12 Jan 2013, 10:32
ތ. އަތޮޅު ހޮސްޕިޓަލްގައި ހުރި ހޭނައްތާ ޑޮކްޓަރު ލ. އަތޮޅަށް ބަދަލުކުރާގޮތަށް ސަރުކާރުން ހަމަޖައްސާފައިވާތީ އެކަމާ ދެކޮޅުހެދުމުގެ ގޮތުން ވޭމަންޑޫގައި މުޒާހަރާ ކުރަން ފަށައިފި އެވެ.
ވޭމަންޑޫ ކައުންސިލްގެ ނައިބް ރައީސް ރިޝްވާން އާދަމް ވިދާޅުވީ ކައުންސިލްގެ ފަރާތުން ހޮސްޕިޓަލްގެ މެނޭޖްމަންޓާ ބައްދަލުކުރުމުން މިއަދުގެ ވަގުތެއްގައި ހޭނައްތާ ޑޮކްޓަރު ލ. އަތޮޅަށް ބަދަލުކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު 8:30 އިން ފެށިގެން ވޭމަންޑޫ ރައްޔިތުން ކުރަމުންދާ މުޒާހަރާގައި އެއަތޮޅު ކިނބިދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ބައިވެރިވަމުން އަންނަ ކަމަށާއި އަދި އޮމަދޫ އާއި ތިމަރަފުށީގެ އިތުރުން ހިރިލަންދޫގެ ރައްޔިތުންގެ ތެރެއިން ވެސް ބަޔަކު އެ މުޒާހަރާގައި ބައިވެރިވުމަށް މިއަދުގެ ވަގުތެއްގައި އެެރަށަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެރަށުގައި ހުރި ހަމައެކަނި ސްޕެޝަލިސްޓް ޑޮކްޓަރު ލ. އަތޮޅަށް ބަދަލުކުރާތީ ރައްޔިތުން ކުރަމުންގެންދާ މުޒާހަރާ ހުއްޓާލާނެ ވަކިވަގުތެއް މުޒާހަރާގެ ބައިވެރިން ބުނެފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަތޮޅު ހޮސްޕިޓަލް ކުރިމަތީގައި މުޒާހަރާ ކުރަމުންދާއިރު އެތަނުގައި ކައްކައި ކައިބޮއި ހެދުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މުޒާހަރާގެ ބައިވެރިން ފަށާފައިވާ ކަމަށާއި މިއަދު ޑޮކްޓަރު ލ. އަތޮޅަށް ގެންދާ ވަގުތު ރަށުގައި ހަމަނުޖެހުމެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު ޝާކިރު މިއަދު ވިދާޅުވީ ތ. އަތޮޅު ހޮސްޕިޓަލްގެ ހޭނައްތާ ޑޮކްޓަރު ލ. އަތޮޅަށް ބަދަލު ކުރަން ނިންމާފައި ވަނީ ދ. އަތޮޅު ހޮސްޕިޓަލްގައި ހުރި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރާއި ލ. އަތޮޅުން މެޑިކަލް އޮފިސަރަކު އެ ހޮސްޕިޓަލަށް ގެންދިޔުމަށް ފަހު ކަމަށެވެ. އަދި ޑޮކްޓަރުން ލިބުމުގައި ދަތިތަކާ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އެގޮތަށް އަމަލު ކުރުން އެއީ ތ. އަތޮޅަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ގައިނެކޮލޮޖިސްޓް [އަންހެނުންގެ ޑޮކްޓަރު] ލ. ގަމުގައި ބަހައްޓާފައި ތ. އަތޮޅު ހޮސްޕިޓަލްގައި އެނެސްތެޓިސްޓު [ހޭނައްތާ ޑޮކްޓަރު] ބެހެއްޓީމާ މިއިން ކިހިނެތްތޯ މިވަނީ. އަޅުގަނޑުމެން އެންމެން ވިސްނާލަން އެބަޖެހޭ. އެހެންވީމާ ކޮންމެވެސް އެއްތަނެއްގައި ތިބެގެން މިކަންވާނީ. ތ. އަތޮޅުން އެނެސްތެޓިސްޓު [ހޭނައްތާ ޑޮކްޓަރު] ލ. ގަމު ރީޖިނަލް ހޮސްޕިޓަލަށް މިގެންދަނީ ތ. އަތޮޅަށް ވެސް ފައިދާ ހުރި ގޮތަށް. އޭގެ މަނާއަކީ ދ. އަތޮޅު ހޮސްޕިޓަލްގައި ހުރި ޕީޑީއޭޓްރިޝަން [ކުޑަކުދިންގެ ޑޮކްޓަރު] ގެނެސް ތ. އަތޮޅު ހޮސްޕިޓަލަށް ލާފައި. ގަމުން މެޑިކަލް އޮފިސަރެއް ގެނެސް ތ. އަތޮޅު ހޮސްޕިޓަލަށް ލާފައި. ދެން ތ. އަތޮޅު ހޮސްޕިޓަލްގައި ހުރި އެނެސްތެޓިސްޓު [ހޭނައްތާ ޑޮކްޓަރު] ލ. އަތޮޅަށް މިގެންދަނީ. ހުރިހާ ގޮތަކުން ބެލިއަސް ތ. އަތޮޅަށް މިވަގުތަށް ރަނގަޅުވާނީ މިގޮތް،" ޝާކިރު ވިދާޅުވި އެވެ.