12 Jan 2013, 16:19
ރާއްޖެ މުއްސަނދި ގައުމަކަށް ހެދޭނީ ރާއްޖޭގައި ހުރި ވަސީލަތްތައް ފިސާރި ރަނގަޅަށް އެނގިގެން އޭގެ ބޭނުން ހެޔޮގޮތުގައި ކުރާން އެނގިގެން ކަމަށް އެމްޑީއޭގެ އިންތިގާލީ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ. ސިޔާމް މިހެން ވިދާޅުވީ އިއްޔެރޭ ހޮޅުދޫގައި ބޭއްވި އެމްޑީއޭގެ ޚާއްސަ ޖަލްސާގަ އެވެ.
ސިޔާމްގެ ވާހަކައިގައި ވަނީ ރާއްޖޭގެ ސިއްހީ ނިޒާމުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަފުޅުދައްކަވައިފަ އެވެ. އެ ގޮތުން ރާއްޖެ އަކީ ދުނިޔޭގެ ނިސްބަތުން ވެސް ސިއްހީ ޚިދުމަތަށް ބޮޑު ހޭދައެއް ކުރާ ގައުމެއް ކަން ފާހަގަ ކުރައްވަމުން ސިޔާމް ވަނީ ރާއްޖޭގައި ހާލު ބޮޑެތި ބަލި މީހުންނަށް ކުރިމަތިވާ ދަތި ތަކާއި ހޮސްޕިޓަލުގެ ތަކުގެ ހާލަތުގެ މައްޗަށް އަލިއަޅުވައިލައްވައިފަ އެވެ. އަދި އުމުރުން ދުވަސްވީ ބަލީ މީހުންނާއި، އަޅައިލާނެ މީހަކު ނެތި ތިބޭ ނިކަމެތިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ރައްކާތެރިކަން ލިބޭނެ އަދި އެ ފަދަ މީހުން ބެލޭނެ ހަރުދަނާ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސާދުގެ މައްޗަށް ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ރާއްޖެ އަކީ މުއްސަނދި ގައުމެއް ކަމަށާއި އެހެން ނަމަވެސް ރައްޔިތުންނަކީ ތަނަވަސް އަދި މުއްސަނދި ބަޔަކަށް ހެދޭނީ ރާއްޖޭގެ މުއްސަނދި ކަމުގެ ފައިދާ ނަގަން އެނގިގެން ކަމަށެވެ. އެ ގޮތުން ރާއްޖޭގެ ފަޅު ތަކާއި ގިރި ތަކާއި ފިނޮޅު ތަކަކީ ވެސް އޭގެން އިގުތިސާދީ މަންފާ ހޯދޭނެ ތަންތަން ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް މިކަންކަން ކުރުމަށް ޓަކައި ވެރިކަމަށް އަންނަ ފަރާތްތަކާއި ރައްޔިތުންނަށް ޚިދުމަތް ދޭން ތިބޭ މީހުން އިޚުލާސްތެރި ވާން ޖެހޭނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރާއްޖެ ކުރިއަރައި ދިޔުމަށް އެންމެ މުހިންމު ވެފައިވާ ކަމަކީ ރާއްޖޭގައި މީހުން ބިނާކުރުން ކަމަށެވެ. މި ކަމަށް ޓަކައި ދުރާލައި ރާވައިގެން ޚާއްސަ މަސައްކަތްތަކެއް ކުރާން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެ ގޮތުން ވަކި ހިސާބަކުން ތައުލީމުން މަހުރޫމްވާ ކުދީންނާއި އެކަށީގެންވާ ނަތީޖާ ސްކޫލު ދައުރުގައި ނުނެރެވޭ ކުދީން ވެސް މުޖުމަތައަށް ފައިދާ ހުރި ގޮތުގައި ބިނާ ކުރެވޭނެ ރަނގަޅު ނިޒާމެއް އަތޮޅުތަކު ގައި ވެސް ކޮންމެހެން ހުންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ރާއްޖޭގެ ރައްޔިތުންނަކީ މަސައްކަތްތެރިކަމުގެ ރޮނގުން ވަރަށް ފާހަގަ ކުރެވޭ ބައެއް ކަމަށް ފާހަގަ ކުރައްވަމުން ސިޔާމް ވިދާޅުވީ ފަންނީ މަސައްކަތްތެރި ކަމުގެ ރޮނގުން ބަލާ އިރު ސަރަހައްދީ ހުރިހާ ގައުމަކަށް ވުރެ ދިވެހިން މަސައްކަތްތެރި ކަމަށް ފުންނާބު އުސް ކަމަށެވެ.
ހޮޅުދޫ އަށް އެމްޑީއޭގެ ފަރާތުން މި ކުރި ދަތުރުގައި އެ ރަށުގައި ޕާޓީގެ އޮފީހެއް ވެސް ވަނީ ހުޅުވައިފަ އެވެ. މި އޮފީސް ހުޅުވައިދެއްވީ އެމްޑީއޭގެ އިންތިގާލީ ލީޑަރު ސިޔާމާއި ޕާޓީގެ ކައުންސިލް މެންބަރުންގެ ތެރެއިން ހޮޅުދޫ އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ކަމަށްވާ އިބްރާހީމް ހަބީބް އެވެ.