12 Jan 2013, 17:40
އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާރޭ މެންޗެސްޓާ ޔުނައިޓެޑާއި ވާދަވެރި ލިވަޕޫލް ބައްދަލު ކުރާމެޗުގައި ލިވަޕޫލްގެ ފޯވަޑް ލުއިސް ސުއަރޭޒްގެ މަޅީގައި ނުޖެހުމަށް އެމެޗުގެ ރެފްރީކަން ކުރާ ހަވާޑް ވެބް އަށް ޔުނައުޓެޑްގެ ކޯޗް ސާ އެލެކްސް ފާގަސަން ގޮވާލައިފި އެވެ.
"ސުއަރޭޒްކީ ކުޅުމުގެ ތެރޭގައި ގަބޫލު ނުކުރެވޭ ގޮތަށް ގަސްތުގައި ވެއްޓިގަންނަ ކުޅުންތެރިއެއް. އަހަންނަކަށް ނޭގެ އެކަމުން އޭނާއަށް އުފަލެއް ލިބޭކަމެއް ނުވަނަ ނޫންކަމެއް. އަހަރުމެން އުންމީދު ކުރަން އޭނާ އެގޮތަށް ވެއްޓިގަނެގެން ޖަހާހާ ސަކަރާތުން އަހަރުމެންނަށް ގެއްލުމެއް ނުލިބޭނޭކަމަށް،" ޔުނައިޓެޑް ގެ ކޯޗު ބުންޏެވެ.
ސުއަރޭޒް ގަސްތުގައި ވެއްޓިގަނެގެން ޕެނަލްޓީ އާއި ހިލޭޖެހުންތައް ހޯދާކަމާއި އަދި އޭނާއާ ދޭތެރޭ ސަމާލު ވުމަށް ރެފްރީންނަށާއި މެޗު އޮފިޝަލުންނަށް އެހެން ޓީމުތަކުގެ ކޯޗުންވެސް މީގެ ކުރިން ގޮވާލާފައިވެ އެވެ.
އަދި ހުސްވި ހަފްތާގައި އިނގިރޭސި އެފްއޭ ކަޕްގައި ނޮންލީގު ޓީމެއްކަމަށްވާ މެންސްފީލްޑް އަތުން ދޭއް އެކަކުން ލިވަޕޫލް މޮޅުވި މެޗުގައި ސުއަރޭޒް ގޯލްޖެހުމުގެ ކުރިން އޭނާގެ އަތުގައި ބޯޅަ ޖެހުނު ކަން ސާބިތުވުމުން އެވާހަކަތަކުގެ އަޑު ވަނީ ގަދަވެފަ އެވެ.
"ހޭންޑް ބޯލްއެއްތޯ ނިންމާނީ ރެފްރީ. އެއްވެސް ކުޅުންތެރިޔަކު ނުބުނާނެ އަތުގައި ބޯޅަ ޖެހުނީއޭ ނޫނީ ގަސްތުގައި ތިމަންނަ ބޯޅައިގައި އަތްލީ އެކޭ. އޭގައި ސުއަރޭޒްގެ މައްސަލައެއް އޮތްކަމަކަށް އަހަރެން ނުދެކެން،" ސުއަރޭޒްގެ ދިފާއުގައި ލިވަޕޫލްގެ ކޯޗް ބްރެންޑަން ރޮޖާސް ބުނެފައި ވެއެވެ.
ރޮޖާސް އިތުރަށް ބުނީ ޔުނައިޓެޑާއި އެންމެ ފަހުން ލިވަޕޫލް ކުޅުނު މެޗުގައި ޔުނައިޓެޑަށް މެޗް ކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަބަކީ އެޓީމުގެ ޖޮންޖޯ ޝެލްވީއަށް ދެއްކި ކޮންޓްރަވާޝަލް ރަތްކާޑާއި ޔުނައިޓެޑަށް ދިން ޕެނަލްޓީ އެވެ.
"އަހަރެން އުންމީދު ކުރަން އެންމެ ފަހުން ކުޅުނު މެޗުގޮތަށް އަހަރެމެންނާއި ދެކޮޅަށް ނިންމުންތައް ނާންނާނެ ކަމަށް ޔުނައިޓެޑަށް ފައިދާވާ ގޮތަށް. މެޗުގެ ނަތީޖާ ބަދަލުވީ އެ ރަތްކާޑާއި ޕެންލްޓީގެ ސަބަބުން،" ރޮޖާސް ބުންޏެވެ.
އަނެއް ކޮޅުން ފާގަސަން ބުނެފައިވަނީ ލިވަޕޫލް އިނގިރޭސި ފުޓްބޯޅައިގެ ރަސްކަން ކުރި ދުވަސްތައް މިހާރު ފާއިތުވެ ހިނގައްޖެ ކަމަށާއި ޔުނައިޓެޑާއި ވާދަ ކުރަން ބޭނުން ނަމަ މިހާރު އެޓީމު ދިގު އިންތިޒާރެއް ކުރަން ޖެހޭ ކަމަށެވެ.
ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑް ބުނެފައިވަނީ ލުއިސް ސުއަރޭޒް އަކީ މިހާތަނަށް އޭނާއާ އެކީގައި ކުޅުނު އެންމެ ހުނަރުވެރި އަދި އެންމެ މޮޅު އެއް ފޯވަޑް ކުޅުންތެރިޔާ ކަމަށެވެ.
އިނގިރޭސި ލީގު ޓައިޓްލް 18 ފަހަރު ހޯދާފައިވާ އެންމެ ކާމިޔާބު އެއްޓީމު ކަމަށްވާ ލިވަޕޫލް ލީގްޓައިޓްއެއް ހޯދާފައިވަނީ މީގެ 23 އަހަރު ކުރިންނެވެ. މެންޗެސްޓާ ޔުނައިޓެޑުން ވަނީ 19 ފަހަރަށް ލީގު ކާމިޔާބުކޮށްގެން 2011 ވަނަ ލިވަޕޫލްގެ ޓައިޓްލް ރެކޯޑް މުގުރާލާފަ އެވެ.
ލިވަޕޫލަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން ޔުނައިޓެޑްގެ ކޯޗު ބުނެފައިވަނީ "ލީގު ކާމިޔާބު ނުކުރެވި ވިއްސަކަށް އަހަރަށްވުރެ ގިނަދުވަސް ވެފައިވާ ލިވަޕޫލާ ގުޅޭ ކޮންމެ މީހަކަށްވެސް އެއީ ކުރިމަތި ލާންޖެހޭ ވަރަށް ބޮޑު ގޮންޖެހުމެއް،" ކަމަށާއި "އަދި ލިވަޕޫލްފަދަ ތާރީޚެއް އޮތް ޓީމަކަށް އެއީ ދިގު މުއްދަތެއް،" ކަމަށެވެ.
ފާގަސަން އިތުރަށް ބުނެފައިވަނީ އޭނާގެ ޓީމު މިހާރު އޮތް ފޯމްގައި ކުޅެމުންދާނަމަ އެމީހުންގެ އަތުން މިފަހަރުގެ ލީގު ގެއްލުމަކީ ނާދިރު ކަމެއް ކަމަށެވެ.
މާދަމާގެ މެޗަށް ނުކުންނަ އިރު ލިވަޕޫލް އޮތީ ޔުނައިޓެޑަށް ވުރެ 21 ޕޮއިންޓު ފަހަތުގައި ތާވަލުގެ ހަވަނައިގަ އެވެ. އަދި ޔުނައިޓެޑް 52 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ވުރެ ހަތްޕޮއިންޓު އިތުރަށް ހޯދައިގެންނެވެ.
މިފަހަކަށް އައިސް ލީގުގައި ޔުނައިޓެޑް ކުޅޭ މެޗުތަކުގައި މެޗު އޮފިޝަލުންގެ ގިނަ ނިންމުންތައް ޔުނައިޓެޑަށް ފައިދާވާގޮތަށް ނިންމާފައިވާކަން ވަރަށް ގިނަ ޓީމުތަކުން ފާހަގަ ކުރެއެވެ. އަދި ޚާއްސަކޮށް ތަންކޮޅެއް އާދައިގެ ޓީމުތަކާ އެކު ޔުނައިޓެޑް ކުޅޭ މެޗުތަކުގައި އެފަދަ ނިންމުންތައް އެޓީމާ އެއްކޮޅަށް ނިންމާ ވާހަކައަކީ ވެސް ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަދައަށް ދައްކާ ވާހަކައެކެވެ.
އިނގިރޭސި ލީގުގައި ލީގު ލިޑާސް މެންޗެސްޓާ ޔުނައިޓެޑް (ރެޑް ޑެވިލްސް) އެޓީމުގެ ދަނޑުގައި ވާދަވެރި ލިވަޕޫލް (ދަ ރެޑްސް) އާއި ބައްދަލު ކުރާ ފޯރިގަދަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ އާދީއްތަދުވަހު ހަވީރު ރާއްޖޭގަޑިން 18:30ގަ އެވެ.