12 Jan 2013, 12:37
ދެ ވަނަ ފުރުސަތުގެ މީހަކު އަނބުރާ ޖަލަށް ފޮނުވާލީ އެއްބަސްވުމާ ޚިލާފު ވުމުން ކަމަށާއި އޭނާ މުޖުތަމައުއަށް ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދެ ވަނަ ފުރުސަތުގެ ޕްރޮގްރާމްގެ ދަށުން އއ. މަތިވެރި، އިރަމާގޭ އާދަމް ޝަރީފް ދޫކޮށްލުމަށް ފަހު އަނބުރާ ޖަލަށް ގެންގޮސްފައި ވާތީ ޖަލުން މިނިވަންކޮށްދިނުމަށް އެދި އޭނާ ހުށަހެޅި މައްސަަލަ ބެލުމަށް ފަހު އެވެ.
އޭނާ ދައުވާ ކޮށްފައި ވަނީ ދެ ވަނަ ފުރުސަތުން ދޫކޮށްލި އެއްބަސްވުމާ އެއްގޮތަށް އޭނާ އުޅެނިކޮށް ޖަލަށް ގެންގޮސްފައިވާ ކަމަށް ބުނެ އެވެ.
ސިވިލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ކުރި ހުކުމްގައި ބުނަނީ އޭނާ ޖަލުން ދޫކޮށްފައި ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމްތައްް އެއްކޮށް މާފު ކުރުމަށް ފަހު ނޫން ކަމަށެވެ.
އެ ހުކުމްގައި ބުނަނީ ދެ ވަނަ ފުރުސަތުގެ މީހުން ކޮންމެ ހަފްތާ އަކު އަންގާރަ ދުވަހު ދެވަނަ ފުރުސަތުގެ އޮފީހަށް ރިޕޯޓް ކުރަން ޖެހޭ އިރު، ދެ ވަނަ ފުރުސަތުގެ އޮފީހަށް އޭނާ ހާޒިރުވާން ޖެހޭ 22 ދުވަހުގެ ތެރެއިން 19 ދުވަހު ހާޒިރުވެފައި ނުވާ އިރު ދެ ވަނަ ފުރުސަތުގެ މީހުންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރްގްރާމަށް އެއްވެސް ދުވަހަކު އޭނާ ހާޒިރުވެފައި ނުވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހުގެ ރޭ ދަންވަރު ޗާންދަނީ މަގުގައި ހުންނަ "ހަނަމަރުކޯ" ފިހާރައިގެ ފުރާޅު ނައްޓައިގެން އެ ފިހާރަ އަށް ވަދެ ވައްކަން ކުރަން ހުއްޓައި ފުލުހުން އޭނާ ހައްޔަރު ކޮށްފައި ވާތީ އެއީ ދެ ވަނަ ފުރުސަތުގެ އެއްބަސްވުމާ އޭނާ ޚިލާފުވެފައިވާ ކަން ސާފުކޮށް އެނގެން އޮތް ކަމެެއް ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.