ހޮލީވުޑްގެ މަޝްހޫރު ދެ ބައިވެރިން ކަމަށްވާ ވިލިއަމް ބްރެޑްލީ ޕިޓް، 49، (ބްރެޑް ޕިޓް) އާއި އެންޖެލީނާ ޖޯލީ،37، ކައިރި މުސްތަގުބަލެއްގައި ރަސްމީކޮށް ކައިވެނި ކުރުމަށް ނިންމައި އެ ދެ ބައިވެރިން ހަނީމޫން ހޭދަކުރާނޭ މަންޒިލެއް ހޯދަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މަޝްހޫރު "އޯކޭ މެގަޒިން"އާ ހާވާލާދީ ރިޕޯޓްތައް ބުނާ ގޮތުން މި ދެބައިވެރިން ހަނީމޫން އަށް ދިއުމަށް އަންނަނީ ހަތަރު މަންޒިލެއް ބަލަމުންނެވެ. އޭގެތެރޭގައި ދިވެހިރާއްޖެ އާއި، ޝްރީ ލަންކާ އާއި ފްރެންޗް ޕޮލިނޭޒިޔާގައި ހިމެނޭ ބޯރާ ބޯރާ އައިލެންޑްގެ އިތުރުން ބަހަމާސް ހިމެނެ އެވެ.

"މަންޒިލެއް ކަނޑައެޅުމަށްޓަކައި މިހާރު މަޝްވަރާ ކުރެވެމުންދާ ތަންތަނުގެ ތެރޭގައި ބޯރާބޯރާ، ދިވެހިރާއްޖެ އަދި ސްރީލަންކާ ހިމެނޭ. އެކަމަކު ބަހަމާސްގައި އޮންނަ ޖޮނީ ޑެޕްސްގެ ޕްރައިވެޓް އައިލެންޑުން ވެސް ވަނީ އެމީހުންނަށް ހުށަހެޅުންތަކެއް ލިބިފައި،" އެ ދެ މީހުންގެ ގާތްފަރާތަކާ ހަވާލާދީ މީޑިއާތަކުގައި ލިޔެފައިވެ އެވެ.

އަދި ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެންޖެލިނާ ޖޯލީ އޭނާ ކައިވެނީގެ ރޭގައި ބޭނުންކުރަން ވަރަށް ޚާއްސަ ނިދާހެދުމާއި އަދި "އެތެރެއިންލާ އަންނައުނު" އެންމެ އަގުބޮޑު އަދި މޮޅު "ސިލްކް" ފޭރާމުން ޑިޒައިން ކުރުމަށް އެމެރިކާގެ މަޝްހޫރު ފެޝަން ޑިޒައިނަރެއް ކަމަށްވާ ލައުރެން ސްކޮޓްއަށް ވަނީ އޯޑަރު ދީފަ އެވެ.

ޖޯލީ އާއި ބްރެޑްޕިޓް އެކުގައި އުޅެންފަށާފައި ވަނީ 2005 ވަނަ އަހަރުން ފެށިގެންނެވެ. އަދި ދެބައިވެރިންނަށް ހަ ދަރިން ލިބިފައިވެ އެވެ.

ބްރެޑް ޕިޓަކީ މަޝްހޫރު ފިލްމު އެކްޓަރެއްގެ އިތުރުން ފިލްމު ޕްރޮޑިއުސްކުރާ މީހެކެވެ. އޭނާ ވަނީ އެމެރިކާގެ "ހޮލީވުޑް ފޮރިން ޕްރެސް އެސޯސިއޭޝަން" އިން ދޭ ގޯލްޑަން ގްލޯބް އެވޯޑް ހާސިލް ކޮށްފަ އެވެ. ބްރެޑް ޕިޓްގެ ފާހަގަ ކޮށްލެވޭ ފިލްމު ތަކުގެ ތެރޭގައި "ފައިޓް ކުލަބް"، "މަނީބޯލް" އަދި "އޯޝަންސް އިލަވަން" ފަދަ ފިލްމުތައް ހިމެނެ އެވެ.

އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ އެންޖެލީނާ ޖޯލީ ބޮޑަށް މަޝްހޫރުވެގެން ދިޔައީ ހޮލީވުޑްގެ މަޝްހޫރު ފިލްމު ސީރީޒެއް ކަމަށްވާ އަދި ވީޑިއޯ ގޭމް އެޑްވެންޗާ "ޓޫމް ރެއިޑާ"ގައި އޭނާ ކުޅެފައިވާ އެ ސީރީޒްގެ ޓައިޓަލް ކެރެކްޓާ ކަމަށްވާ "ލާރާ ކްރޮފްޓް"ގެ ރޯލުންނެވެ. އަދި ރީތި އަންހެނެއްގެ އިތުރުން ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިތިބޭ ރެފިއުޖީންނަށް އެހީތެރިވުމަށް އޭނާ ކުރަމުން ގެންދާ މަސައްކަތްތައް ވެސް ފާހަގަ ކޮށްލެވެ އެވެ.