11 Jan 2013, 14:48
ކުއެޓާ (ޖަނަވަރީ 11): ޕާކިސްތާނުގެ ކުއެޓާ ސިޓީގައި ހިންގި ބޮން ގޮއްވުމުގެ ދެ ޙަމަލާއެއްގައި 81 މީހުން މަރުވެ ސަތޭކައަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.
ޕާކިސްތާން ފުލުހުން ބުނި ގޮތުގައި އިއްޔެ އިރުއޮއްސެން ގާތްވެފައި ވަނިކޮށް ގޮއްވާލި މިދެބޮމުގެ ތެރެއިން އެއް ބޮން ގޮއްވާލާފައި ވަނީ ބިލާޔާޑް ކުޅުމަށް މީހުން ޖަމާވެފައިވާ ކްލަބެއްގެ ހޯލް ތެރޭގަ އެވެ. މިއީ އަމިއްލައަށް މަރުވެގެން ދިން ޙަމަލާއެއް ކަމަށްވެ އެވެ. އަނެއް ބޮންމަކީ ކާރުބޮމެކެވެ. އެބޮން ގޮއްވާލާފައި ވަނީ ކުއެޓާގެ މީހުން ބައިބޯ އެހެން ސަރަޙައްދެއްގައި އޭގެ 10 މިނިޓު ފަހުން ކަމަށް ފުލުހުން ބުނެ އެވެ. ގިނަ މީހުން މަރުވީ ކާރު ބޮމުގެ ޙަމަލާގަ އެވެ. މި ދެ ބޮން ގޮއްވާލުމުގެ ކުރިން ކުއެޓާގެ މީހުން ތޮއްޖެހިފައިވާ ބާޒާރެއްގައި އިއްޔެ ހެނދުނު ހިންގި ބޮން ގޮއްވުމުގެ އެހެން ޙަމަލާއެއްގައި 11 މީހަކު މަރުވެފައިވެ އެވެ.
ޕާކިސްތާނުގެ ހައްދުފަހަނަޅާފައިވާ ސުންނީ ޖަމާއަތެއް ކަމަށްވާ "ޖަންޖަވީ" ޖަމާޢަތުންވަނީ ކާރުބޮން ގޮއްވާލީ އެޖަމާއަތުން ކަމަށް އަމިއްލައަށް އެއްބަސްވެފަ އެވެ. ކާރުބޮން ގޮއްވާލި ސަރަހައްދަކީ ޝިޔަޢީންގެ އާބާދީ ބޮޑު ސަރަޙައްދެއް ކަމަށްވެ އެވެ. ކުއެޓާ އަކީ ޕާކިސްތާނުގެ ހުޅަނގުގެ ދެކުނުގެ ބަލޫޗިސްތާން ޕްރޮވިންސްގެ ވެރިރަށެވެ. މިއީ ޝިޔަޢީންގެ އާބާދީ ބޮޑު ޕްރޮވިންސެކެވެ. ބަލޫޗިސްތާނަކީ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކާއި ސަރުކާރަށް ނުކިޔަމަންތެރި ހަނގުރާމަވެރި ޖަމާއަތްތަކުގެ ހާއްޔެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިއްޔެ ދިން ޓެރަރިސްޓް ޙަމަލާތަކުގައި ގިނަ އިން މަރުވެ އަދި ޒަޚަމްވެފައި ވަނީ ޝިޔަޢީންނެވެ. ބަލޫޗިސްތާން ސަރަޙައްދުގައި މިދިޔަ އަހަރު ޝިޔަޢީންގެ މިސްކިތެއް ވެސް ގޮއްވާލައި އެތައް ބަޔަކު މަރާލާފައިވެ އެވެ. އަދި އީރާނުގައިވާ ޝިޔަޢީންގެ މަޒާރަކަށް ދިޔުމަށް މިސަރަޙައްދުން ދަތުރުކުރި ދެ ބަހަކަށް މިދިޔަ ޑިސެމްބަރު މަހުގެ ފަހު ހަފްތާގައި ޙަމަލާދީ އޭގައި ތިބި ޝިޔަޢީންގެ 30 އަށް ވުރެ ގިނަ މީހުން މަރާލާފައިވެ އެވެ. (އަލްޖަޒީރާ)