގު ވެގެން ދާނެ. އަޅުގަނޑު އެކަމަށް މަސައްކަތް ވެސް ކުރާނަން،" މަހްލޫފް ވިދާޅުވި އެވެ.