11 Jan 2013, 18:57
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށްޓަކައި ސަލާމަތީ ބާރުތަކުގެ ފަސް ބޭފުޅަކާއި ހިއުމަން ރައިޓްސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ފާތުމަތު ދިޔާނާ ސައީދު ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރު ކުރުމަށް މިއަދު ނިންމައިފި އެވެ.
އެބޭފުޅުން ކޮމެޓީއަށް ހާޒިރު ކުރަން ނިންމީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތިން މެންބަރަކު ސޮއި ކުރައްވައި މަޖިލީހުގެ އިދާރާ އަށް މިއަދު ފޮނުވި ސިޓީއަކާ ގުޅިގެން މިހާރު މަޖިލީހުގައި ކުރިއަށްދާ އެ ކޮމެޓީގެ ކުއްލި ބައްދަލުވުމެއްގަ އެވެ. އެ ބޭފުޅުން ހުށަހެޅުއްވި މައްސަލާގައި ވަނީ ކޮމެޓީން ދިރާސާ ކުރަމުންދާ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓްގެ ދިރާސާއަށްޓަކައި ކޮމެޓީއަށް ހާޒިރު ކުރަންޖެހޭ ފަރާތައް ހާޒިރު ކުރުން އަވަސް ކުރުމަށެވެ.
ކޮމެޓީން ހާޒިރު ކުރަން ނިންމި ބޭފުޅުންނަކީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ އިބްރާހިމް މުހަންމަދު ދީދީ އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި ކާނަލް މުހަންމަދު ޒިޔާދާއި ފުލުހުންގެ ޑްރަގް އެމްފޯސްމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް މުހައްމަދު ޖިނާހާއި ދިޔާނާ އެވެ.
އެބޭފުޅުންގެ ތެރެއިން ފަސީހާއި ޖިނާހާއި ދިޔާނާ މިރޭ ކޮމެޓީއަށް ހާޒިރު ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އިބްރާހިމް ދީދީއާއި ކާނަލް ޒިޔާދު ކޮމެޓީއަށް ހާޒިރު ކުރަން ނިންމާފައި ވަނީ މާދަމާ ރޭ އެވެ. އަދި މޫސާ އަލީ ޖަލީލު ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމާފައި ވަނީ އަންނަ އާދީއްތަ ދުވަހު އެވެ.
އެމްޑީޕީގެ މެންބަރުން ވޯޓް ދެއްވައިގެން އެ ބޭފުޅުން ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމި ނަމަވެސް ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވި، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ދެ މެންބަރުން އެ ނިންމުމާ ދެކޮޅު ހެއްދެވި އެވެ. ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ތިމަަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފު ވިދާޅުވީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނާ ނުލައި، އެ ކޮމެޓީއަށް ބަޔަކު ހާޒިރުކޮށްގެން ޖަވާބުދާރީ ކުރުވުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ނ. މާފަރުގައި ކުރަމުންދާ މުޒާހަރާއާ ގުޅިގެން މަޖިލީހުގެ ބައްދަލުވުމެއް އެ ރަށުގައި ބޭއްވުމަށް ކޮމެޓީން ނިންމުމާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާޙިމް މުހައްމަދު ސޯލިހު (އިބޫ) އެކަމާ ކަންބޮޑުވުން ފާޅުކުރައްވާތީ މެންބަރުން ވަނީ އެ ނިންމުމާމެދު ދެވަނަ ވިސްނުމަކަށް ދިއުމަށް މަޝްވަރާކޮށްފަ އެވެ. ނަމަވެސް މެންބަރުންގެ މެދުގައި އެ ނިންމުން ބަދަލު ކުރުމަށް އެއްބަހެއް ނުވެވުނެވެ.
ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ އެ ބައްދަލުވުން ނ. މާފަރުގައި ބާއްވަން ޖެހޭނީ ރައްޔިތުންގެ ޝުއޫރު އަޑުއެހުމަށް ކަމަށެވެ. އަދި ކޮމެޓީގެ ބައްދަލުވުން މާލޭގައި ބާއްވާ ނަމަ ކޮމެޓީ އަށް ހާޒިރު ކުރަން ޖެހޭ އެ ރަށުގެ ރައްޔިތުން މާލެ ގެނައުމަށްޓަކައި އިތުރު ހަރަދުތަކެއް ދާނެ ކަމަށެވެ.