12 Jan 2013, 11:23
މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ(މީރާ)ގެ މުވައްޒިފުންނަށް އިންވެސްޓިގޭޝަން ޓްރެއިނިންއެއް ހިންގައިފި އެވެ.
މީރާ އިން ބުނީ "އިންވެސްޓިގޭޝަން ސްކޫލްސް ޑިވެލޮޕްމަންޓް ޕުރޮގުރާމް"ގެ ނަމުގައި ކުރިއަށްގެން ދިޔަ އެ ޓްރެއިނިން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި ބުނީ އެ ޓްރެއިނިން އަކީ މީރާގެ މުވައްޒިފުން ފައިނޭންޝަލް ކްރައިމްސް ތަހުގީގްކުރުމަށް ތަމްރީނުކުރުމަށް ހިންގި ޓުރެއިނިންއެއް ކަމަށާއި އަދި އެ ޓްރެއިނިންއަކީ މީރާގެ މަސައްކަތްތަކާ ގުޅޭ ގޮތަށް ފަރުމާކުރެވިގެން ކުރިއަށް ގެންދެވުނު ޓުރެއިނިންއެއް ކަމަށެވެ.
"މި ޕްރޮގުރާމްގައި ޓެކުހަށް މަކަރުހަދައި ޓެކްސް ދެއްކުމުން ރެކުމަށް މަސައްކަތްކުރާ ފަރާތްތައް ތަހުގީގްކުރުމަށް މީރާގެ މުވައްޒިފުން ކުރިއަށް ގެންދާ އޮޑިޓް އަދި އިންވެސްޓީގޭޝަންތަކުގައި އަމަލު ކުރަން ޖެހޭ ގޮތުގެ ތަމްރީނު ދެވިފައިވޭ، އެ ޕްރޮގުރާމްގައި ތަމްރީން ދެއްވާފައި ވަނީ ޕޮލިސް ސާވިސްގެ ފައިނޭންޝަލް އަދި ފޮރެންސިކް ކުރައިމްސްތަކުގެ ތަޖުރިބާކާރުން،" މީރާ އިން ބުންޏެވެ.
މީރާ އިން އިތުރަށް ބުނީ އެ ޓްރެއިނިންގައި ފައިނޭންޝަލް ކުރައިމް ސީންތަކުގައި ކަންތައްކުރަންވީ ގޮތާއި ފައިނޭންޝަލް ކްރައިމެއް ތަހުގީގު ކުރުމަށް ގެނެވޭ ފަރާތަކާ މެދު އަމަލުކުރަން ޖެހޭ ގޮތްފަދަ މުހިންމު އިންވެސްޓިގޭޓިވް ހުނަރުތައް ވެސް ކިޔާދީފައިވާ ކަމަށެވެ.