ތިލަފުށީ ކޯޕަރޭޝަންގެ ޗެއާމަން ކަމުގައި މިހާތަނަށް ހުންނެވި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު)، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ފުޑް ސެކިއުރިޓީ ކޯޑިނޭޓަރު ކަމަށް ހަމަޖައްސަވައިފި އެވެ.


ރައީސް އޮފީހުން މިހާތަނަށް އާންމު ނުކޮށް އޮތް ނަމަވެސް، ރައީސް އޮފީހުން މި މަހު 29 ގައި ހަދައިފައިވާ "ވަޒީފާ ދެއްވި ޗިޓް" ގައި ވަނީ ގ. ދޫރެސްވިލާ، މުހައްމަދު ޒާހިރު، 28 ސެޕްޓެމްބަރު 2010 ގައި ފިޝަރީޒް މިނިސްޓްރީގެ ފުޑް ސެކިއުރިޓީ ކޯޑިނޭޓަރު ކަމަށް ހަމަޖެއްސި ކަމަށާއި އެ މަގާމް އަދި ރޭންކު ނުކުރެވޭ ކަމަށެވެ. އަދި އެ މަގާމުގެ މުސާރަ އަކީ މަހަކު 15،000 ރުފިޔާ ކަމަށާއި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 10،000 ރުފިޔާ ހަމަޖައްސައިފައިވާ ކަމަށް ވެސް، ރައީސް އޮފީހުގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ހުސެއިން ސޮއިކުރައްވައިފައިވާ ޗިޓްގައި ވެ އެވެ.


ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވީ ތިލަފުށީ ކޯޕަރޭޝަންގެ ޗެއާމަން ކަމުގައި ޒާހިރު ހުންނަވަނިކޮށް، އެ ތަނުގެ ރިޔާސަތަށް އެހެން ބޭފުޅަކު ވަޑައިގަތީ ކަމަށެވެ. ފިޝަރީޒް މިނިސްޓްރީގެ ފުޑް ސެކިއުރިޓީ ކޯޑިނޭޓަރު ކަމަށް ރައީސް މުހައްމަދު ނަޝީދު، ޒާހިރު ހަމަޖެއްސެވީ ޒާހިރަކީ ފުޅާ ދާއިރާއެއްގައި ކާޑުގެ ބާވަތްތަކުގެ މަސައްކަތް ކުރައްވައި، އަދި ކޯޓާ ނަންގަވައިގެން ހަނޑޫ އެތެރެކުރެއްވުމުގެ ތަޖުރިބާ ވަރަށް ބޮޑަށް ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ވާތީ ކަމަށެވެ.


މި ބަދަލާ ބެހޭ ގޮތުން ޒާހިރުގެ ބަހެއް ވަނީ އަދި ނުލިބިފަ އެވެ.