11 Jan 2013, 22:44
ޔޫތު ޗެމްޕިއަންޝިޕް 2013ގެ ގުރޫޕް އެކެއްގެ ދެ ވަނަ މެޗުގައި އޭދަފުށީ ޒުވާނުންގެ ކުލަބު އެކެއް ސުމަކުން ބަލިކޮށް ވީބީ އައްޑޫ އެފްސީ މެޗު ކާމިޔާބުކޮށްފި އެވެ.
މިއަދު ހަވީރު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި ފެނުނު ހަމަ އެކަނި ލަނޑު ވީބީ އަށް ކާމިޔާބުކޮށްދިނީ މެޗުގެ 41 ވަނަ މިނިޓުގައި އެ ޓީމުގެ އަޙްމަދު ޝުޖާއު އެވެ.
މިއަދުގެ މެޗުގައި ދެ ޓީމުގެ ކުޅުން ވެސް ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކޮށެވެ. ފުރަތަމަ ހާފުގައި ވީބީ ޓީމުން އޭދަފުށީގެ ގޯލަށް ދެފަހަރެއްގެ މަތިން ނުރައްކާކޮށްފައިވާ އިރު އޭދަފުށީ ޓީމުން ވަނީ ވީބީގެ ގޯލަށް ވެސް ނުރައްކާތެރި ދެ ހަމަލާއެއް އުފައްދައިފަ އެވެ.
އަދި ފަހުހާފުގައި އޭދަފުށީގެ ކުޅުން އިތުރަށް ވަރުގަދަކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ބުރަ މަސައްކަތްތަކެއް ކުރި ނަމަވެސް ވީބީގެ ޑިފެންސް ލައިން ފޫއަޅުވާލެވޭ ގޮތް ނުވެ މެޗު ނިމިގެން ދިޔައީ އެކެއް ސުމަކުން ވީބީ އައްޑޫ އެފްސީ މެޗް ކާމިޔާބު ކޮށްގެން ނެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައި ވަނީ ގްރޫޕް ދޭއްގެ މެޗެކެވެ. އެ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ ސްޕޯޓްސް ކުލަބާއި ކުލަބު ވެލެންސިޔާ އެވެ. މާދަމާ ވެސް މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ދަނޑުގައި ހަވީރު 16:00 ގަ އެވެ.
ޖުމުލަ 12 ޓީމު ބައިވެރިވި މިމުބާރާތް ކުރިއަށް ގެންދަނީ ތިން ގުރޫޕަކަށް ބާހާލައިގެންނެވެ. އެގޮތުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމަކާއި އަދި ތިންގުރޫޕު އެއްކޮށް ތިންވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެކެވެ.