12 Jan 2013, 14:18
އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތީގެ ތެރެއިން، "ހަލާކުނުވެ ހުންނަތަކެތި" އުކާލުމުގެ ބަދަލުގައި އެތަކެތި ފަގީރުންނަށް ހަދިޔާ ކުރުމަށް ބާރުއެޅާ ހަރަކާތެއް އަމިއްލަ ޖަމިއްޔާއަކުން ފަށައިފި އެވެ.
"އެހީ ޖަމިއްޔާ"ގެ ނައިބް ރައީސް އަހުމަދު ހާޝިމް ސަން އޮންލައިނަށް މިއަދު ވިދާޅުވީ އެ ޖަމިއްޔާ އިން މިހާރު ފަށަފައިވާ ހަރަކާތަކީ ފަގީރުންނާއި މިސްކީނުން އަދި ޔަތީމު ކުދިންނަށް އެހީ ވުމުގެ ގޮތުން ފަށަފައިވާ ހަރަކާތެއް ކަމަށެވެ. އަދި އެ ހަރަކާތަކީ ވަކި މުއްދަތެއް ނެތި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހީ ޖަމްއިއްޔާ އިން ދިވެހި ރާއްޖޭގެ ހުރިހާ ލޮބުވެތި ފަރުދުންނަށް ގޮވާލަނީ އެހީވުމަކީ ހަމައެކަނި މާލީ ތަނަވަސްކަން ހުރި ފަރާތްތަކުން މާލީ އެހީތެރިކަން ފޯރުކޮށްދިނުން ނޫން ކަމަށް. އަދި ކޮންމެ ބޭފުޅެއް ވެސް އެބޭފުޅަކު ބޭނުންކޮށްފައިވައިވާ ތުއްތުކުދިން އަދި ކުޑަކުދިންގެ ހެދުމާއި ފޮތް ފަންސޫރު ފަދަ ތަކެއްޗާއި ބަދިގޭ ސާމާނާއި އަދި ބޭނުން ހިފޭނެ މިނޫން ވެސް އެހެނިހެން ތަކެތި އުކާލުމުގެ ބަދަލުގައި އެތަކެތީގެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ޞަދަޤާތުގެ ގޮތުގައި ހަދިޔާކުރުމަށް،" ހާޝިމް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެހީގެގޮތުގައި އެޖަމިއްޔާއަށް ހަވާލުކުރާ ތަކެއްޗަކީ އެހާ ބާވެފައި ނުވާ ތަކެއްޗަށް ހެދުމަށް އެދޭ ކަމަށެވެ. އަދި ހަވާލުކުރާ ތަކެތި އެޖަމިއްޔާގެ އޮފީސް ހ. ގޯލްވިލެޖް އަށް ހަވާލުކުރުމުން ނުވަތަ އެ ޖަމިއްޔާގެ ހޮޓްލައިން 7803433 ގުޅާލުމުން އެތަކެތި ބަލާ އެގެއަކަށް ދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށް ދިނުމުގައި ރަށްރަށުގެ ޖަމިއްޔާތަކައި އެ ޖަމިއްޔާގައި ރަޖިސްޓުރީވެފައިވާ 200 ފަރާތާ ގުޅިގެން ކުރިއަށްގެންދާނެ ކަމަށެވެ.