11 Jan 2013, 17:41
ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު ރޭ މާލެ ވަޑައިގެންފި އެވެ.
ރޭ 10:30 އެހާކަންހާއިރު ނަޝީދު މާލެވަޑައިގެންނެވި އިރު އެމްޑީޕީގެ ގިނައަދަދެއްގެ ސަޕޯޓަރުން އޭނާއަށް މަރުހަބާ ކިޔުމަށް ހަތަރު ނަންބަރު ޖެޓީ ސަރަހައްދަށް އެއްވި އެވެ.
ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވާތީ ރާއްޖެއިން ބޭރަށް ފުރާވަޑައުގެންނެވުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު އޭނާ އެއާޕޯޓަށް ވަޑައިގަތުމުން ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި އެދުވަހު ފުރޭގޮތެއް ނުވި އެވެ. ބައްޕާފުޅުގެ ބޭސްފަރުވާއަށް ނަޝީދު ބެންކޮކަށް ވަޑައިގަތީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. ރޭ ރާއްޖެވަޑައިގެންނެވިތަނަށް ނޫސްވެރިން ދިޔަ ނަމަވެސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވާފައެއް ނުވެއެވެ.
ނަޝީދުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ވެރިކަމުގައި ހުންނެވި އިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެންނެވެ.
ނަޝީދު ބެންކޮކަށް ފުރާވަޑައިގެންނެވީ ހުޅުމާލޭ ކޯޓުން އެމަނިކުފާނުގެ ޕާސްޕޯޓް ދޫކުރުމުގެ އަމުރު ނެރެފައިވަނިކޮށް، އިމިގްރޭޝަނުން ޕާސްޕޯޓް ހިފެހެއްޓުމުން ދަތުރު ފަސްކުރެއްވުމަށް ފަހު އެވެ.
ނަޝީދު ރޭ ރާއްޖެވަޑައިގެންފައި ވަނީ ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ މުއްދަތު މިމަހުގެ ނިޔަލަށް ހުޅުމާލޭ ކޯޓުން އިތުރުކޮށްދީފައި ވަނިކޮށެވެ.
ނަޝީދުގެ ޝަރީއަތް ބާއްވާނެ ދުވަހަކަށް ގިނަ ބަޔަކު އިންތިޒާރު ކުރިނަމަވެސް ހުޅުމާލޭ ކޯޓުގައި ދެން އެ ޝަރީއަތް ބޭއްވޭނީ ސުޕްރީމް ކޯޓުން ކުރާ ހުކުމަކުން ކަމަށް ބެލެވެ އެވެ. ސަބަބަކީ ހުޅުމާލޭ ކޯޓަކީ ސައްޚަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއަސް، ނަޝީދުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަކީ ޣައިރު ގާނޫނީ ބެންޗެއްކަމަށް ވިދާޅުވެ އޭނާ ހައިކޯޓަށް ހުށަހެޅި މައްސަލަ އަދި ނިމިފައި ނުވެ އެވެ. އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ނަޝީދުގެ ޝަރީއަތް ވަގުތީގޮތުން ހުއްޓާލަން ހައިކޯޓުން ވަނީ ހުޅުމާލޭ ކޯޓުގެ މައްޗަށް އަމުރެއް ނެރެފަ އެވެ. އަދި ހައިކޯޓުން އެ މައްސަލަ ނަޝީދާ ދެކޮޅަށް ނިމިއްޖެނަމަ އޭނާގެ ގާނޫނީ ޓީމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ބެލެވެ އެވެ. އަދި ނަޝީދާ އެއްކޮޅަށް މައްސަލަ ނިމިއްޖެނަމަ ދައުލަތުން ވެސް އެ މައްސަލަ އިސްތިއުނާފު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.