12 Jan 2013, 09:36
މަހަށް ނުކުމެ އުޅުނު ދޯންޏެއްގެ ހަބަރެއް ނުވެގެން ވެރިފަރާތުން ރިޕޯޓްކުރުމާ އެކު އެ ދޯނި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ގެއްލިގެން ހޯދަން ފަށާފައި ވަނީ ކ. ކާށިދޫން މަސްވެރިކަން ކުރަން ނިކުމެ އުޅުނު "އާމިރާލް" ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި އެ ދޯނީގެ ދިގުމިނުގައި 68 ފޫޓް ހުންނައިރު އެ ދޯނީގައި މަސްވެރިކަން ކުރުމަށް ޓަކައި 12 މީހުން ހަރަކާތްތެރިވާ ކަމަށެވެ. އަދި އެ ދޯނި ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށާފައި ވަނީ ރޭ ގާތްގަނޑަކަށް 20:30 އެހާކަންހާއިރުން ފެށިގެން ކަމަށެވެ.
އެމްއެންޑީއެފުގެ ފަސްޓް ލެފްޓިނެންޓް އަބްދުﷲ އަލީ އެ ދޯނީގެ ވެރިފަރާތާ ހަވާލާދީ މިއަދު ވިދާޅުވީ ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށާފައިވާ "އާމިރާލް" ދޯނީގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށާއި އަދި އެ ދޯނި އެ ވަގުތު ދަތުރުކުރީ ވ. އަތޮޅުތެރޭގައި ކަމަށެވެ. އަދި އޭގެ ފަހުން އެ ދޯނީގެ ހަބަރެއް ވެފައިނުވާތީ އެ ދޯނި ހޯދުމަށް މިވަގުތު ބަލާނީ ކޮން ހިސާބެއް ކަން ކަނޑައެޅުމުގައި ވެސް ދަތިތަކެއް ހުރިކަމަށް އަބުދުﷲ ވިދާޅުވި އެވެ.
"ދޯނީގެ ހަބަރެއް އެންމެފަހުން ވެފައި ވަނީ ވ. އަތޮޅުން ކަމަށް ބުނަނީ، އޭގެ ފަހުން ހަބަރެއް ނުވާ ކަމަށް. އަޅުގަނޑުމެން މިހާރު މިއުޅެނީ ހަތަރު އޭރިޔާއަށް ވެސް އަންގައިގެން ހޯދުމުގެ މަސައްކަތް ކުރަން. އެ އޭރިޔާގެ ރަށްރަށް ބެލުމާ އެހެންގޮތް ތޮތަށް ވެސް ބެލުމަށް. ދެން ވަރަށް ދުވަސްވެފައި މިއޮތީ ހަބަރެއްނުވާތާ އެހެންވެ ބަލާނީ ވަކި ކޮން ހިސާބެއްކަމެއް ވެސް އަންދާޒާކުރަން އުނދަގޫ،" އަބްދުﷲ އަލީ ވިދާޅުވި އެވެ.
ފަހަކަށް އައިސް ދޭތެރެދޭތެރެ އިން ބޯޓެއް ނުވަތަ ދޯންޏެއް ގެއްލޭ ހާދިސާއަކާކުރިމަތީވާ އިރު އެމްއެންޑީއެފުން ބުނީ ގިނަ ފަހަރަށް އެފަދަ ހާދިސާތައް ދިމާވެފައި ހުންނަނީ، ދޯނީގެ މުވާސަލާތީ ނިޒާމަކަށް ކޮންމެ ވެސް މައްސަލައެއް ދިމާވެގެންކަން ފާހަގަކުރެވޭ ކަމަށެވެ.