12 Jan 2013, 17:41
ޔޫކްރެއިންގެ މެޓަލިސްޓް ކާކިވް އަށްކުޅޭ ބްރެޒިލްގެ ހުނަރުވެރި ފޯވަޑް ތައިޒަން ބާޗެލޮސް ފްރެޑާ، 24، ޝަކްތާ ޑޮނެޓްސްކްއަށް ސޮއިކޮށްފި އެވެ.
ޝަކްތާގެ ވެބްސައިޓާ ހަވާލާދީ ފީފާ ވެބްސައިޓުގައި ބުނެފައި ވަނީ ގިނަދުވަސްތަކެއް ވަންދެން ޗެލްސީއާއި ގުޅޭނޭ ކަމަށް ބުނަމުން އައި ތައިޒަން ހޯދުމުގެ ރޭހުގައި ޗެލްސީ ބަލިކޮށް ޝަކްތާ ޑޮނެޓްސްކް އިން އޭނާގެ ސޮއި ހޯދާފައިވާ ކަމަށެވެ.
ތައިޒަން ހޯދުމަށް ޔޫކްރެއިންގެ ޗެމްޕިއަންސް ވަނީ އޭނާގެ ރިލީޒް ކްލޯސްގައިވާ 12.4 މިލިޔަން ޕައުންޑް ކާކީވް އަށް ދަށްކާފައެވެ.
"މިފަދަ ބޮޑު ކުލަބަކަށް ކުޅުމުގެ ފުރުސަތު ލިބުމުން އަހަރެން ވަރަށް ބޮޑަށް އުފާވޭ" ޝަކްތާގެ ވެންސައިޓްގައި ތައިޒަން ބުނެފައި ވެއެވެ.
"ޝަކްތާއާއި ދެކޮޅަށް ވަރަށް ގިނަ މެޗުތަކެއް އަހެރެން ކުޅުނިން އަދި އެޓީމާބެހޭ ވަރަށްގިނަ މައުލޫމާތު އަހަންނަށް އެނގޭ. ޝަކްތާ އަށް ކުޅޭ ބްރެޒިލްގެ ކުޅުންތެރިން އަހަރެން ދަންނަން. އަހަރެން ވަރަށް ބޮޑަށް ބޭނުންވޭ ޓީމަށް އާ ކާމިޔާބު ތަކެއް ހޯދައިދޭން. އަހަރެން މަސައްކަތް ކުރާނަން ޓީމުގައި ކުޅޭ އެހެން ކުޅުންތެރިންނަށް އިޙްތިރާމް ކޮށްގެން ޓްރެއިނިންގް ތަކާއި ޕްރެކްޓިސްތަކުގައި ބައިވެރިވާން. އަދި އަހަރެން މަސައްކަތް ކުރާނަން ވީ އެންމެ ރަނގަޅަކަށް މިޓީމަށް ހިދުމަތް ކޮށްދޭން،" ތައިޒަން ބުނެފައިވެ އެވެ.
ޝަކްތާ އާއެކު 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރި ތައިޒަން އޭނާގެ އެ ނިންމުމާ ބެހޭގޮތުން ބުނީ "މިއީ ރަނގަޅު ނިންމުމެއް. އަދި އަހަރެން އެޓީމަކާ އެކު ގިނަ ކާމިޔާބުތަކެއް ހާސިލު ކުރި މެޓަލިސްޓްގައި ހޭދަކުރީވެސް އުފާވެރި ދުވަސްތަކެއް. އަދި އަހަރެން ކާކިވްގެ މުޅި ކުލަބާއި ކުޅުންތެރިންނާއި ކޯޗުންނާއި ހުރިހާ ސްޓާފުންނަށް ވަރަށްބޮޑަށް ޝުކުރު އަދާކުރަން. އަދި އަހަރެން އަލަށް މިގުޅުނު ޝަކްތާ އަކީ ހިހާވަރެއްގެ ޓީމެއްކަން ވަޒަން ކުރެވޭ،" ކަމަށެވެ.
ތައިޒަން މެޓަލިސްޓް ކާކިވް އާއި ގުޅުނީ 2010 ވަނަ އަހަރު އޭނާ ކުރިން ކުޅުނު ބްރެޒިލްގެ "އިންޓަނަސިއޯނަލް" އިންނެވެ. އަދި އޭނާ ވަނީ އެޓީމަށް ކުޅުނު 57 ލީގުމެޗުގައި 13 ލަނޑު ކާމިޔާބުކޮށް ދީފައެވެ.