12 Jan 2013, 09:09
ރިޔާޟް (ޖަނަވަރީ 12): ސަޢޫދީ އަރަބިޔާގައި އުފައްދާފައިވާ ޝޫރާ މަޖިލީހުގައި 20 އިންސައްތަ އަންހެނުން ހިމެނޭގޮތަށް އެ މަޖިލިސް އަލުން އެކުލާވުމުގެ ޝާހީ އަމުރެއް އެގައުމުގެ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒު ނެރުއްވައިފި އެވެ.
ޝާހީ މިއަމުރު ބުނާގޮތުން ޝޫރާ މަޖިލީހަކީ 150 މެންބަރުންގެ މައްޗަށް އެކުލެވޭ ރަސްގެފާނު ޢައްޔަން ކުރައްވާ މަޝްވަރާ މަޖިލީހެއް ކަމަށާއި އެ މަޖިލީހުގައި ހިމެނޭ 150 މެންބަރުންގެ ތެރެއިން 30 މެންބަރުންނަކީ އަންހެނުންނަށް ވާންޖެހޭނެ ކަމުގަ އެވެ. އަދި މަޖިލީހުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އަންހެން މެންބަރުންނާއި ފިރިހެން މެންބަރުންގެ ތަފާތު ނުވާނެ ކަމަށާއި ހަމަހަމަ ޙައްގުތަކެއް ދެ ޖިންސުގެ މެންބަރުންނަށް ވެސް ލިބިގެންވާ ކަމުގަ އެވެ.
މިއީ ސަޢޫދީ މުޖްތަމަޢުގައި ޒަމާނުއްސުރެ އޮންނަ އަންހެނުން އެކަހެރި ކުރުމާއި އެމީހުން ސިޔާސަތާއި ތަރައްގީ އާއި ގައުމު ހިންގުމުގެ ކަންތައްތަކުގައި ބައިވެރި ނުކުރުމުގެ ބޯދާ ލޯކަލް ސަގާފަތު ބަދަލުކުރުމަށް ޢަބްދުﷲ ރަސްގެފާނު ގެންގުޅުއްވަން ފައްޓަވާފައިވާ އާ ސިޔާސަތުގެ ދަށުން އެޅުއްވި ފިޔަވަޅެއް ކަމަށް މުރާސިލުން ސިފަކުރެ އެވެ. ސައޫދީ އަރަބިޔާގެ ދީނީ އިލްމުވެރިންގެ ތެރެއިން އަދުގެ ދުނިޔެއަށް ލޯހުޅުވިފައިވާ ޒުވާން އިލްމުވެރިން މިކަމަށް ތާއީދު ކުރި ނަމަވެސް އެގައުމުގެ ބޯދާ ލޯކަލް ސަގާފަތުގެ އަސަރުގައިތިބި ކުރީގެ ޖަނަރޭޝަންތަކުގެ ގިނަ ޢިލްމުވެރިން އަންހެނުން މުޖްތަމަޢަށް ނެރުމަށް ދެކޮޅު ހައްދަވަ އެވެ. އެހެންކަމުން ބައެއް ޢިލްމުވެރިން ވަނީ ޢަބްދުﷲގެ މިސިޔާސަތަށް ފާޅުގައި ފާޑުވިދާޅުވެފަ އެވެ.
ސައޫދީ އަރަބިޔާއަކީ މުތްލަގު (އެބްޒެލުޓް) ރަސްކަމެއް ކުރަމުން ގެންދާ ގައުމަކަށްވާ އިރު ރައްޔިތުންގެ ބާރު ފޯރާގޮތަށް އެގައުމުގެ ވެރިކަމުގެ ނިޒާމަށް އިސްލާޙީ ބަދަލުތައް ގެނައުމަށް ޒުވާންޖީލުން ގޮވާލަމުންދާ ގޮވާލުންތަކާ މެދު ޝާހީ ޢާއިލާ ކަންބޮޑުވެ އެވެ. ޚާއްސަކޮށް މިސްރާއި ލީބިޔާ އާއި ތޫނިސް އަށް އައި ރައްޔިތުންގެ އިންޤިލާބުތަކުގައި އެގައުމުތަކުގެ ޚުދުމުޚްތާރު ވެރިކަމުގެ ނިޒާމުތައް ފުރޮޅިގެން ގޮސްފައިވާތީ ސައޫދީ ޢާއިލީ ރަސްކަމުގެ ނިޒާމަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ޝާހީ އާއިލާ އިން އިޙްސާސް ކުރާ ކަމަށް ސަޢޫދީ އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
ޢަބްދުﷲ ރަސްގެފާނު ވަނީ އެގައުމުގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުތަކަށް ކުރިމަތި ލުމާއި އެއިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްގު ވެސް އަންހެނުންނަށް ލިބިދިނުމުގެ ރިޔާސީ އަމުރެއް 2011 ވަނަ އަހަރު ނެރުއްވާފަ އެވެ. ނަމަވެސް ސަޢޫދީ އަންހެނުން ސިޔާސީ މައިދާނަށާއި ތަރައްޤީގެ ކަންތައްތަކުގައި ބައިވެރިކޮށް މުޖްތަމައަށް ނެރުމަށް ޢަބްދުﷲ ރަސްގެފާނު އަމުރު ކުރައްވާފައި ވަނީ މާތްވެގެންވާ އިސްލާމް ދީނުގެ ޝަރުޢީ ހަމަތަކާއެއްގޮތްވާ ގޮތުގެ މަތިން އަންހެނުންގެ ބުރުގާއާއި ހެދުން ބެހެއްޓުމާ އެކު އަންހެނުންނާއި ފިރިހެނުން ގައިގޯޅި ނުވާނެ ގޮތުގެ މަތިންނެވެ. (އަލްޖަޒީރާ)