12 Jan 2013, 11:48
ޔޫރަޕްގެ ޗެމްޕިއަން ޗެލްސީ އިން ރެއާލް މެޑްރިޑްގެ ކްރޮއޭޝިއަން މިޑްފީލްޑަރު ލޫކާ މޮޑްރިޗް، 27، ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުން ޓޮޓެންހަމްގެ ކުރީގެ ހުނަރުވެރި މިޑްފީލްޑަރު ހޯދުމުގެ މަސައްކަތް ޗެލްސީ އިން ފަށާފައި މިވަނީ އެޓީމުގެ ލެޖެންޑް ފްރޭކްން ލަމްޕާޑު ،34،ގެ ކޮންޓްރެކްޓް މި ސަމާގައި ހަމަވާތީ އޭނާގެ ބަދަލުގަ އެވެ.
ލަފާ ކުރެވޭގޮތުގައި މޮޑްރިޗް އަނބުރާ ޕްރިމިއާ ލީގަށް ގެނައުމަށް ޗެލްސީ އިން ރެއާލް އަށް 22 މިލިޔަން ޕައުންޑު (528 މިލިޔަން ރުފިޔާ)ގެ އަގެއް ހުށަހަޅާނެ އެވެ. އަދި ކުރިން އެޓީމަށް ހޯދުމަށް މަސައްކަތް ކުރަމުން އައި ޔޫކްރެއިންގެ މެޓަލިސްޓް ކާކިވް އަށްކުޅޭ ބުރެޒިލްގެ ސްޓަރައިކާ ޓައިސަން، 24، ޝަކްތާ ޑޮނެޓްސްކްއަށް ސޮއިކުރަން އެއްބަސްވުމުން ޗެލްސީ އިން މޮޑްރިޗް ހޯދުމަށް ކުރަމުންދާ މަސަކަތް އިތުރަށް ވަރުގަދަ ކުރާނޭ ކަމަށް ބެލެވެ އެވެ.
މީގެ ދެއަހަރު ކުރިން ޗެލްސީއިން ވަނީ މޮޑްރިޗް ގެނައުމަށް ޓޮޓެންހަމް އަށް 27 މިލިޔަން ޕައުންޑް (648 މިލިޔަން ރުފިޔާގެ) އަގެއް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް އޭރު ޓޮޓެންހަމް އިންވަނީ އޭނާ ޗެލްސީއަށް ދޫކުރުމަށް ދެކޮޅުހަދައި، ހުސްވިއަހަރުގެ އޯގަސްޓު މަހު 33 މިލިޔަން ޕައުންޑް (792 މިލިޔަން ރުފިޔާ)ގެ އަގަކަށް ރެއާލް މެޑްރިޑަށް ވިއްކާލާފަ އެވެ.
މޮރީނިއޯގެ ބެލުމުގެ ދަށުން ރެއާލް މެޑްރިޑްގައި މޮޑްރިޗްއަށް މާބޮޑު ކާމިޔާބެއް ހާސިލް ކުރެވިފައި ނުވުމުން އޭނާ އެނބުރި ޕްރިމިއާ ލީގުގެ ޓީމަކަށް އައުމަކީ ވަރަށް ބޮޑަށް އެކަށިގެންވާ ކަމެކެވެ. އަދި އެގޮތުން އެންމެ ބޮޑަށް ލަފާކުރެވެނީ ޗެލްސީއަށް ބަދަލު ވުމެވެ. މޮޑްރިޗް ވަނީ ކުރިންވެސް އެތައްފަހަރެއްގެ މަތިން ޗެލްސީއަށް ކުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.