އިދާރީ ދާއިރާތައް ގުޅައި ލުމާއި ބައެއް ރަށްރަށުގައި ސިޓީ ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ޓަކައި އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރެފަރެންޑަމްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 50 ޕަސެންޓް މީހުން ވެސް ބައިވެރިވާނެ ކަމާ މެދު ޝައްކު ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.


ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ސަން އެފްއެމް އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި ވޯޓުގައި ބައިވެރިވާނެ ކަމަށް ލަފާ ކުރެވޭ މީހުންގެ އަދަދު މިހާ ބޮޑަށް މަދު ވެފައި މި ވަނީ ރައްޔިތުންގެ މެދުގައި އެ ކަމަށް ހޭލުންތެރިކަން އިތުރު ކޮށްދެވިފައި ނެތުމުގެ ސަބަބުން ކަމަށެވެ. އަދި މި ވޯޓުގެ ސަބަބުން ލިބޭނެ ފައިދާއެއް ނުފަދަ ގެއްލުމެއް ވެސް ރައްޔިތުންނަށް ސާފުކޮށް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.


"މިކަމުގެ ފައިދާ އަދި ގެއްލުމާ މެދު ރައްޔިތުން ހޭލުންތެރި ކުރުވުމަކީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން. މި ވޯޓަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކުރައްވާފައެއް ނެތް،" ފުއާދު ވިދާޅުވި އެވެ.


އޭނާ އިތުރަށް ވިދާޅުވީ ވޯޓު ލުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީ ކުރި މީހުންގެ އަދަދު ވެސް އާދަޔާ ޚިލާފަށް މަދު ކަމަށެވެ. "އަޅުގަނޑު ހީކުރިން މަދު ވެގެން 10،000 މީހުން ވަރު ރަޖިސްޓްރީ ކުރާނެ ކަމަށް. އެކަމަކު ވަގުތު ހަމަވި އިރު އެ އަދަދު ވެސް މި އުޅެނީ 1700 އިން ދަށުގައި،"


ފުއާދު ވިދާޅުވީ ރަޖިސްޓްރީ ކުރި މީހުންގެ ޢަދަދު މަދުވުމުގެ ސަބަބުން މާލޭގައި ބައެއް ރަށްރަށުގެ މީހުންނަށް ވޯޓު ފޮށި ނުހުންނާނެ ކަމަށެވެ. ދާއިރާތައް އެއްކުރުމުގެ ވޯޓު ފޮށި 95 ރަށަކަށް މާލޭގައި ބަހައްޓަން ކުރިން އޮތް ނަމަވެސް، ވޯޓު ލާން ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ޢަދަދަށް ބަލާ އިރު އެ އަދަދު ވެސް 50 ވަރަކަށް ފޮއްޓަށް މަދު ވާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށް ފުއާދު ވިދާޅުވި އެވެ.


އަދި ވިދާޅުވީ، 11 މިލިއަނަށް ވުރެ ބޮޑު ޚަރަދެއް ކޮށްގެން މި ފަދަ ވޯޓެއް ނަގާ އިރު އޭގެން ރައްޔިތުންގެ ވިސްނުން ހުރި ނެތް ގޮތް ނޭނގިދާނެތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެހެން ކަމުން މި ކަމަކީ ރައްޔިތުންނަށް ފެންނަ ކަމެއް ކަމަށް ވިޔަސް އަދި ނުފެންނަ ކަމެއް ނަމަވެސް ވޯޓުން އެކަން ބުނެދިނުމަކީ މުހިންމު ކަމެއް ކަމަށް ފުއާދު ފާހަގަ ކުރެއްވި އެވެ.