އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމުގައި 52 ޕޮއިންޓާއެކު އޮތް މެންޗެސްޓާ ޔުނައިޓެޑާ ވާދަކުރަން ބޭނުން ނަމަ ތާވަލްގެ ހަ ވަނަ މާގާމް ގައި އޮތް އާސެނަލް ބަލިކުރުން މުހިންމު ކަމަށް ލީގުގެ ދެ ވަނަ މަގާމްގައި އޮތް މެންޗެސްޓާ ސިޓީގެ ކޯޗް ރޮބާޓޯ މަންޗިނީ އެ ޓީމުގެ ކުޅުންތެރިންނަށް ގޮވާލައިފި އެވެ.

އާސެނަލްގެ ދަނޑުގައި މާދަމާ ރޭ 9:00 ޖަހާއިރު ކުޅޭ މެޗަށް ސިޓީ ނިކުންނައިރު، ތާވަލްގެ ދެ ވަނަ މަގާމް ގައި ސިޓީ އޮތީ 45 ޕޮއިންޓާއެކު އެވެ.

މާދަމާ ރޭގެ މެޗަށް ނިކުތުމުގެ ކުރިން ސިޓީގެ ކޯޗް ރޮބާޓޯ މަންޗިނީ ބުނީ، އާސެނަލްއާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމެއް ކަމަށާއި ސަބަބަކީ ފާއިތުވި 37 އަހަރު ދުވަހުގެ ތެރޭ އާސެނަލްގެ ރަސްމީ ދަނޑުގައި ސިޓީއަށް މޮޅެއް ހޯދިފައި ނުވާތީވެ ކަމަށެވެ. އެހެން ކަމުން ލީގުގައި ސިޓީއަށް ދެން ކާމިޔާބީއެއް ވާން އޮތީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މާދަމާ ރޭ އާސެނަލް އަތުން މޮޅެއް ހޯދައިގެން ކަމަށާއި އޭރުން ޔުނައިޓެޑާ ވެސް ވާދަ ކުރުމަށް އިތުރު ހިތް ވަރެއް ލިބިގެން އަންނާނެ ކަމަށެވެ.

"އާސެނަލް އަތުން ސިޓީ އަށް ލިބެމުން އަންނަ ދަށް ނަތީޖާތަކަށް ނިމުމެއް އެބަ ހޯދަން ޖެހޭ. އަހަރެން ހުރިހާ ކުޅުންތެރިންނަށް މިގޮވާލަނީ އެކަން ކޮށްދިނުމަށް. މާދަމާ ރޭ އާސެނަލް އަތުން ކާމިޔާބީއެއް ހޯދިއްޖެ ނަމަ ޔުނައިޓެޑާ ވެސް ވަދަކުރުމަށް އިތުރު ހިތް ވަރެއް އަހަރުމެންނަށް ލިބިގެން ދާނެ" ސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުންޏެވެ.

މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީ، މާދަމާ ރޭ އާސެނަލް އަތުން ބަލިވެ، ޔުނައިޓެޑް މަދަމާ ރޭ ކުޅޭ މެޗުން ލިވަޕޫލް ބަލިކޮށްފި ނަމަ، ޔުނައިޓެޑާއި ސިޓީއާ ދެމެދު އޮތް ފަރަގު 10 ޕޮއިންޓަށް ފުޅާވާނެ އެވެ. އެހެން ވެއްޖެ ނަމަ ލީގް ހޯދުމުގެ ފުރުސަތު ސިޓީއަށް ހަނި ވުމަކީ ވަރަށް ކާރި ކަމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސިޓީއާ ދެކޮޅަށް މާދަމާ ރޭ ނިކުތުމުގެ ކުރިން އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ، ސިޓީއަކީ ވަރުގަދަ ޓީމެއް ކަމުގައި ވިޔަސް، އާސެނަލްގެ ކުޅުންތެރިން މާދަމާ ރޭގެ މެޗަށް ނިކުންނާނީ އަމިއްލަ ދަނޑުގައި މީގެ ކުރިން ވެސް ސިޓީއާ ދެކޮޅަށް ކުޅެ ހޯދަމުން އަންނަ ކާމިޔާބީތައް ދެމެހެއްޓުމަށް ކަމަށެވެ.