ޑީއާރްޕީގެ ދެ ކައުންސެލަރަކު މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް އެމްޑީއޭ އަށް ސޮއި ކޮށްފި އެވެ.

އިއްޔެރޭ ނ. ހޮޅުދޫ ގައި އެމްޑީއޭގެ ފަރާތުން ބޭއްވި ޖަލްސާގައި ޕާޓީ އަށް ސޮއި ކުރި ދެ ކައުންސެލަރުންނަކީ މާޅެންދޫ ކައުންސިލްގެ މެންބަރު ހުސެއިން ޔޫސުފް އަދި ކެނދިކުޅުދޫގެ ކައުންސިލް މެންބަރު ވާސިފް އަހުމަދު އެވެ.

އެމްޑީއޭ އަށް ސޮއި ކުރުމަށް ފަހު އެ ދެބޭފުޅުން ވެސް ވިދާޅުވީ އެމްޑީއޭއަށް ސޮއި ކުރި މައިގަނޑު ސަބަބަކީ މިހާރު ރާއްޖޭގައި ހުރި ސިޔާސީ ޕާޓީ ތަކަށް ބަލާ އިރު ސީދާ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ޕާޓީ އަކީ އެމްޑީއޭ ކަމަށް ގަބޫލު ކުރާތީ ކަމަށެވެ. އަދި އެމްޑީއޭ އަކީ އެހެން ސިޔާސީ ޕާޓީ ތަކާ އަޅައި ބަލާ އިރު، ސިޔާސީ ގޮތުން އަޚުލާގީ ރަނގަޅު މިންގަނޑުތަކެއް ހިފަހައްޓާ ޕާޓީއެއް ކަމަށާއި ޕާޓީގެ ޕޯޑިއަމް ތަކުގައި އެހެން މީހުންނަށް އެއްޗެހި ކިޔުމާއި ދިމާކުރުން ފަދަ ކަންކަން އެމްޑީއޭގެ ފަރާތުން ނުފެނުމަކީ ވެސް އެ ޕާޓީ ބަލައިގަތް ސަބަބެއް ކަމަށެވެ.

ހޮޅުދޫގައި އެމްޑީއޭގެ ފަރާތުން ބޭއްވި ޖަލްސާގައި މި ދެ ކައުންސެލަރުންގެ އިތުރުން ނ. އަތޮޅު ހެނބަދޫ އާއި ފޮއްދޫ އާއި ހޮޅުދޫ އަދި މާޅެންދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ ޕާޓީއާ ގުޅިފަ އެވެ.