12 Jan 2013, 15:54
ވޭތުވެދިޔަ 2012 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަކީ 958,027 ކަމަށް ޓޫރިޒަމް މިނިސްޓުރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. އެއީ މިއަހަރު ޓޫރިޒަމް މިނިސްޓްރީން ކަނޑއެޅި އެއް މިލިއަން ޓާގެޓަށް ވުރެ 41973 ޓޫރިސްޓުން މަދު އަދަދެކެވެ.
އެއް މިލިއަން ޓޫރިސްޓުންގެ އަމާޒަށް ވާސިލްނުވެވުނު ނަމަވެސް ވޭތުވެދިޔަ 2011 ވަނަ އަހަރަށްވުރެ 2012 ވަނަ އަހަރު ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 2.9 ޕަސެންޓް ކުރިއެރުމެއް ހޯދާފަ އެވެ. އެއީ 2012 ވަނަ އަހަރު ޒިޔާރަތް ކުރި ޓޫރިސްޓުންނަކީ 2011 ވަނަ އަހަރު ރާއްޖެ ޒިޔާރަތް ކުރި ޓޫރިސްޓުންނަށް ވުރެ 26694 ޓޫރިސްޓުން އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގައުމުން ރާއްޖެ އަށް ވަނީ 229551 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. އެއީ 2011 ވަނަ އަހަރަށްވުރެ 15.6 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ ޔޫރަޕުންނެވެ. އެ ސަރަހައްދުން ރާއްޖެއަށް 517809 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވީ ނަމަވެސް އެއީ 2011 ވަނަ އަހަރަށްވުރެ 3.7 ޕަސެންޓް ދަށްއަދަދެކެވެ. ދެވަނަ އަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އޭޝިއާ ސަރަހައްދުން 384506 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު އެއީ 2011 ވަނަ އަހަރަށްވުރެ 10.2 ޕަސެންޓް އިތުރު އަދަދެކެވެ.
އެމެރިކާ ސަރަހައްދުން 26774 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު އެއީ 2011 ވަނަ އަހަރަށްވުރެ 13.2 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މެދުއިރުމަތިން ރާއްޖެއަށް ޒިޔާރަތްކުރި ޓުރިސްޓުންގެ އަދަދު 21834 އަށް އަރަފާއިވާއިރު އެއީ 49.9 ޕަސެންޓް އިރުރު އަދަދެކެވެ. އަދި އެފްރިކާއިން ރާއްޖެއަށް 7095 ޓުރިސްޓުން ޒިޔާރަތްކޮށްފައިވާއިރު އެއީ 9.7 ޕަސެންޓް އިތުރު އަދަދެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މަލީހު މިއަދު ސަން އޮންލައިންއަށް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ އެއްއަހަރަށްވުރެ އަނެއް އަހަރު ރާއްޖެ ޒިޔާރަތްކުރާ ޓޫރިސްޓުންގެ މިންވަރު އިތުރުކުރުން ކަމަށާއި މިދިޔަ އަހަރުވެސް އެ އަމާޒަށް ވާސިލްވެވިއްޖެ ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ކޮމްޕެއާކުރަނީ އެއްއަހަރަށްވުރެ އަނެއް އަހަރު ރަނގަޅުވޭތޯ އެގޮތުން 2011 ވަނަ އަހަރަށްވުރެ މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 2.9 ޕަސެންޓް އިތުރު" މަލީހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ ޓުރިޒަމަށް އަސަރުކުރީ ރާއްޖެއަށް ޒަމާނުއްސުރެ ޓޫރިސްޓުން ޒިޔާރަތްކުރާ މަންޒިލްތަކަށް ދިމާވި އިގްތިސާދީ ހީނަރުކަމާއި އަދި ރާއްޖޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަމާ ހެދި ކަމަށެވެ.