ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލެ ހިއްކުމުގެ މަޝްރޫއަށް ރާއްޖެ އިން ބޭރުގެ ހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް އޭގެ ތެރެއިން ހަތަރު ފަރާތަކުން ޕްރީބިޑް މީޓިން އަށް ހާޒިރުވެ މައުލޫމާތު ސާފްކޮށްފި އެވެ.

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެޗްޑީއެފްސީގެ ކޮންފަރެސް ރޫމްގައި ބޭއްވި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިއްކުމުގެ ޕްރީ ބިޑް މީޓީންގައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބޭރުގެ ހަ ފަރާތުގެ ތެރެއިން ހަތަރު ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އަނެއް ދެ ފަރާތުން ދަތިތަކެއް ކުރިމަތިވެގެން އެ މީޓިންގައި ބައިވެރި ނުވި ނަމަވެސް އެ ޕްރޮޖެކްޓަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ބިޑް ހުށައެޅުމުގެ ފުރުސަތު މިއޮތީ މިމަހުގެ ނިޔަލަށް. ދެން ބިޑް އިވެލިއޭޓްކުރެވުނުހާ އަވަހަށް މަސައްކަތް ހަވާލުކުރެވި މަސައްކަތްފެށޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެޗްޑީއެފްސީ އިން ބުނީ އެ މަޝްރޫއަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. ހުޅުމާލެ ހިއްކުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހަ ކުންފުނީގެ ތެރޭގައި ރާއްޖޭގެ އެކިއެކި ރަށްރަށް ހިއްކާފައިވާ އަދި ދުނިޔޭގެ ފެންވަރުގައި ވެސް އެ މަސަކަތް ފާހަގަކޮށްލެވޭ ކުންފުއްޏެއް ކަމަށްވާ ބޮސްކާލިޝް ކުންފުނި ވެސް ހިމެނެ އެވެ.

ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައި ވަނީ ފަރުކޮޅުފުއްޓާ ދިމާލުން 230 ހެކްޓަރުގެ އެވެ. އެއީ 100000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެކެވެ. ފުރަތަމަ ފިޔަވަހީގައި 60،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށް 188 ހެކްޓަރުގެ ބިން ހިއްކާފައިވާ އިރު އޭގެ ތެރެއިން 20000 އަށް ވުރެ ގިނަ މީހުން މިހާރު ހުޅުމާލޭގައި ދިރިއުޅެމުންދާ ކަމަށް އެޗްޑީސީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.