މާލެއާ ހުވަދުއަތޮޅާ ދެމެދު ދަތުރު ކުރަމުންދާ "ޕްރޮގްރެސް ބޯޓު" ގއ. ވިލިނގިލީ ނެރުމައްޗަށް އަރައި ބޯޓުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ބޯޓުގެ ވެރިފަރާތްކަމަށްވާ ހ. ކަނދޮޅުމާގޭ މުހައްމަދު ތައުފީގު މިއަދު ބުނީ ގއ. ވިލިނގިލީގެ އުތުރު ނެރަށް އެ ބޯޓު އަރާފައި ވަނީ އިއްޔެ ހަވީރު 4:00 ޖަހާ އެހާކަންހާއިރު ކަމަށެވެ. އަދި އޭގެ ސަބަބުން ބޯޓުން ދަތުރި ބިދޭސީ ހަތް ފަޅުވެރިންނާއި ދިވެހި ދެ ފަޅުވެރިންނަށް އެއްވެސް ގެއްލުމެެއް ލިބިފައި ނުވިނަމަވެސް ބޯޓަށާއި ބޯޓުގައި ހުރި މުދަލަށް ގެއްލުން ވެފައިވާ ކަމަށެވެ.

އޭނާ ބުނީ ފަރަށް އެރުމުގެ ސަބަބަބުން ބޯޓުގެ ފޫ ގޮސްފައިވާއިރު ބޯޓުގައި ހުރި 50 ވަރަކަށް މީހުންގެ މުދަލުގެ ތެރެއިން ބޮޑުބައެއް ހަލާކުވެފައިވާ ކަމަށެވެ. އަދި މާލީގޮތުން އެ ބޯޓަށް ފަސް މިލިއަނާ ގާތްކުރާ އަދަދަކަށް ގެއްލުން ލިބިފައުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ބޯޓުގައި ގާތްގަނޑަކަށް 50 ވަރަކަށް މީހުންގެ މުދާ ހުންނާނެ. މައިގަނޑު ގޮތެއްގައި ބޯޓުގައި ހުރީ ގއ. ވިލިނގިލީ މަޝްހޫރު ވިޔަފާރި ކަމަށްވާ ރަތްވިލާގެ މުދަލާއި، އެވަބްރައިޓް ފިހާރައާއި ސަންލައިޓް ފިހާރައިގެ މުދާ. އަދި މީގެ އިތުރުން ގދ. އަތޮޅުގެ ބައެއް ރަށްރަށުގެ މުދާ ވެސް ހުރި. އޭގެ ތެރެއިން ބޮޑުބައެއް ވަނީ ހަލާކުވެފައި،" ތައުފީގު ބުންޏެވެ.

އޭނާ ބުނީ އިއްޔެ ހަވީރު 4:00 ޖަހާ އެހާކަންހާއިރު ބޯޓު ފަރަށް އަރާފައި ވަނިކޮށް 4:30 އެހާކަންހާއިރު ފުލުހުން އައިސް ބޯޓުގައި ހުރި ބައެއް މުދާތައް ސަލާމަތް ކުރުމުގައި އެހީތެރިންކަން ފޯރުކޮށްދިން ކަމަށެވެ. ނަމަވެސް ސިފައިންގެ އެއްވެސް އެހީތެރިކަމެއް ލިބިފައި ނުވާކަމަށް ވެސް އޭނާ ބުންޏެވެ.

އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ ބޯޓަށް އެހީތެރިކަން ފޯރުކޮށް ނުދޭކަށް ބުނާ ވާހަކަތަކަކީ ހަގީގަތެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ ހާދިސާ ހިނގި ވަގުތުން ފެށިގެން ބޯޓަށް އެކި ގޮތްގޮތުން ސިފައިން އެހީތެެރިކަން ފޯރުކޮށްދެމުން އައި ކަމަށާއި އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ލޯންޗެއް ޑައިވަރުންގެ ޓީމަކާ އެކު ބޯޓަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މިހާރު ފުރާވައިވާ ކަމަށެވެ.

ނެރުމައްޗަށް އެރި ބޯޓު އަދިވެސް ފުންކުރެވިފައި ނުވާއިރު ފުލުހުންނާއި ބޯޓުގެ ވެރި ފަރާތުން އަންނަނީ ބޯޓު ފުންކުރުމުގެ މަސައްކަތްކުރަމުންނެވެ. ފަރަށް އެރުމުން ލިބުނު ގެއްލުމުގައި ބޯޓުގެ އަޑި ވަރަށް ބޮޑަށް ހަލާކުވެ ބޯޓު ތެރެއަށް ފެންގަނޑު ވައްދާލާފައިވާ ކަމަށް ބޯޓުގެ ވެރިފަރާތުން ބުންޏެވެ.