12 Jan 2013, 12:08
ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗް އެނދުތައް ފުރި، ޖާގައިގެ ދަތިކަން ކުރިމަތިވެފައި ވާތީ އެ މައްސަލަ މަޖިލީހުގެ ސަރުކާރު މައްސޫލިއްޔަތު ކޮމެޓީއަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ މައްސޫލިއްޔަތު ކޮމެޓީއަށް މިދިޔަ ބުރާސްފަތި ދުވަހު އެ މައްސަލަ ހުށަހެޅުމުން ކޮމެޓީން މެންބަރުން ބަހުސް ކުރެއްވުށްފަހު ކޮމެޓީން ނިންމާފައި ވަނީ އައިޖީއެމްއެޗްގައި ހުރި މައްސަލަތަކާ ބެހޭ މައުލޫމާތުތައް ހޯދުމަށް އެ ހޮސްޕިޓަލްގެ ސީއީއޯ އިސްމާއިލް ޝަފީއު ކޮމެޓީއަށް ހާޒިރު ކުރުމަށެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ކޮމެޓީއަށް ހުށަހެޅި އެ މައްސަލައާ ގުޅޭ ގޮތުން އިސްމާއިލް ޝަފީއު ކޮމެޓީއަށް ހާޒިރު ކުރާނެ ދުވަހެއް ކޮމެޓީން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މެންބަރު އަބްދުލް ޣަފޫރު މޫސާ މިއަދު ވިދާޅުވީ އައިޖީއެމްއެޗްގެ ހާލަތު ދަށްވަމުންދާ ވާހަކަ އެ ހޮސްޕިޓަލުން ހާމަކުރަމުންދާތީ، އެކަމުގެ ހަގީގަށް ކޮމެޓީން ބަލަންޖެހޭ ކަމަށެވެ. އަދި އެ ހާލަތައް ހޮސްޕިޓަލް ދިޔައީ ސަރުކާރުން އެއްބާރުލުން ނުދީގެންތޯ ވެސް ބަލަންޖެހޭ ކަމަށް ޣަފޫރު ވިދާޅުވި އެވެ.
"އައިޗީއެމްއެޗް މިހާރު މިއޮތި 'އެގްޒޯޒްޓް' ވެފައޭ ބުނީމަ މިވާގޮތެއް ބަލަންއެބަޖެހޭތާ. ސަރުކާރުން އެ ހޮސްޕިޓަލަށް ފޯރުކޮށްދޭންޖެހޭ އެހީތައް ނުދެނީތޯ ނުވަތަ އެއްބާރުލުން ނުދެނީތޯ ބަލަން އެބަޖެހޭ،" ޣަފޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައިޖީއެމްއެޗުން ކޮމެޓީއަށް ހިއްސާ ކުރާ މައުލުމާތުތަކަށް ރިޔާއަތް ކުރުމަށްފަހު ހެލްތު މިނިސްޓްރީގެ ބޭފުޅުންނާއި އައިޗީއެމްއެޗް ހިންގާ މާލޭ ހެލްތު ކޯޕަރޭޝަންގެ ބޭފުޅުން ވެސް ކޮމެޓީއަށް ހާޒިރު ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.
އިސްމާއިލް ޝަފީއު ސަންއަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ކުރިން ވިދާޅުވެފައި ވަނީ އެމެޖެންސީ ރޫމާއި ވޯޑުތައް ފުރި ބަލިމީހުން އެޑްމިޓް ނުކުރެވި ހޮސްޕިޓަލް "ކުއްލި ހާލަތައް" އައިސްފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލްގެ އެމެޖެންސީ ރޫމްގެ އެނދުތައް ފުރިގެން، ބަލިމީހުން އެޑްމިޓް ކުރުން ހުއްޓާލަންޖެހިދާނެ ކަމަށާއި ގިނަ ވޯޑުތައް ވެސް ވަނީ ބަލިމީހުންނާ އެކު 'ފުރިފައި' ކަމަށް ޝަފީއު ވަނީ ވިދާޅުވެފަ އެވެ.