11 Jan 2013, 15:27
ކުލި ނުދައްކާ ހުރި ރިސޯޓްތަކުގެ ކުލި ބަހާލައިގެން ދެއްކުމަށް އެ ފަދަ ރިސޯޓްތަކަށް ލުޔެއް ދިނުމުން ދައުލަތަށް ގެއްލުމެއް ނުވާނޭ ކަމަށާއި އޭގެ ސަބަބުން ވާނީ ފައިދާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފްތާ ތެރޭ ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި ޖިހާދު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވީއިރު 12 ރިސޯޓަކުން ކުލި ނުދައްކާ އޮތް ކަމަށާއި ކޮންމެ އަހަރަކުވެސް އެ ފައިސާއަކީ ލިބޭނެ ފައިސާ ކަމަށް ދައުލަތުގައި ހިސާބުތަކުގައި ޖަހާފައިވާ ކަމަށެވެ. ނަމަވެސް ކޮންމެ އަހަރެއްވެސް ނިންމާލަން ޖެހެނީ ދައުލަތަށް އެ ފައިސާ ނުލިބި ކަމަށްވެސް ޖިހާދު ވިދާޅުވި އެވެ.
"އެ ފައިސާ ހޯދުމަށް އޭރު މަސައްކަތެއް ނެތް ކުރެވިފައެއް. ކޮންމެ އަހަރަކުވެސް ޖަހާފައި އޮންނަނީ އެ ފައިސާ ލިބޭނެ ކަމަށް. ނަމަވެސް ކޮންމެ އަހަރެއް ނިމިގެންދާއިރު އެ ފައިސާއެއް ނުލިބޭ. އަޅުގަނޑުމެން އެގޮތަށް ކުލި ނުދައްކާ މި އޮތް 12 ރިސޯޓަށް ކުލީގެ އެއްބައި ދެއްކީމައި ބާކީ ބައި ބަހާލައިގެން ދެއްކުމަށް އެންގީމައި މީގެން ދައުލަތަށް ގެއްލުމެއް ނުވާނެ،" ޖިހާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް ލުއިތަކެއް ދިނުމުގެ ސަބަބުން މީގެ ކުރިން ދައުލަތަށް ނުލިބި އޮތް ގިނަ ފައިސާތަކެއް ލިބުމަށް މަގުފަހިވާނޭ ކަމަށާއި އެ ފައިސާ ހޯދުމަށް އޮތް އެންމެ ފަސޭހަގޮތަކަށް ވާނީވެސް މިނިސްޓްރީން އަމަލުކުރި ގޮތަށް އަމަލުކުން ކަމަށެވެ.
އަދި އެހާ ގިނަ ފައިސާތަކެއް ދައުލަތަށް ނުލިބި ހުރުމުގެ ބަދަލުގައި އެ ފައިސާ ކޮންމެ ގޮތަކުން ނަމަވެސް ލިބުން މާ މުހިންމުކަމަށް އޭނާ ވިދާޅުވި އެވެ.
ކުލި ނުދައްކާ ގިނަ ދުވަސްތަކެއްވީ 12 ރިސޯޓަކަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ކުލީގެ ގޮތުގައި ދައްކަން ހުރި ފައިސާގެ ވަކި ވަރެއް ދެއްކުމުން ލުއިތަކެއް ދީފަ އެވެ. އެގޮތަށް ހަމަޖެއްސީ އެ ރިސޯޓްތަކުން ކުލި ނުދައްކައިފިނަމަ ރަށް ސަރުކާރަށް ނަގާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ކުލި ނުދައްކާ ހުރި ރިސޯޓްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުއްޏެއްކަމަށްވާ ޔޮޓް ޓުއާސް އިން ހިންގާ އަލިދޫ ރިސޯޓާއި ކުޑަރަށް ރިސޯޓުގެ އިތުރުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާގެ އާއިލާ އިން ހިންގާ ރިސޯޓެއް ކަމަށްވާ ފިލިތެޔޮ ރިސޯޓާއި މެދުފުށި އަދި ޒިތާލީގެ ރިސޯޓެވެ.
ޓޫރިޒަމް މިނިސްޓަރު އަދީބު މީގެ ކުރިން ވިދާޅުވެފައިވަނީ ރިސޯޓްތަކުން ކުލި ނުދެއްކުމުން ކޯޓަށް ދިޔުމަކީ ހައްލު ނޫން ކަމަށާއި އިންޒާރު ދިނުމަށް ފަހު އެކަންކަމާ ވާހަކަ ދައްކައިގެން ކަންތައްތައް ހައްލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވަނީ އެއްކުއާޓާގެ ކުލި ދެއްކުމުން ބާކީ ހުރި ކުއާޓާތަކުގައި ނުދައްކާ ހުރި ކުލި 10 މަސްދުވަހުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމަށް ކުލި ނުދައްކާ ހުރި ރިސޯޓްތަކަށް ލުޔެއް ދިނުމަށެވެ.