11 Jan 2013, 15:01
ވޮޝިންޓަން (ޖަނަވަރީ 11): އެމެރިކާގެ މިހާރުގެ މާލީ ވަޒީރު ޓިމޮތީ ގެންޝަރު ބަދަލުގައި އެމަޤާމަށް ޖެކް ލިޔޯ އިޚްތިޔާރު ކުރައްވައިފި އެވެ.
އުމުރުން 57 އަހަރުގެ ލިޔޯ އަކީ ވައިޓް ހައުސްގެ މިހާރުގެ ޗީފް އޮފް ސްޓާފެވެ. ލިޔޯއަކީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމާއި ބަޖެޓް ޑެފިސިޓް މެނޭޖްކުރުމުގެ ވަރަށް ޚާއްސަ ތަޖްރިބާކާރެއް ކަމަށް ވައިޓް ހައުސް އިން ސިފަކުރެ އެވެ. އެމެރިކާގެ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމާއި ބަޖެޓް ޑެފިސިޓް މެނޭޖްކުރުމުގެ ކަންތަކަކީ މިމަހުގެ ފަހުކޮޅު އޮބާމާ ފައްޓަވާ ރިޔާސީ ދެ ވަނަ ދައުރުގައި އެމެރިކާގެ އެތެރެއިން އޭނާ އަށް ކުރިމަތިވެވަޑައިގަންނަވާނެ އެންމެ ބޮޑު ގޮންޖެހުންކަމަށް ތަޖްރިބާކާރުން ދެކެ އެވެ. ލިޔޯއަކީ އިޤްތިސާދީ ދާއިރާ އިން މަތީ ތަޢްލީމް ޙާސިލް ކުރައްވާފައިވާ އަދި އެމެރިކާގައި ދިރިއުޅޭ ޕޮލެންޑް ދަރިކޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.
ދާޚިލީ ދަރަނީގެ ސަބަބުން މާލީ ފުންވަޅުގަނޑަކަށް ވެއްޓުމާ ގާތްވެފައިވާ އެމެރިކާގެ އިގްތިސާދު އެކަމުން ސަލާމަތްކުރުމުގެ ނަމުގައި މި ޖަނަވަރީ މަހުގެ ދެ ވަނަ ދުވަހު އެމެރިކާގެ އެންމެ ބޮޑު ދެޕާޓީ ކަމަށްވާ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީ އާއި އިދިކޮޅު ރިޕަބްލިކަން ޕާޓީ ގުޅިގެން ކޮންގްރެސް އިން ވަނީ މާލީ ފުންވަޅުގަނޑަކުން އެމެރިކާ ސަލާމަތް ކުރުމުގެ ނަމުގައި ޚަރަދު ކުޑަކުރުމުގެ ޤާނޫނެއް ފާސްކޮށްފަ އެވެ.
ރިޔާސީ އައު ދައުރަކަށް ހުވާ ކުރައްވަން އޮބާމާ ތައްޔާރުވަމުން ގެންދަވާ އިރު ދެ ވަނަ ދައުރުގެ ކެބިނެޓަށް ވަޒީރުންނާއި ސަރުކާރުގެ އެހެން އިސްމަޤާމްތަކަށް ބޭފުޅުން އިޚްތިޔާރު ކުރުމުގެ ކަންތައް ވެސް އޭނާ ގެންދަވަނީ ކުރައްވަމުންނެވެ. މިގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރަކަށް އިޚްތިޔާރު ކުރައްވާފައި ވަނީ ޖޯން ކެރީ އެވެ. ދިފާޢީ ވަޒީރަކަށް ޗޮކް ހެގްލް އެވެ. މާލީ ވަޒީރަކަށް ޖެކް ލިޔޯ އެވެ. އަދި އިތުރު ބޭފުޅުން މަޤާމްތަކަށް އީޚްތިޔާރު ކުރުމުގެ ކަންތައް އޮބާމާ ގެންދަ ވަނީ ކުރައްވަމުންނެވެ. މިބޭފުޅުން މަޤާމުގެ ހުވާކުރައްވާނީ އޮބާމާގެ ރިޔާސީ ފުރަތަމަ ދައުރު މިމަހުގެ ފަހުކޮޅު ނިމުމަށްފަހުގަ އެވެ. (އަލްޖަޒީރާ)