ކޮލަންބޯ (ޖަނަވަރީ 12): ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު (ސުޕްރީމް ކޯޓުގެ އިސްފަނޑިޔާރު) ޝިރާނީ ބަންޑާރަ ނަޔަކަ މަގާމުން ދުރުކޮށްފި އެވެ.

ޝިރާނީ މަޤާމުން ދުރުކޮށްފައި ވަނީ އިއްޔެ ސްރީލަންކާގެ ޕާލަމެންޓްގައި ބޭއްވި ޖަލްސާއެއްގައި ޕާލަމެންޓްގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުންނެވެ. ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަން ކުރާ ކޯލިޝަންގެ އަޣްލަބިއްޔަތު އޮންނަ ޕާލަމެންޓްގައި ޝިރާނީ މަޤާމުން ދުރުކުރުމަށް ނެގި ވޯޓުގައި އޭނާ އާ އެއްކޮޅަށް ވޯޓު ދީފައި ވަނީ 49 މެންބަރުންނެވެ. އޭނާ މަޤާމުން ދުރުކުރުމަށް 155 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.

އުމުރުން 54 އަހަރުގެ ޝިރާނީ މަޤާމުން ދުރުކޮށްފައި މި ވަނީ ސްރީލަންކާ ސަރުކާރުން އޭނާގެ މައްޗަށް ކޮރަޕްޝަނާއި މަޤާމުގެ ނާޖާއިޒު ފައިދާ ނަންގަވައިގެންނާއި ނުފޫޒުގެ ބޭނުންކުރައްވައިގެން ޤާނޫނާ ޚިލާފު އެތައް ކަންތައްތަކެއް ކުރައްވާފައިވާ ކަމުގެ ތުހުމަތުތަކެއް ކުރުމަށްފަހުގަ އެވެ. ޕާލަމެންޓްގެ ކޮމިޓީއަކުން ވަނީ މިމައްސަލަތައް ބަލައިފަ އެވެ. ނަމަވެސް މިއީ ސްރީލަންކާގެ ޝަރުޢީ ދާއިރާ އަށް އަތްގަދަ ކުރެއްވުމަށް ރައީސް މަހިންދާ ރާޖަޕަކްސަ ކުރައްވަމުން ގެންދަވާ ޑިމޮކްރަސީ އާ ޚިލާފު މަސައްކަތްތަކުގެ ދަށުން ކުރިކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ތުހުމަތު ކުރަމުންނެވެ.

ސްރރީލަންކާގެ ޕާލަމެންޓްގެ މި ނިންމުމަކީ ޣައިރު ޤާނޫނީ ނިންމުމެއް ކަމަށް ސްރީލަންކާގައި ސިޔާސީ ގޮތުން މިހާރު ވަރަށް ބަލިކަށި ޙާލަތުގައިތިބި އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން ސިފަކުރެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޝިރާނީ ހުންނެވީ އޭނާ މަޤާމުން ދުރުކުރުމަށް ޕާލަމެންޓުން ނިންމި މި ނިންމުން ގަބޫލު ކުރައްވާ ގޮތަކަށް ނޫނެވެ. އޭގެ ބަދަލުގައި މި ނިންމުމަށް ގޮންޖައްސަވައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުން މަތީ ދެމިހުންނެވުމަށް ޝިރާނީ ނިންމަވާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ޝިރާނީ މަޤާމުން ދުރުކުރުމާ ގުޅިގެން ސްރީލަންކާގައި ބޮޑެތި ހަމަނުޖެހުންތައް އުފެދޭނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް ރައްޔިތުންގެ ތާއީދު ބޮޑީ ރައީސް މަހިންދަ ރާޖަޕަކްސައަށް ކަމަށްވާތީ ރާޖަޕަކްސަގެ ބާރުގަދަ ވެރިކަމަށް ގޮންޖެހުމުގައި އިދިކޮޅު ފަރާތްތަކަށް ކުރެވޭނެ މާބޮޑުކަމެއް އޮންނާނެ ކަމަށް ނުބެލެވޭ ކަމަށް މުރާސިލުން ބުނެ އެވެ. (ބީބީސީ)