ސަރަހައްދީ މަޖައްލާއެއް ކަމުގައިވާ އޭޝިއަން ޓްރިބިއުން އަށް ދެއްވި ބަސްދީ ގަތުމެއްގައި ރައީސް މުހައްމަދު ނަޝީދު ވަނީ ވަރަށް ހައިރާން ކުރުވަނިވި ވާހަކައެއް ވިދާޅުވެފައެވެ. ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވަނީ އިދިކޮޅު ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ އަށް ތައުރީފް ކުރައްވާފައެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު ތަސްމީނަކީ ރައީސް ނަޝީދާއި ސިޔާސީ ގޮތުން ވާދަވެރި ބޭފުޅެއްކަމުގައި ވިޔަސް ތަސްމީނަކީ ސިޔާސީ ގޮތުން ޒިންމާދާރު ބޭފުޅެއްކަން ދޭހަވާ އިބާރާތުން ރައީސް ނަޝީދު ވަނީ ވާހަކަ ފުޅު ދައްކަވާފައެވެ.


        މިއީ އިއްތިފާގެއް ނޫނެވެ. ޑީއާރުޕީގެ ނައިބު ޒައީމުން ކަމުގައިވާ އުމަރު ނަސީރާއި އިލްހާމް އަދި އަލީ ވަހީދުގެ ފަރާތުން ހަރުކަށި ކަމާއި، ގޮތްދޫ ނުކުރުމާއި، ސިޔާސީ ދެކޮޅުވެރިކަން އިންތިހާއަށް ބޮޑުވަމުން ދާއިރު ތަސްމީނުގެ ބަސްމަގު ފެންނަނީ މާބޮޑަށް ވެސް މަޑުމައިތިރި ކޮށެވެ.


        މާލޭގެ ހުޅަނގު ފަރާތުން ބިން ވިއްކުމަށް ސަރުކާރުން ކުރިއަށް ގެންދަވާ ޕްރޮގްރާމާއި ދެކޮޅަށް ޑީއާރުޕީން ކުރި މުޒާހަރާ އަކީ އުމަރު ނަސީރާއި އިލްހާމް އިސް ނަންގަވައިގެން، ޑީއާރުޕީގެ ނަމުގައި ބޭއްވި މުޒާހަރާއެއް ކަމުގައި ވިއަސް ޑީއާރުޕީ އިން ވަނީ ހައިރާން ކުރުވަނިވި ނޫސް ބަޔާނެއް ނެރެފައެވެ. އެނޫސް ބަޔާނުގައި ބުނެފައިވަނީ އެ މުޒާހަރާ އަކީ ޑީއާރުޕީން ބާއްވާ މުޒާހަރާއެއް ނޫން ކަމަށެވެ. މާނަ އަކީ، އުމަރުނަސީރު ފަދަ ޑީއާރުޕީގެ ހަރުކަށި ލީޑަރުން ސަރުކާރާ ދެކޮޅަށް ކުރައްވާ މިފަދަ ކަންތައްތަކަށް ޕާޓީގެ ލީޑަރު ތަސްމީނުގެ މާ ބޮޑު ތާއިދެއް ނެތެވެ. ފަރުދާގެ ފުރަގަހުގައި ޑީއާރުޕީގެ ލީޑަރުންގެ މެދުގައި ޚިޔާލު ތަފާތު ވުން ތަކެއް އެބަހުއްޓެވެ.


        ސުވާލަކީ، ތަސްމީން އަކީ ސިޔާސީ ގޮތުން ޒިންމާދާރު ބޭފުޅެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެ، ދުނިޔެއަށް އިޢުލާން ކުރެއްވި އިރު، ނަޝީދާއި ތަސްމީނުގެ ސިޔާސީ ރަޙްމަތްތެރިކަން ކިހާ ހިސާބަކަށް ގޮސްފައިވޭ ބާވެއެވެ؟


        ތަސްމީނަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރެވެ. އޭނާއަކީ ޑީއާރުޕީއާ ސީދާ ގުޅުމެއް ނެތް ގޮތުގައި ވިއަސް އެނާގެ އާއިލާއިން މަޖިލިހުގެ ފަސް ވަރަކަށް ގޮނޑި ކޮންޓްރޯލް ކުރައްވާ ބެފުޅެކެވެ. ތަސްމީނުގެ މަންމައަކީ އައްޑޫގެ ބޮޑު އާއިލާ އަކަށް ނިސްބަތްވާ ފަރާތެކެވެ. ބައްޕައަކީ މާލޭގެ މަޝްހޫރު ވިޔަފާރި ވެރިއެކެވެ. ތަސްމީނާއި ނަޝީދަކީ ފަރުދާގެ ފުރަގަހުގައި ސިޔާސީ ދެ ރަޙްމަތްތެރީން ކަމުގައި ވެއްޖެނަމަ އެ ދެބޭފުޅުންގެ މެދުގައި ހެދިފައިވަނީ ކޮންކަހަލަ ސިޔާސީ ޑީލެއް ބާވައެވެ.


       ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާކުރާ ގިނަބަޔަކަށް އެނގޭނެ ގޮތުގައި ތަސްމީނަކީ ސިޔާސީ ގޮތުން ވަރަށް އެންބިޝަސް ބޭފުޅެކެވެ. ފަހަރުގައި މިދެބޭފުޅުންގެ މެދުގައި ހެދިފައިވާ ޑީލް އަކީ ދެން އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދުގެ ރަނިން މޭޓަކަށް ނުވަތަ ނައިބު ރައީސަކަށް ތަސްމީނު ހަމަޖެއްސެވުން ކަމުގައި ވެސް ވެދާނެއެވެ.


        ރައީސް ނަޝީދުގެ ބަސް މަގަށް ބަލާއިރު އެމަނިކުފާނު އަދި އެއްދައުރަށް ކުރިމަތި ލައްވާނެކަން ޔަގީނެވެ. ހަމަ އެބަސް މަގަށް ބަލާއިރު މިހާރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އެފުރުސަތު ދެން ފަހަރަކުން ނޯންނާނެކަން ވެސް ޔަގީނެވެ. އެހެން ކަމަށް ވާނަމަ ދެން އޮންނަ ރިޔާސީ އިންތިހާބުގައި ނަޝީދުގެ ރަނިން މޭޓަކަށް ވާނީ ތަސްމީނު ބާވައެވެ.


       ރައީސް ނަޝީދަކީ ސިޔާސީ ގޮތުން ވަރަށް ތޫނުފިލި ބޭފުޅެކެވެ. ފާއިތުވި ދިހަ ވަރަކަށް އަހަރަށް ނަޒަރު ހިންގާލުމުން ނަޝީދުގެ ސިޔާސީ ތޫނު ފިލިކަން ވަރަށް ސާފުކޮށް ހާމަވެގެން ދާނެއެވެ. އެމަނިކުފާނުގެ ސިޔާސީ އެޖެންޑާ ހާސިލް ކުރެއްވުމަށް ޓަކައި ކޮންމެ އެނދަކަށް އެރުއްވުމަށް ވެސް އެމަނިކުފާނު ފަސް ޖެހިވަޑައި ނުގަންނަވާނެކަން ޔަގީނެވެ.


       މިފަދަ ޑީލެއް ހެދިއްޖެނަމަ ރައީސް ނަޝީދަށް އިތުރު ފަސް އަހަރު ވެރިކަން ކުރެއްވުމުގެ މަގު ފަހިވެގެން ދާނެއެވެ. އަދި މިފަދަ ޑީލެއް ވެގެން ދާނީ މީގެ ހަތް އަހަރު ފަހުން ރާއްޖޭގެ ރައީސް ކަން ހޯދުމަށް ތަސްމީނު އަލީ އަށް ކޮށިގެންދާ މަގެއް ކަމުގައެވެ.


       ރައީސް ނަޝީދުގެ ސަރުކާރުން ރާއްޖޭގައި މިހާރު ހިންގަވަމުން ގެންދަވާ މަޝްރޫއު ތަކާއި، ފެންނަމުންދާ ތަރައްގީގެ ބަދަލުތަކަށް ބަލާއިރު ރައީސް ނަޝީދަށް އިތުރު ފަސް އަހަރުގެ ދައުރެއް ދިނުމަކީ ދިވެހި ގައުމަށާއި ދިވެހި ރައްޔިތުން ނަށް ފައިދާ ހުރި ކަމެއް ކަމުގައި ސުވާލު ކުރެވެއެވެ.


      ސުވާލަކީ ދިވެހި ގައުމުގެ ތަރައްގީގެ މި އިންގިލާބުގައި ތަސްމީނު ބޭނުންފުޅުވަނީ އިދިކޮޅު ބޭފުޅެއްގެ ގޮތުގައި ދިހަ އަހަރު ހޭދަ ކުރައްވަންތޯއެވެ.؟ ނުވަތަ މި އިންގިލާބުގެ ހިއްސާދާރެއްގެ ގޮތުގައި ތަސްމީނުގެ ސިޔާސީ ކުރިމަގުވެސް އުޖާލާ ކުރައްވަން ތޯއެވެ؟


       ފަރުދާގެ ފުރަގަހުގައި ރާއްޖޭގެ ސިޔާސީ ވާދަވެރިންގެ މެދުގައި ރާޒުވާ ކުޅިބައިތައް އަތުރާލައްވާއިރު ޑީއާރުޕީގެ ލީޑަރު ތަސްމީނުގެ އެއްބާރުލުން ލިބޭނީ ދިވެހި ގައުމަށް ބާއެވެ؟ ނުވަތަ ހައްދު ފަހަނަ އަޅާފައިވާ އިދިކޮޅު ބަޔަކަށްބާއެވެ؟