ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ގުޅޭ ގޮތުން ކޮމިޝަން އޮފް ނެޝަނަލް އިންކްއަރީ (ކޯނީ)އަށް ސަލާމަތީ ބާރުތަކުގެ ބޭފުޅުން ދެއްވާފައިވާ މައުލޫމާތުތައް އޮޅޭ ގޮތައް، ދޮގު ވާހަކަ ކޯނީގެ ރިޕޯޓްގައި ހިމަނާފައިވާ ކަމަށް، ކޮމެޓީ އަށް ހާޒިރުކުރި ސަލާމަތީ ބާރުތަކުގެ ވެރިން ވިދާޅުވެފައިވާ ކަމަށް ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން މިރޭ ބުނެފި އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި ފުލުހުންގެ ޑްރަގް އެމްފޯސްމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް މުހައްމަދު ޖިނާހު އާއި ހިއުމަން ރައިޓްސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ފާތުމަތު ދިޔާނާ ސައީދު ހާޒިރު ކުރި ސިއްރު ބައްދަލުވުން ނިންމާލާފައި ވަނީ މިރޭ ދަންވަރު އެވެ. އެއިން ކޮންމެ ބޭފުޅަކާ ސުވާލުކޮށް މައުލޫމާތު ހޯދުމަށް އެއް ގަޑިއިރަށް ވުރެ ގިނަ ވަގުތު ކޮމެޓީގައި ހޭދަކޮށްފައިވެ އެވެ.

ހަ ގަޑިއިރުގެ މަސައްކަތައްފަހު ކޮމެޓީގެ ބައްދަލުވުން ނިންމާލުމަށް ފަހު، މިރޭ ދަންވަރު 1:00 ގައި މަޖިލީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސަރުކާރު މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ ކޯނީގެ ރިޕޯޓާ ގުޅޭ ގޮތުން ކޮމެޓީ އަށް ހާޒިރު ކުރި ފަރާތްތަކުން ދީފައިވާ މައުލޫމާތުތަކުން ކޯނީގެ ރިޕޯޓަކީ "ފުރިހަމަ ނޫން" ރިޕޯޓެއް ކަމަށް ކޮމެޓީގެ މެންބަރުން ދެކިވަޑައިގަންނަވާ ކަމަށެވެ.

ސަލާމަތީ ބާރުތަކުގެ ބޭފުޅުން ތެރެއިން ކޯނީ އަށް މައުލޫމާތު ދީފައިވާ ފަރާތަކުގެ މައުލޫމާތު އުނިކޮށް، އެ ބޭފުޅުން ދެއްކެވި ވާހަކަ އޮޅޭ ގޮތައް ދޮގު މައުލޫމާތު ކޯނީގެ ރިޕޯޓްގައި ހިމަނާފައިވާ ކަމަށް މަޖިލީހަށް ހާޒިރު ކުރި ސަލާމަތީ ބާރުތަކުގެ ބޭފުޅުން ވިދާޅުވެފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޯނީގެ ރިޕޯޓް ބަލައި ނުގަންނަ ކަމަށް ސަލާމަތީ ބާރުތަކުގެ ބޭފުޅުން ކޮމެޓީގައި ވިދާޅުވެފައިވާ ކަމަށެވެ.

"މިހާތަނަށް ކުރެވޭ މަސައްކަތުން ކޯނީގެ ރިޕޯޓް ފުރިހަމަ ނޫން ކަމަށް މިހާތަނަށް ލިބޭ މައުލޫމާތުތަކުން އެބަ ގަބޫލު ކުރެވޭ. މަޖިލީހަށް ހާޒިރުވާ ބޭފުޅުން [ކޯނީއަށް] ދީފައިވާ މައުލޫމާތު ދޮގު ކުރުމަށް ފަހު، އެބޭފުޅުން ދެއްކި ވާހަކަ އޮޅޭ ގޮތަށް ދޮގު މައުލޫމާތު [ކޯނީގެ] ރިޕޯޓްގައިވާ ކަމަށް ވިދާޅުވި،" އަލީ ވަހީދު ވިދާޅުވި އެވެ.

ކޮމެޓީން މިހާތަނަށް ބެލިބެލުމުން މިދިޔަ އަހަރުގެ ފެބްރުއަރީ 6، 7، 8ގައި ބަޔަކު މީހުން ވެރިކަމާ ދެކޮޅަށް "ބޮޑު ޖަރީމާއެއް" ހިންގިކަން އެނގޭ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ވެރިކަން ބަދަލުވުމާ ގުޅުން ހުރި ފަރާތްތައް މިހާރުގެ ސަރުކާރުގެ އެކި ބާރުތަކުގައި ތިއްބެވުމުން ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ދާންވީ ދިމާލެ ނޭނގިފައި ތިބި ކަމަށް ކޮމެޓީ އަށް ހާޒިރު ކުރި ފަރާތްތަކުން ފާހަގަ ކުރެއްވި ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ފަސީހުއާއި ޖިނާހުގެ ހާޒިރު ކުރި ބައްދަލުވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ފިޔަވައި އެހެން ޕާޓީގެ މެންބަރުން ވަޑައިއެއް ނުގަންނަވަ އެވެ. ނަމަވެސް މިރޭ ދިޔާނާ ހާޒިރު ކުރި ކޮމެޓީގެ ބައްދަލުވުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރަކު ވަޑައިގެންނެވި ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ކޯނީގެ ރިޕޯޓްގެ ދިރާސާ ކުރިއަށް ގެންދިއުމުގައި އެއްވެސް ސިޔާސީ ކުލަވަރެއް ނުޖައްސަވާނެ ކަމަށް އިޝާރާތް ކުރައްވައި، އަލީ ވަހީދު ވިދާޅުވީ ކޮންމެ ޕާޓީއެއްގެ މަޖިލިސް މެންބަރަކަށް ވެސް ކޮމެޓީ އަށް ހާޒިރުވެ، އެބޭފުޅުން ކުރައްވާ މައްސަކަތް ކައިރިން ބެއްލެވޭނެ ކަމަށެވެ.

މިއަދު ހަވީރު ބޭއްވި ކޮމެޓީގެ ބައްދަލުވުމަށް ފަހު، އެ ކޮމެޓީގެ ބައްދަލުވުންތަކުގައި ޕީޕީއެމް ބައިވެރި ނުވުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ނިންމާފަ އެވެ. ސަބަބެއް ކަމަށް އޭބޭފުޅުން ވިދާޅުވީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުން މާލޭގައި ނެތީސް ކޮމެޓީއަށް ބަޔަކު ހާޒިރުކޮށް ކުރިއަށް ގެންދިއުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

ކޯނީގެ ރިޕޯޓާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭގެފާނު ކޮމެޓީ އަށް ހާޒިރު ކުރުމާމެދު ކުރިއަށް އޮތް ބައްދަލުވުންތަކުގައި ގޮތެއް ނިންމާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުންނާއި އާންމު ބަޔަކު ވެސް ކޮމެޓީން ހާޒިރު ކުރުމާމެދު ކޮމެޓީން ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯނީގެ ރިޕޯޓް ދިރާސާ ކުރަމުންދާ ކޮމެޓީ އަށް މިހާތަނަށް ފަސް ބޭފުޅަކު ހާޒިރުކޮށްފައިވެ އެވެ. އެއީ މިރޭ ހާޒިރު ކުރި ތިން ބޭފުޅުންގެ އިތުރުން ޕޮލިސް އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް މުހަންމަދު ހަމީދު (އެމްސީ ހަމީދު) އާއި އެމްއެންޑީއެފްގެ އިންޓެލިޖެންސްގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް އަހުމަދު ނިލާމް އެވެ.

މާދަމާ ރޭ ބާއްވާ ކޮމެޓީގެ ބައްދަލުވުމަށް ވެސް ދެ ބޭފުޅަކު ހާޒިރު ކުރުމަށް ނިންމާފައިވެ އެވެ. އެއީ ރިޓަޔާޑް ބްރިގޭޑިއާ ޖެނަރަލް އިބްރާހިމް ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދެވެ. އަދި އަންނަ އާދިއްޔަ ދުވަހުގެ ބާއްވާ ކޮމެޓީގެ ބައްދަލުވުމަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯމް މޫސާ އަލީ ޖަލީލު ވެސް ހާޒިރު ކުރުމަށް ވަނީ ނިންމާފަ އެވެ.