އެންދެރިމާގޭ ޖަގަހައިގައި ބައްދަލުވުމެއް ބާއްވަން ހަމަޖެއްސުމުން އާޓިފިޝަލް ބީޗްގައި އުމަރު ނަސީރު މިރޭ ބާއްވަން އުޅުނު ކެމްޕޭން ޖަލްސާ ކެންސަލް ކޮށްފި އެވެ.

އުމަރު ނަސީރުގެ ކެންޕޭން ޓީމްގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ އެންދެރިމާގޭ ޖަގަހައިގައި ބައްދަލުވުމެއް ބާއްވަން އުޅޭކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބޭފުޅުންގެ ނަމުގައި މިއަދު އެސްއެސްތަކެއް ދައުރުވާން ފެށުމުން، އެކަން ރަނގަޅަށް ބެލި އިރު އެއީ ތެދެއްކަން އެނގުމުން މިރޭ ބާއްވަން ހަމަޖެއްސި އުމަރުގެ ކެމްޕޭން ޖަލްސާ ކެންސަލް ކުރީ ކަމަށެވެ.

"ރައީސް މައުމޫންގެ ބޭފުޅުންގެ ނަމުގައި މިއަދު އެސްއެމްއެސްތަކެއް ދައުރުވާން ފެށީ މިރޭ އެންދެރިމާގޭ ޖަގަހައިގައި ބައްދަލުވުމެއް ބާއްވަން އުޅޭ ކަމަށް. ދެން އަޅުގަނޑުމެން ބެލި އިރު އެއީ ސައްޚަ އެއްސްއެމްއެސްތަކެއް ކަން އެނގުމުން މިރޭ އާޓިފިޝަލް ބީޗްގައި އަޅުގަނޑުމެން ބާއްވަން އުޅުނު ކެމްޕޭން ޖަލްސާ ކެންސަލް ކުރީ،" ސަލީމް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާ ކެންސަލް ކޮށްފައި ވަނީ ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކެއްގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދާއިރު މާޒް ސަލީމް ވިދާޅުވީ އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށާއި އެ ވާހަކަތަކަކީ ބައެއް މީހުން ފަތުރަމުން ގެންދާ ދޮގުވާހަކަތަކެއް ކަމަށެވެ.

އެންދެރިމާގޭ ޖަގަހައިގައި ބާއްވަން އުޅުނީ ކޮން ބައްދަލުވުމެއްްތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެއީ ރައީސް މައުމޫންގެ ބޭފުޅުން ބާއްވަން އުޅުއްވި ބައްދަލުވުމެއް ކަމަށާއި ނަމަވެސް އެއީ ކޮންކަމަކާ ގުޅިގެން ބާއްވަން އުޅުނު ބައްދަލުވުމެއް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި އުމަރު ނަސީރާ އެކު ވާދަކުރައް ވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. ނަމަވެސް ޕްރައިމަރީ ބާއްވާނެ ތާރީޚެއް ޕީޕީއެމުން އަދި އިއުލާންކޮށްފައި ނުވެ އެވެ.

އުމަރާއި ޔާމީން ވެސް ވިދާޅުވެފައި ވަނީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.